އެންމެފަހުގެ ސްޕެނިޝް ލަ ލީގާ ޗެމްޕިއަން، ރެއާލް މެޑްރިޑުން ރޭ ލީގުގައި ކުޅުނު މެޗުގައި ފަހަތުން އަރައި، އެސްޕަނިޔޯލް ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރެއާލުން ރޭ އެސްޕަނިޔޯލް ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާ އާއެކު މިހާތަނަށް ކުޅުނު ހަ މެޗުން ރެެއާލަށް ވަނީ 14 ޕޮއިންޓް ލިބިފައެވެ. އެއީ ހަތަރު މޮޅާއެކުގައެވެ. މި ސީޒަން ވަރުގަދަކޮށް ފެށި ވާދަވެރި ބާސެލޯނާ އިން މިހާތަނަށް ކުޅުނު ލީގު ހުރިހާ މެޗަކުންވެސް މޮޅުވެފައިވާ އިރު، އެ ޓީމު އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކުގައެވެ.

މެޗު ފެށިގެން ރެއާލުން ޑޮމިނޭޓްކޮށް، އެސްޕަނިޔޯލަށް ނުރައްކާ ކުރަމުންދިޔަ ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ރެއާލް ކޮޅަށް ގޯލު ވަދެ، އެ ޓީމަށް ހާސްކަމާ ކުރިމަތިލާން ޖެހުނެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ރެއާލް ކޮޅަށް ގޯލު ވަނީ ޖޮފްރޭ ކަރޭރާސް ނެގި ހުރަހެއް ރެއާލް ކީޕަރު ތީބޯ ކޯޓުއާ އަތުގައި ޖެހި ބައިކޮޅަށެވެ. އެ ގޯލާއެކު މެޗު ހުޅުވިގެން ގޮސްފައިވެއެވެ. އަދި ހަމަލާތައްވެސް އިތުރުވިއެވެ.

މެޗު ހުޅުވިގެން ދިއުމުގެ ފައިދާ އެންމެ ބޮޑަށް ނެގީ ރެއާލްގެ އެޓޭކް ލައިނުންނެވެ. ކިލިއަން އެމްބާޕޭއާއި ވިނީޝިއަސް ޖޫނިއާ އަދި ރޮޑްރީގޯގެ ނުރައްކާވެސް ބޮޑުވި އިރު، އެސްޕަނިޔޯލްގެ ގޯލަށް ފަސް މިނެޓްވެސް ނުވަނީސް ޑެނީ ކަވަހާލް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

އޭގެ އިތުރުން މެޗުގެ 75 އަދި 78 ވަނަ މިނެޓުގައި ރޮޑްރީގޯއާއި ވިނީޝިއަސް ޖެހި ގޯލުތަކުން ރެއާލް މެޗު އަނބުރާލައި، ހަމަޖެހިލިއެވެ. ރެއާލަށް ހަތަރުވަނަ ގޯލު، 90 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖަހައިދިނީ އެމްބާޕޭއެވެ. އެއީ އެމްބާޕޭ މިހާތަނަށް ރެއާލަށް ޖަހައިދިން ހަވަނަ ގޯލެވެ.