އިނގިރޭސި ސަރުކާރުން ސްޕޮންސާކޮށްގެން ފާސްކުރަން މަސައްކަތްކުރާ ފުޓުބޯޅަ ރެގިއުލޭޓަރުގެ ބިލާއެކު އެގައުމުގެ ފުޓުބޯޅަ ސަސްޕެންޑް ކުރާނެ ކަމަށް ޔޫއެފާއިން އިންޒާރު ދީފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
އިނގިރޭސި ސަރުކާރުން ފުޓުބޯޅައިގެ ކަންކަން ބެލުމަށް، ފުޓުބޯލް ގަވަނެސްސް ބިލްގެ ނަމުގައި މީގެ ކުރިން މާޗު މަހުވެސް ވަނީ އިނގިރޭސި ހައުސް އޮފް ކޮމަންސްއަށް ބިލެއް ވައްދާފައެވެ. އެހެންނަމަވެސް އެފަހަރު އެ ބިލު ފާސްވާ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް އޭގެފަހުން އާއްމު އިންތިހާބަށްފަހު މިހާރު ލޭބާ ޕާޓީން، ސަރުކާރުގެ ސަގާފަތާއި މީޑިއާ އަދި ކުޅިވަރާ ބެހޭ ވުޒާރާއިން ސްޕޮންސާކޮށް، އަލުން އެ ބިލް ވަނީ މަޖިލީހަށް ވައްދައިފައެވެ.
އެ ބިލުގައި ވާގޮތުން ކްލަބުތަކުގެ ފައިސާގެ ކަންކަަމާއި ދުވަހުން ދުވަހަށް ހިނގާ ކަންކަން ބެލެހެއްޓުމަށް ފާރަވެރިވާނެ މިނިވަން ފަރާތެއް ސަރުކާރާއެކު މަސައްކަތް ކުރާނެއެވެ. އަދި އޭގެތެރެއިން ކްލަބުތަކުގެ ފައިސާގެ ހާލަތު އެކަށީގެންވާ ހަރުދަނާ ގޮތެއްގައި ބަލަހައްޓަން މަޖުބޫރުކުރެވޭނެ ކަމަށް ބިލުގައި ބުނެއެވެ. އެ ކަންކަމާއެކު ދެން ބިލުގައި ބުނެފައި ވަނީ ރެގިއުލޭޓަރު ހަރަކާތްތެރިވާނީ ކްލަބުތަކުގެ މިނިވަންކަން، ފުޓުބޯޅައިގެ މިނިވަންކަން ނުގެއްލޭނެ ގޮތަކަށް ކަމަށެވެ.
އެހެން ބިލުގައިވާނަމަވެސް، އެ ބިލު ޑްރާފްޓް ކޮށްފައި މިހާރު އޮތް ގޮތުން އިނގިރޭސި ފުޓުބޯޅަގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ވަންނާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި އެކަމުގައި ޔޫއެފާއިން އިނގިރޭސި އެފްއޭއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
ލީކުވެފައިވާ ކަމަށް ބުނެފައިވާ ސިޓީގައި ޔޫއެފާއިން ބުނެފައިވަނީ ފުޓުބޯޅަ ރެގިއުލޭޓް ކުރާނެ ފަރާތެއް ހަމަޖެއްސުމުގެ ސަބަބުން އެފްއޭގެ މިނިވަންކަން ގެއްލޭ ކަމަށް ކަމަށެވެ. އަދި އެ ސިޓީގައި ބުނެފައި ވަނީ ބިލް މިހާރު އޮތް ގޮތަށް މަޖިލީހުން ފާސްކޮށް، ސަރުކާރުން ތަސްދީގު ކޮށްފިނަމަ އެފްއޭއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ފިޔަވަޅަކީ ސަސްޕެންޑް ކުރުން ކަމަށްވެސް ވެދާނެ ކަމަށް ނޫސްތައް ބުނެފައިވެއެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް