ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އދ. އެއްލައިދޫ ރިސޯޓުގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައާ ގުޅޭ ބައެއް ހެކިން ރާއްޖެއިން ފުރައިގެން ގޮސްފައިވާތީ އެމީހުން ހޯދުމަށް ރާއްޖެއިން އިންޓަޕޯލްގެ އެހީއަށް އެދިއްޖެއެވެ.
އެއްލައިދޫ ރިސޯޓުގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ކަތިވަޅިއަކުން ހަމަލާދީ މަރާލި މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވައިފައެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިހުސާނެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ އެ މައްސަލައާ ގުޅޭ މުހިންމު ހެކިވެރިންތަކެއް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެ މީހުން ތިބި ތަނަކާ ބެހޭ މައުލޫމާތު ހޯދަމުންދާ ކަމަށް މީގެކުރިން ދައުލަތުން ކޯޓަށް އަންގާފައިވި ނަމަވެސް މިހާތަނަށް އެކަމާބެހޭ އެއްވެސް މައުލޫމާތެއް އަންގާފައި ނުވާ ކަަމަށެވެ.
މިހާރު އެކަން ގޮސްފައިވާ ހިސާބެއްގެ މައުލޫމާތު އޮޅުންފިލުއްވެވުމަށް ގާޒީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ހެކިންނަކީ ސްރީލަންކާގެ ބައެއް ކަމަށެވެ. ނަމަވެސް އެ މީހުން ތިބި ތަނެއް ނޭނގޭ ކަމަށެވެ.
އެހެންކަމުން މިދިޔަ މަހުގެ ފަހުކޮޅު އިންޓަޕޯލްގެ އެހީއަށް އެދިފައިވާނެ ކަމަށާއި، މިހާތަނަށް އިންޓަޕޯލް މެދުވެރިކޮށް ވެސް އެ މީހުންގެ މައުލޫމާތު ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ އެ މައްސަލައިގައި ދައުވާ ލިބޭ ޖަޔަލަތު ބަންދުގައި ހުންނަތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންކަމުން ހެކިން ހާޒިރުކުރަން މުއްދަތެއް ނެތް ގޮތަށް ފުރުސަތެއް ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އަންނަ މަހުގެ ކުރީކޮޅު އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމުގެ ކުރިން އެ ހެކިން ތިބި ތަނެއްގެ މައުލޫމާތު ހޯދުމަށްފަހު ކޯޓަށް އަންގަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އޭގެފަހުން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ގާޒީ އިހުސާން ވިދާޅުވިއެވެ.
ނަމަވެސް އެކަން ހިނގި އިރު، ޖަޔަލަތުއާ އެކު ރިސޯޓުގައި އުޅުނު މީހެއްގެ ހެކިބަސް މިއަދުގެ އަޑުއެހުމުގައި ވަނީ ނަގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު