ރިސޯޓުތަކުން މިދިޔަ އަހަރު ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރި ފައިސާގެ ތެރެއިން މާރުކުރީ އެންމެ 68 މިލިއަން ޑޮލަރުކަން ހާމަވެއްޖެއެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު މީޑިއާތަކާ ހިއްސާކުރި މައުލޫމާތުން ދައްކާ ގޮތުން މިދިޔަ އަހަރު ރިސޯޓްތަކަށް 4.5 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނެވެ. ނަމަވެސް އޭގެ ތެރެއިން ރާއްޖޭގައި ހިންގާ ބޭންކުތަކަށް ޖަމާކުރީ 2.3 ބިލިއަން ޑޮލަރެވެ. އެއީ ލިބުނު އާމްދަނީގެ 52 ޕަސެންޓެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި ރިސޯޓްތަކުން ބޭންކުތަކަށް ޖަމާކުރި ފައިސާގެ ތެރެއިން މާރުކުރި 68 މިލިއަން ޑޮލަރަކީ ޖަމާކުރި ފައިސާގެ އެންމެ ތިން ޕަސެންޓެވެ.
މި އަދަދަކީ ކޮވިޑުގެ ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން، 2019 ވަނަ އަހަރު ޖަމާކުރި ފައިސާއަށްވުރެ ދަށް އަދަދެކެވެ. އެމްއެމްއޭ އިން ދިން މައުލޫމާތަށް ބަލާއިރު 2019 ވަނަ އަހަރު ރިސޯޓްތަކަށް އާމްދަނީގެ ގޮތުގައި ލިބުނީ 3.4 ބިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 2.5 ބިލިއަން ޑޮލަރު ބޭންކުތަކަށް ޖަމާކުރި އިރު، މާރުކުރީ 152.5 މިލިއަން ޑޮލަރެވެ. އެއީ ޖަމާކުރި ފައިސާގެ ހަ ޕަސެންޓެވެ.
ރިސޯޓުތަކުން ޖަމާކުރާ ފައިސާ ދަށްވުމާ ގުޅިގެން ބޭންކުތަކަށް ބޭނުންވާ ޑޮލަރު ދޭންޖެހެނީ އެމްއެމްއޭ އިންނެވެ. އެގޮތުން 2019 ގައި އެމްއެމްއޭ އިން ބޭންކުތަކަށް 376.6 މިލިއަން ޑޮލަރު ދޫކުރި އިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 480.1 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ 27 ޕަސެންޓްގެ އިތުރުވުމެކެވެ.
ރިސޯޓްތަކުން ބޭންކުތަކަށް މާރުކުރަން ލިބޭ ޑޮލަރު މަދުވި ނަމަވެސް 2019 އާއި މިދިޔަ އަހަރާ އަޅާބަލާއިރު ބޭންކުތަކުގައި ބަހައްޓާފައި ހުރި ބޭރު ފައިސާގެ ޑިޕޮސިޓް ވަނީ 1.2 ބިލިއަން ޑޮލަރުން 1.8 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ 45 ޕަސެންޓުގެ އިތުރުވުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު