ބޫޓާންގައި ކުރިއަށްދާ ސާފް 17 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި މިއަދު އިންޑިއާ ކައިރިން 3-0 އިން ބަލިވެ، މުބާރާތުން ކަޓައިފިއެވެ.
ބޫޓާންގެ ޗަންގްލިމިތަންގް ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗުން ބަލިވެ، ރާއްޖެއިން ގްރޫޕް ސްޓޭޖު ނިންމާލީ އެއް ޕޮއިންޓާއެކުގައެވެ. އެއީ ފުރަތަމަ މެޗުގައި ބަންގުލަދޭޝްއާ އެއްވަރުކޮށްގެން ރާއްޖެއިން ހޯދި ޕޮއިންޓެވެ. ގްރޫޕް އޭގައި ރާއްޖެއާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް ހިމެނިފައިވާ އިރު، އެއްވަނައިގައި ސެމީ ފައިނަލަށް ދިޔައީ އިންޑިއާއެވެ. އެއީ ދެ މެޗުންވެސް މޮޅު ވެގެންނެވެ.
ބަންގުލަދޭޝްއިންވެސް ޕޮއިންޓެއް ހޯދި އިރު، ރާއްޖެ ކެޓީ ފައިދާ ގޯލުގެ ތަފާތުން ތިންވަނައަށް ދިޔުމުންނެވެ. މީގެ ކުރިން 2022 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ސާފް 17 އަހަރުން ދަށުގެ މުބާރާތް ކާމިޔާބުކުރި އިންޑިއާގެ އިތުރުން ވަރުގަދަ ބަންގުލަދޭޝްއާއެކު ގްރޫޕްގައި ރާއްޖެ ހިމެނި، އެފަހަރުވެސް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ 11 ގައި ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ފެނިގެން ގޮސްފައެއް ނުވެއެވެ. ބަންގުލަދޭޝް ކޮޅަށް ގޯލުވެސް ޖެހި އިލާނާ ނުލައި މިއަދުގެ މެޗަށް ރާއްޖެ ނުކުތީ ކެޕްޓަނެއްގެ ގޮތުގައި އީތަން އިބްރާހީމް ޒަކީ ހަމަޖައްސައިގެންނެވެ.
މެޗު ފެށިގެންވެސް އިންޑިއާއިން ޑޮމިނޭޓްކޮށް، މެޗުގެ ކުރީކޮޅުގައި އެޓީމުން ލީޑު ނެގިއެވެ. އިންޑިއާގެ ކުރިއަށް ކުޅޭ މަންބަކުޕާރް މަލަންޖިއަން ނަގައިދިން ހުރަސް ބޮލުން ގޯލަށް ވައްދާލައިގެން އިންޑިއާގެ ފުރަތަމަ ގޯލު ޖެހީ އަހޮންޝަންބަމް ސަމްސޮންއެވެ.
ފުރަތަމަ ހާފުގެ ބާކީބައިގެ އިތުރުން ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ރާއްޖެއިން އިންޑިއާއަށް އިތުރު ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓާލީ ކީޕަރު ހަސަން މާހިލް ނަސީރުގެ ގިނަ ސޭވްތަކަކާއެކުގައެވެ. މާހިލްގެ ފަރަތުން ގިނަ ސޭވްތަކެއް ފެނިގެން ދަނިކޮށް، އިންޑިއާއިން ދެވަނަ ގޯލެއް ޖެހީ މާހިލް އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އެ ގޯލު ޖެހީ ހެމްނެއިޗުންގް ލުންކިމްއެވެ.
އެ ގޯލާއެކު އިންޑިއާއިން މެޗުގެ ކޮންޓްރޯލް އެއްކޮށް ހޯދައި، މެޗު ނިމެން ދަނިކޮށް ރާއްޖެ ކޮޅަށް ތިންވަނަ ގޯލެއްވެސް ޖެހިއެވެ. ދުރުން ފޮނުވާލި ހިތްގައިމު ބޯޅަކުން އެ ގޯލުވެސް އިންޑިއާއަށް ޖަހައިދިނީ ލުންކިމްއެވެ.
ސާފް 17 އަހަރުން ދަށުގެ މުބާރާތް
ސާފް 17 އަހަރުން ދަށުގެ މުބާރާތް
ސާފް 17 އަހަރުން ދަށުގެ މުބާރާތް
ސާފް 17 އަހަރުން ދަށުގެ މުބާރާތް