މަރާމާތަށް ބަންދުކުރާ ރިސޯޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދޭ މުއްދަތު ތިން އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެގޮތަށް ނިންމާފައިވަނީ، ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދަށް އިސްލާހު ގެނެސްގެންނެވެ.

ގެޒެޓުގައި މިއަދު އާންމުކުރި އެ އިސްލާހުގައިވާ ގޮތުން ހިންގަމުން އަންނަ ތަނެއްގެ ފެންވަރު މަތިކުރުމަށްޓަކައި މަރާމާތަށް ތަން އެކީގައި ބަންދުކުރާ ނަމަ، އެފަދައިން ބަންދުކުރުމަށް އެ ގަވާއިދުގެ ދަށުން މިނިސްޓްރީން ހުއްދަދޭ މުއްދަތުގެ ކުލި ފަސްކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މަރާމާތުގެ މުއްދަތުގެ ގޮތުގައި ދެވޭ މުއްދަތު ހަމަވުމުން އެތަނެއްގެ ކުލި ހިނގަން ފަށާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

އިސްލާހުގައި ބުނީ، މަރާމާތަށް ތަނެއް ބަންދުކުރަން ހުއްދަ ދެވޭނީ ގިނަވެގެން ތިން އަހަރުގެ މުއްދަތަށް ކަމަށާއި ނަމަވެސް މުޅި ތަން އެކީގައި ތަޅާލައި އަލުން އެއްކޮށް ތަރައްގީކުރާ ނަމަ، ގިނަވެގެން ތިން އަހަރާއި ހަ މަސް ދުވަހުގެ މުއްދަތައް ހުއްދަ ދެވޭނެ ކަމަށެވެ.

ބަންދުކުރަން ދީފައިވާ މުއްދަތު ހަމަވާ އިރު، އެ ތަނެއް ހިނގަން ފެށިފައި ނުވާ ނަމަ، މަސައްކަތްކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރީން ތަނުގައި ތިބިކަމުގެ އިގުރާރެއް މިނިސްޓްރީއަށް ހުށަހެޅުމުން މުއްދަތު އިތުރުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށާއި މިނިސްޓްރީ ބަލައި ބެލުމުގައި އެ ފަރާތަކުން ހުށަހަޅާ އިގުރާރުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އަމަލުކޮށްފައިވާކަން ފާހަގަކުރެވިއްޖެ ނަމަ، ހުއްދަ ބާތިލުކުރުމުގެ އިހުތިޔާރު ވެސް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މީގެ ކުރިން ތަނެއް ބަންދުކުރުމަށް ހުއްދަދެމުންދިޔައީ ފުރަތަމަ ފަހަރަށް ގިނަވެގެން އެއް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި މުއްދަތު ހަމަވާ އިރު، 50 ޕަސަންޓް މަސައްކަތް ފުރިހަމަކޮށްފައިވާ ނަމަ، މިނިސްޓްރީން ބެލުމަށްފަހު އިތުރު އެއް އަހަރުގެ މުއްދަތެއް ދެއެވެ.