އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ޕެލެސް ދަނޑުގައި ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވެފައިވާ އިރު، އެ ނަތީޖާ އާއެކު ޔުނައިޓެޑަށް މި ސީޒަނުގެ ފެށުންވެސް ވަނީ ގޯސްވެފައެވެ. މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ. ދެ މެޗުން ބަލިވެ، އެއް މެޗުން އެއްވަރުވެ، ޔުނައިޓެޑަށް ފަސް މެޗުން ލިބުނީ އެންމެ ހަތް ޕޮއިންޓެވެ. އެ ޓީމު މިވަގުތު އޮތީ ތާވަލުގެ 11 ވަނައިގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ މެޗު ޑޮމިނޭޓްކޮށް ކުޅެފައެވެ. މާކަސް ރަޝްފޯޑުގެ ބަދަލުގައި ފުރަތަމަ 11 އަށް ނުކުތް އަލެހާންޑްރޯ ގާނާޗޯގެ ހަމަލާއެއް މަތީ ދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު، މެތިއެސް ޑެ ލިޓާއި ލިސާންޑްރޯ މާޓިނޭޒްގެ ހަމަލާތައްވެސް މަތަކުރީ ޕެލެސްގެ ގޯލްކީޕަރު ޑީން ހެންޑަސަންއެވެ.

އޭގެފަހުންވެސް ގާނާޗޯގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ބްރޫނޯ ފެނާންޑޭޒްގެ އަތުންވެސް ހުސް ފުރުސަތެއް ބޭކާރުވެގެންދިޔައެވެ.

މެޗުގެ ދެވަނަ ހާފު ދާދި އެއްވަރުކޮށް ފެނިގެން ގޮސްފައިވާ އިރު، ޕެލެސް އިން މަޑުމަޑުން މެޗު ތެރެއަށް ވަދެ، ނުރައްކާކުރިއެވެ. އެހެންނަމަވެސް ޔުނައިޓެޑް ގޯލްކީޕަރު އަންދްރޭ އޮނާނާ ވަނީ މުހިންމު ސޭވްތަކެއްކޮށް، ހަމަލާތައް ދިފާއުކޮށްފައެވެ.

ރޭގެ ނަތީޖާއަށްފަހު ޓެން ހާގު ހިތްހަމަނުޖެހިގެން ބުނެފައި ވަނީ "ފުރަތަމަ ހާފުގައި ޕެލެސް ރޮލާ ކާލަން ފުރުސަތު ލިބުނު ނަމަވެސް، ގޯލެއް ނުޖެހި، ފުރުސަތު ބޭކާރުވުމުން،" މޮޅު ނުވެވުނު ކަމަށެވެ. އޭނާ އިތުރަށް ބުނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ދެތިން ގޯލެއްގެ ލީޑެއް ނަގާލެވެންޖެހޭ ކަމަށާއި ގޯލު ޖަހަން އިތުރަށް ދަސްކުރަންޖެހޭ ކަމަށެވެ.

ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތީ އޭގެ ކުރިން ލީގު ކަޕްގައި ބާންސްލޭއާ ދެކޮޅަށް ކުޅުނު މެޗު، 7-0 އިން ކާމިޔާބު ކޮށްފައި އޮވެގެންނެވެ.