މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ބްރެޒިލް ފޯވަޑް ހޯސޭ ވިލްކްސަންގެ ސޮއި ހޯދައިފިއެވެ.
އުމުރުން 32 އަހަރުގެ ވިލްކްސަންގެ ސޮއި މާޒިޔާ އިން ހޯދާފައިވަނީ ކުރިއަށްއޮތް އޭއެފްސީ ޗެލެންޖު ލީގަށް ޓީމު ވަރުގަދަކުރުމުގެ ގޮތުންނެވެ.
ވިލްކްސަން އަކީ މީގެ ކުރިން ބްރެޒިލްގެ އިތުރުން މަލްޓާ އަދި އިންޑޮނޭޝިއާގެ ކްލަބުތަކަށް ވެސް ކުޅެފައިވާ ފޯވަޑެވެ. މިދިޔަ ސީޒަނުގައި ވިލްކްސަން ފެނިގެންދިޔައީ އިންޑޮނޭޝިއާގެ ދެވަނަ ޑިވިޝަންގެ ލީގުގައި ވާދަކުރާ މަލުޓް ޔުނައިޓެޑް އެފްސީންނެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 16 މެޗުގެ ތެރެއިން ނުވަ ގޯލު ކާމިޔާބުކޮށްދީފައެވެ.
މާޒިޔާ އިން ވަނީ އޭއެފްސީ ޗެލެންޖު ލީގަށް އާ ކޯޗެއް ވެސް ހަމަޖައްސައިފައެވެ. މާޒިޔާގެ ކޯޗަކަށް ހަމަޖައްސާފައިވާ ޑްރަގާން ޑުކަނޯވިޗް ވަނީ ސާބިއާގެ ކްލަބުތަކުގެ އިތުރުން ބަންގުލަދޭޝްގެ ޝެއިހް ރުސެލް އާއި އިންޑޮނޭޝިއާގެ ބޯނެއޯ ސަމަރިންޑާ އަދި ޕީއެސްއައިއެސް ސެމަރާންގްގައިވެސް މަސައްކަތްކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ގްރީސްގެ ކަރައިސްކަސިސް އާއި އެގަލެއޯއަށްވެސް ކޯޗުކަން ކޮށްދީފައެވެ.
މާޒިޔާ އަކީ މިވަގުތު ރާއްޖޭގެ އެންމެ ވަރުގަދަ ކްލަބެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ވެސް މުހިންމު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާ އަކީ މިދިޔަ އަހަރުގެ ވެސް ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަނުންނެވެ. އެއީ މާޒިޔާ އިން ޖެހިޖެހިގެން ލީގު ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ. މާޒިޔާއިން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އެޓީމުން ވަނީ 2019/20 އާއި 2020/21 އަދި 2022 ވަނަ އަހަރުވެސް ލީގު ކާމިޔާބުކޮށްފައެވެ.
މާޒިޔާއަށް މިއަހަރު ވާދަކުރަން ޖެހޭ އެންމެ ބޮޑު މުބާރާތަކީ އޭއެފްސީން މުޅިން އަލަށް ތައާރަފުކޮށްފައިވާ އޭޝިއާގެ ތިންވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތް، އޭއެފްސީ ޗެލެންޖު ލީގުގައެވެ.
ޗެލެންޖު ލީގުގައި ޓީމުތައް ވާދަކުރާނީ ދެ ފަޅިއަކުންނެވެ. އެއީ ވެސްޓް ރީޖަންއާއި އީސްޓް ރީޖަންއިންނެވެ. ދެ ރީޖަންގެ މެޗުތައްވެސް ސެންޓްރަލައިޒްކޮށް ހޯސްޓް ކުރަން އޭއެފްސީން ނިންމާފައިވާ އިރު، މާޒިޔާ ހިމެނޭ ގްރޫޕްގެ ހޯސްޓް ޓީމަކީ ކުވައިތުގެ އަރަބީއެވެ. އެހެންކަމުން އެ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވައިތުގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 26، 29 އަދި ނޮވެމްބަރު މަހުގެ އެކަކަށެވެ.
މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނެނީ ކިރިގިސްތާނުގެ ޗެމްޕިއަން އަބްދީޝް- އާޓާ ކާންޓާއި މިދިޔަ އަހަރު ކުވައިތު ލީގުގެ ރަނަރަޕް އަލް-އަރަބީގެ އިތުރުން ތުރުކެމެނިސްތާންގެ ޗެމްޕިއަން އަރްކަޑާގް އެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު