ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އަންގާފައިވާ ގޮތަށް އެ އިދާރާގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓް މިހާރު ނިންމާފައިވާ ކަމަށާއި، ރަސްމީކޮށް ލިޔެކިޔުންތައް ފޮނުވޭނީ އަންނަ މަހު ބާއްވާ އާއްމު ބައްދަލުވުމަކުން ފާސްކޮށްފައި ކަމަށް ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެއެވެ.

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވެސް ރައީސް ލަތީފް ވީއޭއެމްގެ ރައީސްކަމާ ހަވާލުވެވަޑައިގެންފައިވަނީ މިއަހަރު މާޗު މަހުގެ ތެރޭގައެވެ. އެއީ ވީއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށްފަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކުންނެވެ. ލަތީފް ވީއޭއެމްގެ ރައީސަށް އިންތިހާބުވެވަޑައިގެންނެވީ، މިހާރު ހިނގަމުންދާ ވޮލީ އެސޯސިއޭޝަންގެ ހިންގާ ބޯޑުގެ ދައުރުގައި ބާކީ އޮތް އަހަރަށެވެ.

ވީއޭއެމުން މިދިޔަ މާޗު މަހު 15 ގައި ފުރަތަމަ އިންތިހާބެއް ބާއްވަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ސްޕޯޓްސް ކޮމިޝަނަރުގެ އެންގުމާއެކު އިންތިހާބު މަޑުޖައްސާލިއެވެ. އަދި އޭގެފަހުން ބާއްވަން މަސައްކަތް ކުރި އިންތިހާބު ބާއްވަން ކޮމިޝަނަރު ފުރުސަތު ދިނީ ޝަރުތުތަކަކާ އެކުގައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ވީއޭއެމްގެ 2020، 2021، 2022 އަދި 2023ގެ އޮޑިޓް ރިޕޯޓުތައް އެކުލަވާލައި، އިންތިހާބީ އިޖުރާއަތްތައް ފުރިހަމަކުރުންވެސް ހިމެނެއެވެ.

އެ ޝަރުތުތަކާއެކު އަލުން މާޗު މަހު ފަހުކޮޅުގައި އިންތިހާބު ބޭއްވި އިރު، 90 ދުވަހުގެ ތެރޭގައި އޮޑިޓް ހުށަހަޅަން ވަނީ ނިންމައިފައެވެ. އެ މުއްދަތަށް އޮޑިޓް ރިޕޯޓް ނިންމާނުލެވުނު ނަމަވެސް، ވީއޭއެމްއިން މިހާރު އޮޑިޓް ރިޕޯޓުގެ ޑްރާފްޓެއް ސްޕޯޓްސް ކޮމިޝަނަރާ ހިއްސާކޮށްފައިވާ ކަމަށް ކޮމިޝަނަރު "ވަން ސްޕޯޓްސް"އަށް ވަނީ ވިދާޅުވެފައެވެ.

"ވީއޭއެމްގެ މިދިޔަ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓް ތައްޔާރުކޮށް، އަޅުގަނޑާ ހަމައަށްވެސް އެ ރިޕޯޓް ނުރަސްމީ ސިފައެއްގައި މިހާރު ވަނީ އައިސްފައި. އެ ރަސްމީކޮށް ހުށަހެޅެން އޮންނަނީ އިތުރު ބައްދަލުވުމަކަށްފަހު. އެހެންވީމަ އެ ބައްދަލުވުން އަވަސްކޮށް ބާއްވަން ވީއޭއެމްއަށް ވާނީ އަންގާފައި،" ތޮލާލް މިއަދު "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

ޖަލްސާއެއް ބޭއްވުމާ ގުޅޭގޮތުން ވީއޭއެމްއަށް ސުވާލު ކުރިމަތިކުރުވުމުން ރައީސް ލަތީފް "ވަން ސްޕޯޓްސް"އަށް ވިދާޅުވީ އޮޑިޓް ރިޕޯޓް ތައްޔާރުކޮށްފައިވަނީ ކޮމިޝަނަރު ގަބޫލުކުރާނެ ފާމްއެއް ނަގައިގެން ކަމަށާއި، އެ ބުރަ މަސައްކަތް ނިންމާލެވިފައިވާނެ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އާއްމު ބައްދަލުވުމަކާއެކު ރިޕޯޓް ފާސްކޮށް ރަސްމީކޮށް ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ލަތީފް އިތުރަށް ވިދާޅުވީ މިއަހަރުގެ އޮޑިޓް ރިޕޯޓް އަންނަ އަހަރު ޖެނުއަރީ މަސް ތެރޭގައި ނިންމައި ކޮމިޝަނަރަށް ހުށަހަޅުއްވާނެ ކަމަށާއި، ވީއޭއެމްގެ އިދާރީ ކަންކަމުގައި އޭރުން "ބެކް ލޮގް"އެއް ނޯންނާނެ ކަމަށެވެ.

ވީއޭއެމްގައި ކުރިން އޮތް އިންތިހާބީ އެކްސްކޯގެ ތެރޭގައި މައްސަލަ ބޮޑުވެ، އެ އިދާރާ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއީ މުހައްމަދު ރަނޭޝް (ރަނޭ) ގެ ރައީސްކަމުގައެވެ. އެކަންކަމުގެ ތެރެއިން ރަނޭ މަގާމުން އިސްތިއުފާ ދެއްވި އިރު، އެސޯސިއޭޝަން އޮތީ ގަވާއިދާ ހިލާފުވެފައެވެ. އަހަރީ އާއްމު ބައްދަލުވުންތަކުގެ އިތުރުން އެކްސްކޯ ބައްދަލުވުންތައްވެސް ގަވާއިދުން ބާއްވާފައި ނުވާ އިރު، އަހަރީ ރިޕޯޓާއި ފައިސާ ހަރަދުކުރި ތަފްސީލުތައްވެސް ހުށަހަޅަމުން ގޮސްފައެއް ނުވެއެވެ.

އެ މައްސަލަތައް ހައްލުވުމަކާ ހަމައަށް އައިސްފައިވަނީ އެސޯސިއޭޝަންގެ ހިންގާ ގަވާއިދު، ސްޕޯޓްސް ކޮމިޝަނަރު ގަބޫލުކުރައްވާ ގޮތަށް އިސްލާހުކޮށް، އާ އިންތިހާބެއްވެސް ބާއްވައިގެންނެވެ.