ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ތިންވަނަ މަގާމު ރާއްޖޭގެ ކްލަބު ވެމްކޯ އިން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ވެމްކޯ އިން ވަނީ ސީދާ ތިން ސެޓުން ތަޖިކިސްތާންގެ ވީސީ ޑައިމްޑް ބަލިކޮށްފައެވެ. އެ މެޗަށް ނުކުތް އިރު، ވެމްކޯއަށް އޮތީ ފައިނަލުގެ ފުރުސަތު ގެއްލިފައެވެ. ނަމަވެސް ތިންވަނަ ހޮވުމަށް ކުޅޭ މެޗުގައި ވާދަކޮށް ލޯ މެޑަލް ހޯދުމުގެ ފުރުސަތު އޮތެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ޑައިމްޑް އިން ލީޑުގައި ފެށި ނަމަވެސް، ވެމްކޯ އިން އެ ލީޑުގައި ދެމެހެއްޓުމަށް މާގިނައިރުތަކެއް ވަންދެން ފުރުސަތު ދީފައެއް ނުވެއެވެ. ވެމްކޯ އިން ފުރަތަމަ ސެޓު ގެންދިޔައީ 25-20 އިންނެވެ.

ވެމްކޯ އިން ވަރުގަދަ ކުޅުމަކާއެކު ދެވަނަ ސެޓު ފަށައި، ހަތަރު ޕޮއިންޓުގެ ލީޑެއް ނެގިއެވެ. އެ ސެޓުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުގައި ވެސް އިސްދައުރެއް އަދާކުރާ އައިޝަތު މާޖިދާ (މާޖި) އާއި ޖޫޒާން ޒަރީރުގެ ކުޅުން ފާހަގަކޮށްލެވުނު އިރު، ތައިލެންޑު ކުޅުންތެރިޔާ ކުޓިކާ އަދި ކިރިގިސްތާން ކުޅުންތެރިޔާ އަރުތުގާންގެ ބާރު ހަމަލާތަކެއް ވެސް ފެނިގެންދިޔައެވެ. ފަސޭހަމަކާއެކު ދެވަނަ ސެޓު ވެމްކޯ އިން ގެންދިޔައީ 25-14 އިންނެވެ.

ދެވަނަ ސެޓެކޭ އެއްގޮތަށް މެޗުގެ ތިންވަނަ ސެޓު ވެސް ވެމްކޯ އިން ފެށީ ރަނގަޅު ލީޑެއްގައި އޮވެގެންނެވެ. އެ ސެޓުގައި ވެސް މާޖި އާއި ކުޓިކާ އަދި އަރުތުގާންގެ ބާރު ހަމަލާތަކެއް ފެނިގެންދިޔައެވެ. މަސައްކަތްތަކެއްކޮށް ޑައިމްޑް އިން ލީޑު ހަނިކުރި ނަމަވެސް، ސެޓު ގެންދިޔައީ ވެމްކޯ އިންނެވެ. ވެމްކޯ އިން އެ ސެޓު ގެންދިޔައީ 25-20 އިންނެވެ.

މިރޭ 8:30 ގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ އެއްވަނަ ހޯދި ނޭޕާލް ޕޮލިސް ކްލަބާއި އުޒްބެކިސްތާންގެ ހޫމޯ ވީސީ އެވެ. އޭގެ ތެރެއިން ނޭޕާލް ޕޮލިހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައިވާ އިރު، ހޫމޯ ބަލިވީ ނޭޕާލް ޕޮލިސް އަތުން އެކަންޏެވެ.

ފައިނަލު މެޗުގެ ކުރިން މުބާރާތުގެ ފަސްވަނަ ހޮވުމަށް ކުޅޭ މެޗާއި ތިންވަނަ ހޮވުމަށް ކުޅޭ މެޗު ކުރިއަށްދާނެއެވެ. މިއަދު މެންދުރުފަހު 1:30 ގައި ކުޅޭ ފަސްވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ފަސްވަނަ މަގާމު ހޯދި ރާއްޖޭގެ ޕޮލިސް ކްލަބާއި ފުލުގައި ނިންމާލި ޑައިމްޑްއެވެ. ލީގު ބުރުގައި ރާއްޖޭގެ ޕޮލިހުން އެއް މެޗުން މޮޅުވެފައިވާ އިރު، ޑައިމްޑް ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފައެވެ. ޕޮލިހުން މޮޅުވެފައިވަނީ ލީގު ބުރުގައި ޑައިމްޑްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

މާދަމާ ހަވީރު 4:00 ގައި ކުޅޭ ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިންވަނަ ހޯދި ރާއްޖޭގެ ވެމްކޯ އާއި ހަތަރުވަނަ މަގާމު ހޯދި ސްރީލަންކާ އެއާފޯސް ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ލޯ މެޑަލް ލިބޭނެއެވެ. ވެމްކޯ އިން ލީގު ބުރުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗަކުން މޮޅުވެފައިވާ އިރު، ލަންކާ އެއާފޯސް ޓީމުން މޮޅުވީ ދެ މެޗަކުންނެވެ. ލީގު ބުރުގައި ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބުކުރީ ވެމްކޯއެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި ޖުމުލަ ހަ ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖެއިން ކްލަބު ވެމްކޯ އާއި ޕޮލިސް ކްލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކްލަބާއި ސްރީލަންކާ އެއާ ފޯސް އާއި އުޒްބެކިސްތާންގެ ހޫމޯ ވީސީ އަދި ތަޖިކިސްތާންގެ ވީސީ ޑައިމްޑްއެވެ.