ކޮމަންވެލްތު ގޭމްސް ފެޑަރޭޝަން (ސީޖީއެފް) ގެ އޯޝެނިއާ އަދި އޭޝިއާ ރީޖަންގެ ބައްދަލުވުން މިއަދު ރާއްޖޭގައި ފަށައިފިއެވެ.
ކްރޮސް ރޯޑްސްގެ ޝާއީ ލެގޫންގައި މިއަދު ފެށި ބައްދަލުވުމަކީ މިހާތަނަށް ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް ބޭއްވޭ އެފަދަ އެންމެ ބޮޑު ބައްދަލުވުމެވެ. މިއަހަރުގެ ބައްދަލުވުމުގައި ޖުމުލަ 22 ގައުމެއްގެ މަންދޫބުން ބައިވެރިވަމުން ދެއެވެ. މި ބައްދަލުވުން ރާއްޖޭގެ އިތުރުން އޭޝިއާ ގައުމެއްގައިވެސް ބޭއްވިގެން ދާ ފުރަތަމަ ފަހަރެވެ. އެހެންކަމުން ބައްދަލުވުން ވެގެންދަނީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އިތުރުން ކުޅިވަރާ ބެހޭ އެންމެހާ އިދާރާތަކަށް ތާރީހީ އަދި ފަހުރުވެރި ބައްދަލުވުމަކަށެވެ.
މިއަދު ހެނދުނު ފެށި ބައްދަލުވުމުގެ ސެޝަންތައް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއަދު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުގެ އިތުރުން ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) އަދި ސީޖީއެފްގެ ރައީސް ކްރިސް ޖެންކިންސްވެސް ބައިވެރިވެވަޑައިގެންފައިވެއެވެެ.
ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ހާއްސަ އިވެންޓުގައި އެމްއޯސީގެ ރައީސް ސައްތާރު ވިދާޅުވީ، ދެ ރީޖަނެއްގެ ގައުމުތައް ތަމްސީލުކުރާ ސީޖީއެފްގެ އެންމެ ބޮޑު ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި މިއީ ތާރީހީ ބައްދަލުވުމެއް ކަމަށެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ ކުޅިވަރުގެ އެންމެ މަތީ ފެންވަރުގެ ބައްދަލުވުންތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، ރާއްޖޭގައި މިއަދު ފެށިގެން ދިޔަ ބައްދަލުވުމާއެކު ރަނގަޅު ކަންތައްތަކެއް ހާސިލުކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ ބައްދަލުވުމުގެ އިންތިޒާމުތަކުގެ ފުރިހަމަ ކަމަށް އިންތިޒާމުކުރައްވާ އެމްއޯސީއަށްވެސް ހާއްސަ ޝުކުރެެއް އަދާކުރައްވައިފައެވެ.
"ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނަކީ ރާއްޖޭގެ ކުޅިވަރަށް ގިނަ ކަންތައްތަކެއް ފަހިކޮށްދޭ ފަރާތެއް. އޭގެ އިތުރުން ސީޖީއެފްގެ ސަބަބުން ވަށައިގެންވާ ގައުމުތަކާ ކުޅިވަރުގެ ތެރެއިން ގުޅުން ބަދަހިވެ، އެކިއެކި ވަސީލަތްތައް ހިއްސާކުރަން އަބަދުވެސް ފުރުސަތު ފަހިވެގެންދޭ. އެހެންވީމަ މިއަދު ފެށިގެން މިދާ ބައްދަލުވުމުން ރާއްޖެއަށް ފައިދާތަކެއް ކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ރާއްޖޭގައި ފެށި ބައްދަލުވުމުގައި މައިގަނޑުކޮށް މަޝްވަރާކުރާނެ އެއް ކަމަކީ 2026 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސްގެ އިތުރުން ކޮމަންވެލްތުގެ ޕޮރޮޖެކްޓްތަކާ ގުޅުންހުރި ކަންކަމަށެވެ. ހާއްސަކޮށް 2026 ގެ ކޮމަންވެލްތު ގޭމްސްގެ ސަސްޓެއިނެބިލިޓީއާއި ގޭމްސްއަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ގޮތާމެދު ބައްދަލުވުމުގައި މަޝްވަރާކުރަން ވަނީ ހަމަޖެހިފައެވެ.
މިއަދު ބައްދަލުވުުން ފެށުމުގެ ކުރިން ސީޖީއެފްގެ ރައީސް ޖެންކިންސް ވިދާޅުވީ ރާއްޖެއަކީ މިފަދަ ބައްދަލުވުމަކަށް އެންމެ އެކަށޭނެ މަންޒިލެއް ކަމަށާއި، މިއަދު ފެށުނު ބައްދަލުވުމުން ސީޖީއެފްގެ ގައުމުތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެން ދާނެ ކަމަށެވެ. އަދި ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ބައްދަލުވުން ބާއްވާ ބޭއްވުމުން އެނގިގެން ދަނީ ސީޖީއެފްއިން ހުރިހާ ގައުމަކަށް ދޭ އަހަންމިއްޔަތު ކަމަށާއި، ރާއްޖޭގައި ބައްދަލުވުން ބޭއްވުމުން ގޭމްސްތައް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުރިއަށް ގެންދަން ސަމާލުކަން ބޮޑުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޖެންކިންސް ވިދާޅުވިއެވެ.
ރާއްޖޭގައި މިއަދު ފެށި ބައްދަލުވުމުގެ އިތުރުން ދެން ސީޖީއެފްއިން ބާއްވާ އަނެއް ދެ ރީޖަނަލް ބައްދަލުވުން އޮންނާނީ މޮމްބާސާ އަދި ޓާކްސް އަދި ކައިކޯސް އައިލެންޑްސްގައެވެ. އެއީ އޮކްޓޯބަރު މަސް ތެރޭގައެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ