ރާއްޖޭގައި ބޭއްވި ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި އެއްވެސް މެޗަކުން ބަލިނުވެ ނޭޕާލް ޕޮލިސް ކްލަބުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިރޭ ކުޅުނު ފައިނަލުގައި ބައްދަލުކުރީ ލީގު ބުރުގެ އެއްވަނަ ހޯދި ނޭޕާލް ޕޮލިސް ކްލަބާއި ދެވަނަ ހޯދި އުޒްބެކިސްތާންގެ ހޫމޯ ވީސީއެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ނޭޕާލް ޕޮލިސް ކްލަބުންނެވެ.

މެޗު ފެށިގެން ދިޔައީ ދެ ޓީމުގެ ވެސް ވާދަވެރި ކުޅުމަކާއެކުއެވެ. ނަމަވެސް އޭގެ ފަހުން ނޭޕާލް ޕޮލިހުން އެޓީމުގެ ރަސްމީ ކުޅުމުގައި އެޓޭކުކޮށް، ހޫމޯއަށް ޕްރެޝަރުތައް ކުރިމަތިކުރުވިއެވެ. ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ނޭޕާލް ރައްޔިތުންގެ ތަރުހީބާއެކު ކުޅެމުންދިޔަ ނޭޕާލް ޕޮލިހުން ފުރަތަމަ ސެޓު ގެންދިޔައީ 25-16 އިންނެވެ.

މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅު ހޫމޯ އިން ލީޑު ނެގި ނަމަވެސް އެޓޭކުތައް ވަރުގަދަކޮށް ނޭޕާލުން ލީޑު ހޯދިއެވެ. ސެޓުގެ ފަހުކޮޅު ހޫމޯ އިން ޕޮއިންޓުތަކެއް ހޯދައި ވާދަވެރި ކުޅުމެއް ދެއްކިއެވެ. ނަމަވެސް ނޭޕާލްގެ ވަރުގަދަ އެޓޭކުތައް ނުހުއްޓުވި، ދެވަނަ ސެޓު ވެސް ހޫމޯއަށް ގެއްލުނީ 25-22 އިންނެވެ.

މެޗުގެ ތިންވަނަ ސެޓު ރަނގަޅު ލީޑެއްގައި ހޫމޯ އިން ފެށި ނަމަވެސް ނޭޕާލްްގެ ކަމަލަ އަދި އުޝާގެ ބާރު ހަމަލާތައް ނުހުއްޓުވިގެން ލީޑު ގެއްލިގެންދިޔައެވެ. ނޭޕާލުން ބޮޑު ލީޑެއްގައި އޮވެ ކުޅެމުންދަނިކޮށް، ސެޓުގެ ފަހުކޮޅު ހޫމޯ އިން ހިތްވަރުކޮށް ފަރަގު ކުޑަކުރިއެވެ. ނަމަވެސް ނޭޕާލް ޕޮލިހުން މެޗު ކާމިޔާބުކުރީ ފަހު ސެޓު 25-23 އިން ގެންގޮސްގެންނެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އޭގެ އިތުރުން ކާވާގެ ރައީސް އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކްލަބު ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ ކުޓިކާ، ނޭޕާލް ޕޮލިހުގެ އުޝާ، ހޫމޯގެ ވިލްނޯޒާ، ނޭޕާލް ޕޮލިހުގެ ސުމިތުރާ، ލަންކާ އެއާފޯސްގެ ތުޝާރީ، ވެމްކޯގެ ކިރިގިސްތާން ކުޅުންތެރިޔާ އައިތުގާން އަދި ނޭޕާލް ޕޮލިހުގެ ތަމާންގް ޝާންތީ ކަލާއެވެ.

އެ މުބާރާތުގެ ރިހި މެޑަލް ހޫމޯއަށް ލިބިގެންދިޔަ އިރު، ތިންވަނަ ހޯދައިގެން ލޯ މެޑަލް ހޯދީ ރާއްޖޭގެ ކްލަބު ވެމްކޯ އިންނެވެ. މުބާރާތުގެ ހަތަރުވަނަ ހޯދީ ސްރީލަންކާ އެއާފޯސް ޓީމުންނެވެ. އަދި ފަސްވަނަ ރާއްޖޭގެ ޕޮލިސް ކްލަބަށް ލިބުނު އިރު، ފުލުގައި ނިންމާލަން ޖެހުނީ ތަޖިކިސްތާންގެ ވީސީ ޑައިމްޑްއަށެވެ.