އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ދެ ސީޒަނުގައިވެސް އެންމެ ވާދަވެރިކޮށް ފެނިގެންދިޔަ އާސެނަލާއި މެންޗެސްޓާ ސިޓީން ކުރިމަތިލި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މިރޭ ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި އާސެނަލާއި ސިޓީން ކުޅުނު ވާދަވެރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިދިޔަ ދެ ސީޒަނުގައިވެސް އާސެނަލާއި ސިޓީން ތަށީގެ ރޭހުގައި ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، އެ ދެ ސީޒަނުގައިވެސް ސިޓީން ޗެމްޕިއަންކަން ހޯދީ ސީޒަން ފަހުކޮޅުގައި ތަފާތު ދައްކައިގެންނެވެ. މިދިޔަ ސީޒަނުގެ ސީޒަނުގެ ފަހުކޮޅަށް ދަންދެންވެސް ތާވަލުގެ އެއްވަނައިގައި އާސެނަލް ލީޑު ކުރަމުންދިޔަ ނަމަވެސް، ފަހުވަގުތު އެޓީމަށް އެއްވަނަ ގެއްލި ސިޓީން ތަށި ނެގިއެވެ.
މިރޭގެ މެޗު ފެށިގެން މާގިނައިރެއްނުވެ ސިޓީން ވަނީ ލީޑު ނަގައިފައެވެ. އާސެނަލްގެ ފަހަތުން ދެ ސެންޓަ ބެކުންގެ ދޭތެރެއިން ދެމިގަނެ ހާލަންޑް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ބޫޓު ކޮޅުން ފޮނުވާލި ހަމަލާއަކުންނެވެ. މިހާތަނަށް މި ސީޒަނުގައި ކުޅުނު ފަސް ލީގު މެޗުން ހާލަންޑް 10 ގޯލު ޖަހައިދީފައިވާ އިރު، މިރޭގެ މެޗުގައި އޭނާ ޖެހި ގޯލަކީ ސިޓީ ޖާޒީގައި އޭނާ ޖެހި 100 ވަނަ ގޯލެވެ.
އެ ގޯލާއެކު ސިޓީން ލީޑު ނެގި ނަމަވެސް، އިރުކޮޅެއްގެ ތެރޭގައި އާސެނަލުން ވަނީ މެޗަށް އަނބުރައި ވަދެ، ނަތީޖާ އަނބުރާލައިފައެވެ. އެއީ އިޓަލީ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ ޖެހި ހިތްގައިމު ގޯލުގެ އިތުރުން ކޯނަރެއްގައި ބުކަޔޯ ސަކާ ނެގި ބޯޅައިން ގެބްރިއަލް ޖެހި ގޯލުންނެވެ.
އާސެނަލުން މެޗު ލީޑުކޮށް، ދެވަނަ ހާފަށް ވިސްނުން ބަހައްޓަމުން ދަނިކޮށް، މެޗުގެ އޮއިވަރު ބަދަލުވީ ހާފު ނިމެންދަނިކޮށް ދެވަނަ ރަތް ކާޑަކާއެކު ލެއާންޑްރޯ ޓްރޮސާޑަށް ދެއްކި ރަތް ކާޑާއެކުގައެވެ. ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް، ޓްރޮސާޑް ރެފްރީ ކަށިގަނޑު ފުމެލިފަހުން ބޯޅަ ޖެހުމުން ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު އޭނާއަށް ރަތް ކާޑު ދައްކައިފައެވެ.
އެއާއެކު ދެވަނަ ހާފުގެ ކޮންޓްރޯލް ސިޓީ އަތްމައްޗަށް ދިޔައެވެ. އެޓީމުން ވަރުގަދައަށް އެޓޭކް ކުރިއަށް ކުރިއަށް ޖެހި މަސައްކަތް ކުރަމުންދިޔަ އިރު، އާސެނަލުން އެޓޭކް ކުރުމުގެ ވިސްނުން ދޫކޮށްލައި، އެއްކޮށް ފަހަތަށް ޖެހިލިއެވެ. ނަތީޖާއެއްގެ ގޮތުން ތަފާތު އުކުޅުތައް ބޭނުންކޮށްގެންވެސް ޕެޕް ގާޑިއޯލާގެ ސިޓީއަށް ގޯލެއް ޖަހަން އުނދަގޫވިއެވެ. ކައިލް ވޯކާއާއި ޖޮސްކޯ ގްވާޑިއޯލްގެ އިތުރުން މަޓެއޯ ކޮވަސިޗް ދުރުން ފޮނުވާލި ހަމަލާތައް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ މަތަކުރި އިރު، ކައިރިން ހާލަންޑް ފޮނުވާލި ދެ ހަމަލާއެއްވެސް ރާޔާ މަތަކުރިއެވެ.
ސިޓީން ގޯލަކަށް ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހު ސިކުންތުގައެވެ. އެ ގޯލު ޖެހީ ބަދަލަކަށް ކުޅެން ނުކުތް ޖޯން ސްޓޯންސްއެވެ. އެ ގޯލު ސްޓޯންސް ޖެހީ ކޮވަސިޗް ފޮނުވާލި ބޯޅައެއް ރާޔާ މަތަކުރުމުން ލިބުނު ރީބައުންސް ބޯޅައިގައެވެ.
އާސެނަލް މިވަގުތު ތާވަލުގެ ހަތަރު ވަނައިގައި ފަސް މެޗުން 11 ޕޮއިންޓާއެކު އޮތް އިރު، ސިޓީ އެއްވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކުގައެވެ. މިރޭގެ މެޗުން ގެއްލުނު ދެ ޕޮއިންޓަކީ މިހާތަނަށް މި ސީޒަނުގެ ލީގުގައި ސިޓީއަށް ގެއްލުނު ފުރަތަމަ ދެ ޕޮއިންޓެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު