އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން އެންމެފަހުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީއަށް ކުރިއަށް އޮތް ސީޒަން އެއްކޮށް ގެއްލިދާނެ ކަމަށް ބައެއް ނޫސްތަކުން ބުނެފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އާސެނަލާއި ސިޓީން ވާދަކުރި މެޗުގައި ރޮޑްރީއަށް އަނިޔާވެ، 21 ވަނަ މިނެޓުގައި އޭނާ ބާލަން ޖެހިފައިވެއެވެ. ބަދަލުގައި ކުޅެން ނުކުތީ މަޓެއޯ ކޮވަސިޗެވެ.

މެޗަށްފަހު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ ރޮޑްރީއަށް ލިބުނު އަނިޔާގެ ތަފްސީލު އެވަގުތު ބުނަން ނޭނގޭ ކަމަށެވެ. އެެހެން ނަމަވެސް ވަރަށް ބޮޑުވަރު ވެގެން ނޫން ގޮތަކަށް ރޮޑްރީ ދަނޑު ދޫކޮށް ނުފައިބާނެ ކަމަށް ގާޑިއޯލާ ބުންޏެވެ. އޭގެ އިތުރުން ގާޑިއޯލާ ބުނީ ރޮޑްރީއާ ނުލައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހިއްޖެނަމަ އެއީ އުނދަގޫވާނެ ހާލަތެއް ކަމަށާއި، ރޮޑްރީއަކީ ބެލޮންޑިއޯވެސް ލިބުން އެންމެ ގާތް، ދުނިޔޭގެ އެއްވަނަ މިޑްފީލްޑަރު ކަމަށެވެ.

އިތުބާރު ބައެއް ނޫސްތަކުން ބުނެފައި ވަނީ ރޮޑްރީ ކަކުލުގެ އޭސީއެލްއަށް ގެއްލުންވެފައިވާ ކަމަށާއި، ބެލެވޭ ގޮތުގައި ރޮޑްރީ ސާޖަރީއަކަށް ދާނެ ކަމަށެވެ. އަދި ސާޖަރީއަކަށް ގޮސްފިނަމަ، ސީޒަން އެއްކޮށް ކަހަލަގޮތަކަށް ގެއްލޭނެ ކަމަށް ބެލެވޭ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ.

އުމުރުން 28 އަހަރުގެ ރޮޑްރީއަކީ ނިމިދިޔަ ޔޫރޯ 2024 ގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. މިދިޔަ ސީޒަނުގައި ސިޓީއާއެކު ލީގު ހޯދާފައިވާ ރޮޑްރީއަކީ މިއަހަރުގެ ބެލޮންޑިއޯއަށްވެސް ފެވަރިޓެކެވެ. 2019 ވަނަ އަހަރު ސިޓީއާ ގުޅުނު މިޑްފީލްޑަރަކީ ގާޑިއޯލާގެ ޓީމުގައިވެސް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. ރޮޑްރީއާއެކު ސިޓީން ކުޅުނު މެޗުތަކުގެ ތެރެއިން 74 ޕަސެންޓް މެޗުތައް ކާމިޔާބުކޮށްފައިވާ އިރު، އޭނާ ހުރެގެން ބަލިވީ އެންމެ 11 ޕަސެންޓް މެޗުންނެވެ. އޭނާ ނެތި އެ ތަފާސް ހިސާބު ތަފާތެވެ. ރޮޑްރީއާ ނުލައި، ސިޓީގެ މޮޅުވުވުމުގެ ރޭޓަކީ 64 ޕަސެންޓެވެ. އަދި 24 ޕަސެންޓް މެޗުތަކުން ވަނީ ބަލިވެފައެވެ.