އައްޑޫ ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ މެނޭޖަރު އަދި ކޭސް ވޯކަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ އާމިނަތު ސައީދު، އެ މަގާމުން ވަކިކުރި މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން ހައި ކޯޓަށް ފޮނުވައިފިއެވެ.
މިމައްސަލަ އުފެދުނީ، އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބެލި ހަޒާނާތުގެ މައްސަލައެއްގެ ތެރެއަށް ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން ވަނުމާ ގުޅިގެންނެވެ.
އެ މައްސަލައިގައި ވަކި ފަރާތަކަށް ބުރަވެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ، ހަޒާނާތުގެ މައްސަލައިގައި ހިމެނޭ ކުދިންގެ މަންމަ މިނިސްޓްރީއަށް މައްސަލަ ހުށަހެޅިއެވެ.
އެކަމާ ގުޅިގެން މިނިސްޓްރީގެ ޓީމެއް ސ. ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރުން އަމަލުކޮށްފައިވާ ގޮތް ބެލިއެވެ. އަދި އެ ޓީމުން ހޯދި މައުލޫމާތަކަށް ބިނާކޮށް މިނިސްޓްރީގެ ސޯޝަލް ސާވިސް ޑިޕާޓްމަންޓުން ކޭސްތަކުގައި މަސައްކަތްކޮށްފައިވާ ގޮތުގެ އިންޓާނަލް އިންކުއަރީ ރިޕޯޓް އެކުލަވާލުމަށްފަހު، އެ ރިޕޯޓުން އެފްސީއެސްސީ ތަކަށް ހުށަހެޅޭ މައްސަލަތަކުގައި ފޯރުކޮށްދޭންޖެހޭ އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކަށައެޅިފައިވާ އުސޫލާ ހިލާފަށް އާމިނަތު ސައީދު މަސައްކަތްކޮށްފައިވާ ކަމަށް ބުނެ، 12 ފެބުރުއަރީ 2018 ގައި އޭނާ ވަޒީފާއިން ވަކި ކުރިއެވެ.
ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރީ ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކޮށްގެން ކަމަށް ބުނެ އާމިނަތު ސައީދުގެ ފަރާތުން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.
ޓްރައިބިއުނަލްގައި އޭނާ އެދިފައިވަނީ ވަޒީފާއިން ވަކިކުރީ ގާނޫނާއި ކަމާގުޅޭ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށާއި، ވަޒީފާ އަނބުރާ އިއާދަކުރާ ދުވަހާ ހަމައަށް ލިބެންޖެހޭ އެންމެހައި މުސާރަ އާއި އިނާޔަތްތައް ލިބިދިނުމަށެވެ.
ނަމަވެސް އެ މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެ، މައުލޫއީ އަދުލުވެރިކަން ގާއިމުކުރުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން އޭނާ އެދުނު ގޮތަށް ވަޒީފާ އިއާދަކޮށްދިނުމަށާއި ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ވެސް ނިންމުމުގައި ވެއެވެ.
އެކަމާ ގުޅިގެން ޓްރައިބިއުނަލްގެ ނިންމުން އޭނާ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅިއެވެ.
ހައިކޯޓުން ނިންމީ އެ މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ނަމަވެސް ހައިކޯޓުގެ ނިންމުމާ މެދު ވެސް ހިތްހަމަ ނުޖެހިގެން އެ މައްސަލަ ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހެޅިއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ ހައިކޯޓުގެ ހުކުމް ބާތިލް ކަމަށެވެ. އަދި އާމިނަތު ސައީދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި އެ މައްސަލަ އަލުން ހައިކޯޓަށް ފޮނުވީ ކަމަށްވެސް ހުކުމްގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު