ސްޕެނިޝް ލަ ލީގާގައި ރޭ ބާސެލޯނާ އިން ކުޅުނު މެޗުގައި ވިލަރެއާލް ކައިރިންވެސް ބޮޑު މޮޅެއް ހޯދައިފިއެވެ.
މިހާތަނަށް ސީޒަނުގައި ކުޅުނު ހުރިހާ ލީގު މެޗަކުންވެސް މޮޅުވަމުން އަންނަ ބާސާއިން ރޭ ރަށުން ބޭރުގައި މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުވެސް ކާމިޔާބުކޮށްފައިވާ ބާސާ އެއްވަނައިގައި 18 ޕޮއިންޓާއެކު އޮތްއިރު، އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ދެވަނައިގައި މި ވަގުތު އޮތީ ހަ މެޗުން 14 ޕޮއިންޓާއެކުގައެވެ. ރޭ ބަލިވި ވިލަރެއާލް މި ވަގުތު ފަސްވަނައިގައި އޮތީ ހަ މެޗުން 11 ޕޮއިންޓާއެކުގައެވެ.
މިދިޔަ ހަފުތާ ތެރޭގައި ކުޅުނު ޗެމްޕިއަންސް ލީގު މެޗުން ބަލިވެފައި އޮތް ބާސާ އިން ރޭގެ މެޗު ފެށީ ވަރުގަދަކޮށެވެ. ފުރަތަމަ ކޮޅުގައިވެސް ވަރުގަދަ އެޓޭކުތައް އުފެއްދިއެވެ. އެގޮތުން ރަފީނިއާ ފޮނުވާލި ހަމަލާއެއް ވިލަރެއާލް ޑިފެންސުން މަތަކުރީ ގޯލު ރޮނގުމަތިން ކަހަލަ ގޮތަކަށެވެ. އަދި އުމުރުން 17 އަހަރުގެ ތަރި ލެމިން ޔަމާލް ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.
ފުރަތަމަ މިނެޓުން ފެށިގެންވެސް ވަރުގަދަ ހަމަލާތަކެއް އުފައްދަމުންދިޔަ ބާސާ އިން ވަނީ 20 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ ރޮބާޓް ލެވަންޑޯސްކީއެވެ. އޭގެ 15 މިނެޓް ފަހުން ރީބައުންސް ބޯޅައެއްގައި ލިބުނު ފުރުސަތުގައި ލެވަންޑޯސްކީ ބާސާގެ ލީޑު އިތުރަށް ފުޅާކުރި އިރު، ވިލަރެއާލްގެ ގޯލުވެސް ހާފު ނިމުމުގެ ކުރިން ފެނިގެންދިޔައެވެ. އެ ގޯލު ޖެހީ އަޔޯޒީ ޕެރޭޒްއެވެ.
ދެވަނަ ހާފަށް ނުކުމެ ބާސާގެ ލީޑު ދެވަނަ ފަހަރަށް ފުޅާކޮށްދިނީ ޕަބްލޯ ޓޮރެސް ޖަހައިގެން ގޯލުންނެވެ. އޭގެ އިރުކޮޅެއް ފަހުން ޔަމާލަށް، އޭރިއާ ތެރެއިން އެރިކް ބެއިލީ ކުރި ފައުލަށް ރެފްރީ ޕެނަލްޓީއެއް ދިންއިރު، ހެޓްރިކް ފުރިހަމަކުރަން ލެވަންޑޯސްކީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ.
މެޗުގެ ފަހުކޮޅުގައި ބާސާ އިން ޖެހި އަނެއް ދެ ގޯލުވެސް ކާމިޔާބު ކޮށްދިނީ ރަފީނިއާއެވެ.
ރޭގެ މެޗުގައި ބާސާއަށް ކުރިމަތިވި ހަމައެކަނި މާޔޫސް ކަމަކީ ފުރަތަމަ ހާފު ނިމެން ދަނިކޮށް ކެޕްޓަން، ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓެގެންއަށް އަނިޔާވެ ބާލަން ޖެހުމެވެ. އުމުރުން 32 އަހަރުގެ ޖަރުމަނު ގޯލްކީޕަރުގެ ކަނާތު ކަކުލަށް އަނިޔާވެފައި ވަނީ ބޯޅަ ހިފުމަށްފަހު ބިންމަތީގައި ޖެހުމުގެ ތެރޭގައެވެ. މެޗަށްފަހު ފްލިކް ބުނީ ސްޓެގެންގެ އަނިޔާ ސީރިއަސް ކަމަށާއި އެ މަންޒަރު މެޑިކަލް ޓީމުގެ ފަރާތުން ފެނުނު ކަމަށެވެ.
ބާސާއިން ރޭގެ މެޗުގައި ސްޓީގަންގެ ބަދަލުގައި ދަނޑަށް ނެރެފައި ވަނީ އިނާކީ ޕެނާއެވެ. އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ