ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި ފަހަތުން އަރައި، ސްރީލަންކާ އެއާފޯސް ބަލިކޮށް، ރާއްޖޭގެ ކްލަބު ވެމްކޯ އިން ލޯ މެޑަލް ހޯދައިފިއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު ތިންވަނަ ހޮވާ މެޗުގައި ވެމްކޯ އިން ލަންކާ އެއާފޯސް ޓީމު ބަލިކުރީ 3-2 ސެޓުންނެވެ. ވެމްކޯ އިން ފަހަތުން އަރައި މޮޅުވީ ލަންކާ އެއާފޯސް ޓީމުން ފުރަތަމަ ދެ ސެޓު ގެންގޮސްފައިވަނިކޮށެވެ. އެ މެޗަށް ނުކުތް އިރު، ވެމްކޯ އިން ވަނީ ލީގު ބުރުގައި ވެސް ލަންކާ އެއާފޯސް ޓީމު ބަލިކޮށްފައެވެ. ވެމްކޯއަކީ ލީގު ބުރުގެ ތިންވަނައެވެ. އަދި އެއާފޯސް ޓީމުން ލީގު ބުރު ނިންމާލީ ހަތަރުވަނައިގައެވެ.
މިއަދު ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ލަންކާ އެއާފޯސް ޓީމުން ދިޔައީ ވަރުގަދަ ކުޅުމަކާއެކު ލީޑު ފުޅާކުރަމުންނެވެ. ވެމްކޯއަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވީ އެއާފޯސް ޓީމުގެ ބްލޮކުތައް ރަނގަޅުވުމުންނެވެ. ހާއްސަކޮށް ވެމްކޯގެ ބިދޭސީ ކުޅުންތެރިންގެ ހަމަލާތައް ބްލޮކުކުރުމަށް އެއާފޯސް ޓީމުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. މެޗުގެ ފުރަތަމަ ސެޓު ލަންކާ އެއާފޯސް ޓީމުން ގެންދިޔައީ 25-11 އިންނެވެ.
މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. ވެމްކޯ އިން ކިރިގިސްތާން ކުޅުންތެރިޔާ އައިތުގާންގެ ބޭނުން ވަރަށް ބޮޑަށް ހިފި އިރު، ލަންކާ އެއާފޯސް ޓީމުން ވެސް ދިޔައީ ޕޮއިންޓުތަކެއް ހޯދަމުންނެވެ. އޭގެ ފަހުން އެއާފޯސް ޓީމުން ވަރުގަދަ އެޓޭކުތަކާއެކު ލީޑު ފުޅާކޮށް، އެ ސެޓު ގެންދިޔައީ 25-17 އިންނެވެ.
ލަންކާ އެއާފޯސް ޓީމުން ފުރަތަމަ ދެ ސެޓު ގެންގޮސްފައިވުމުން ވެމްކޯ އިން ޓީމުގެ ކުޅުމަށް ބޮޑު ބަދަލެއް ގެންނަން މަޖުބޫރުވިއެވެ. އެގޮތުން ތިންވަނަ ސެޓުގައި ވެމްކޯ އިން ވަނީ އެޓޭކުގައި އައިތުގާން އަދި ތައިލެންޑް ކުޅުންތެރިޔާ ކުޓިކާ ވަރަށް ބޮޑަށް ބޭނުންކޮށްފައެވެ. އެ ކުޅުންތެރިންގެ ބާރު ހަމަލާތަކާއެކު ސެޓުގެ ކުރީކޮޅުގައި ވެމްކޯ އިން ބޮޑު ލީޑެއް ވެސް ހޯދިއެވެ. ފަހުކޮޅުގައި ވެސް ކުޓިކާގެ ބާރު ހަމަލާތަކެއް ފެނިގެންދިޔަ އިރު، ވެމްކޯ އިން އެ ސެޓު ގެންދިޔައީ 25-13 އިންނެވެ.
މެޗުގެ ހަތަރުވަނަ ސެޓު ފާހަގަކޮށްލެވުނީ ވެމްކޯ އިން ވަރަށް ހިތްވަރާއެކު މަސައްކަތްކުރި ސެޓަކަށެވެ. އެ ސެޓުގެ ކުރީކޮޅުގައި ދިނޭޝަ އާއި ހަޝިނީ އަދި ޗަތުރިކާގެ ވަރުގަދަ އެޓޭކުތަކާއެކު ލަންކާ އެއާފޯސް ޓީމުން ލީޑު ފުޅާކުރަމުން ދިޔަ އިރު، ވެމްކޯގެ ގޯސްތަކެއް ފެނިގެންދިޔައެވެ. ނަމަވެސް ލަންކާ އެއާފޯސް ޓީމުން ބޮޑު ލީޑެއް ހޯދާފައިވަނިކޮށް، ސެޓުގެ ފަހުކޮޅުގައި ވެމްކޯ އިން ވަނީ އައިތުގާން އަދި ކުޓިކާގެ ބޭނުން ހިފައި، ލީޑު ހޯދައިފައެވެ. ހިތްވަރާއެކު ވެމްކޯ އިން ވަނީ ހަތަރުވަނަ ސެޓު 25-23 އިން ގެންގޮސް، އެއްވަރުކޮށްފައެވެ.
މެޗުގެ ފަހު ސެޓުގައި ރަނގަޅަށް ރިސީވް ނުވެގެން ވެމްކޯއަށް ޕޮއިންޓުތަކެއް ގެއްލުނު އިރު، ލަންކާ އެއާފޯސް ޓީމުން ދިޔައީ ލީޑު ފުޅާކުރަމުންނެވެ. ލަންކާ އެއާފޯސް ޓީމުން ހަ ޕޮއިންޓުގެ ލީޑެއްގައި އޮއްވައި، ސެޓުގެ ފަހުކޮޅުގައި ވެމްކޯ އިން ވަނީ ވަރުގަދަ އެޓޭކުތަކާއެކު ލީޑު ހޯދައިފައެވެ. އެގޮތުން ވެމްކޯގެ ކުޓިކާ އާއި އައިތުގާންގެ އިތުރުން ޖޫޒާން ޒަރީރުގެ މަސައްކަތް ފާހަގަކޮށްލެވުނެވެ. ވެމްކޯ އިން މެޗު ކާމިޔާބުކުރީ ފަހު ސެޓު 15-13 އިން ގެންގޮސްގެންނެވެ.
އެ މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. ފައިނަލުގައި ބައްދަލުކުރާނީ ލީގު ބުރުގެ އެއްވަނަ ހޯދި ނޭޕާލް ޕޮލިސް ކްލަބާއި ދެވަނަ ހޯދި އުޒްބެކިސްތާންގެ ހޫމޯ ވީސީއެވެ. ލީގު ބުރުގައި ކުޅުނު ހުރިހާ މެޗަކުން ނޭޕާލް ޕޮލިސް ކްލަބުން މޮޅުވެފައިވާ އިރު، ހޫމޯ ބަލިވެފައިވަނީ ނޭޕާލް ޕޮލިސް އަތުން އެކަންޏެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި ޖުމުލަ ހަ ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖެއިން ކްލަބު ވެމްކޯ އާއި ޕޮލިސް ކްލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކްލަބާއި ސްރީލަންކާ އެއާ ފޯސް އާއި އުޒްބެކިސްތާންގެ ހޫމޯ ވީސީ އަދި ތަޖިކިސްތާންގެ ވީސީ ޑައިމްޑްއެވެ.
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް