ސްޕެނިޝް ލަ ލީގާގައި ރޭ ބާސެލޯނާއިން ވިލަރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެން ސާޖަރީ ފުރިހަމަކޮށްފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.
ރޭގެ މެޗުން ބާސާއިން 5-1 އިން މޮޅުވެފައިވާ އިރު، މެޗުގައި ބާސާއަށް ކުރިމަތިވި ހަމައެކަނި މާޔޫސް ކަމަކީ ފުރަތަމަ ހާފު ނިމެން ދަނިކޮށް ކެޕްޓަން، ސްޓެގެންއަށް އަނިޔާވެ ބާލަން ޖެހުމެވެ. އުމުރުން 32 އަހަރުގެ ޖަރުމަނު ގޯލްކީޕަރުގެ ކަނާތު ކަކުލަށް އަނިޔާވެފައިވަނީ ބޯޅަ ހިފުމަށްފަހު ބިންމަތީގައި ޖެހުމުގެ ތެރޭގައެވެ. މެޗަށްފަހު ކޯޗު ހާންސޭ ފްލިކް ބުނީ ސްޓެގެންގެ އަނިޔާ ސީރިއަސް ކަމަށާއި އެ މަންޒަރު މެޑިކަލް ޓީމުގެ ފަރާތުން ފެނުނު ކަމަށެވެ.
ސްޓެގެންއަށް އަނިޔާވެ ސްޓްރެޗާގައި ބާލަން ޖެހުނު އިރު، ކްލަބުން މިއަދު ބުނީ މިއަދުން މިއަދަށް ސްޓެގެންގެ ސާޖަރީ ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރަށް ދާން ޖެހޭނެ ވަކި މުއްދަތެއް އަދި ނޭނގޭ ކަމަށްވެސް ބާސާއިން ބުންޏެވެ. ބެލެވޭ ގޮތުގައި ސްޓެގެންއަށް ސީޒަނުގެ ބޮޑު ބައެއް ގެއްލޭނެއެވެ. އެއީ ސްޓެގެންގެ ކަކުލުގެ ޕަޓޭލާ ޓެންޑަންއަށް ގެއްލުންވެފައިވާތީއެވެ.
ސްޓެގެން ބާސާއަށް 400 މެޗު ކުޅެފައިވާ އިރު، އޭނާ އެ ކްލަބާ ގުޅިފައިވަނީ 2014 ވަނަ އަހަރު ބްރޫޝިއާ މޮންޗެންގްލެޑްބެޗުންނެވެ. ސްޓެގެންއަކީ މިވަގުތު ޖަރުމަނު ގައުމީ ޓީމުގެވެސް އެއް ނަމްބަރު ގޯލްކީޕަރެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ