ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ މޮނާކޯ އަތުން ސްޕެއިންގެ ބާސެލޯނާ ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި މޮނާކޯއާ ދެކޮޅަށް ރޭ ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި ބާސާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗަށް ބާސާ އިން ނުކުތީ ސްޕެނިޝް ލަލީގާގައި މިހާތަނަށް ކުޅުނު ފަސް މެޗުން ހޯދި ކާމިޔާބީތަކާއެކުއެވެ. އެއާއެކު މިއީ މިސީޒަނުގައި ބާސާ އިން މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި މުޅި ޓީމު ކުރިއަށްޖެހި ބާސާ އިން ރަނގަޅު ކުޅުމެއް ދައްކަމުންދަނިކޮށް، އެޓީމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 10 ވަނަ މިނެޓުގައި އެރިކް ގާސިއާއަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. އޭނާއަށް އެ ރަތް ކާޑު ދެއްކީ ބާސާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަން އަތުން ހެދުނު ގޯހަކާއެކު، މޮނާކޯގެ ޓަކޫމީ މިނަމީނޯ އަތުން ބޯޅަ ހޯދުމަށް ފައުލް ކުރުމާ ގުޅިގެންނެވެ.
ބާސާ އިން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިއުމުން އެކަމުގެ ފައިދާ ނެގުމަށް މޮނާކޯ އިން ވަނީ އެޓޭކު ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި މޮނާކޯގެ ސްވިޒަލެންޑް ފޯވަޑް ބްރީލް އެމްބޯލޯއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އެމްބޯލޯ ފޮނުވާލި ހަމަލާ އަމާޒުވީ ބާސާ ކީޕަރު ސްޓެގަންއާ ދިމާއަށެވެ.
އޭގެ މިނެޓެއް ފަހުން މޮނާކޯ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ބޯޅަ ހިފައިގެން ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން މޮނާކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު މެގްނެސް އަކްލިއޫޗޭ އެވެ. އޭނާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ހަނި އޭންގަލުންނެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްލުމަށް މޮނާކޯއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ވިލްފްރެޑް ސިންގޯ ދިން ބޯޅައަކުން އެމްބޯލޯ ފޮނުވާލި ހަމަލާ، ބާސާގެ ކީޕަރު ސްޓެގަން ވަނީ މަތަކޮށްފައެވެ.
އޭގެ މިނެޓެއް ފަހުން ބާސާ އިން ވަނީ ހިތްގައިމު ގޯލަކާއެކު މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ބާސާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އުމުރުން 17 އަހަރުގެ ސްޕެއިން ފޯވަޑް ލަމީން ޔަމާލްއެވެ. އޭނާ އެ ބޯޅަ އަމާޒުކޮށްލީ މޮނާކޯ ގޯލުގެ ތިރީ ކަނަކަށެވެ.
ފުރަތަމަ ހާފު ނިމެނިކޮށް މޮނާކޯއަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބޯލޯގެ ފައިގައި ނުޖެހި ބާސާގެ ގޯލު ހުރަސްކޮށް ބޯޅަ ބޭރަށް ދިޔަ އިރު، މިނަމީނޯގެ ހަމަލާ ބާސާގެ ޑިފެންޑަރު ޕައު ކުބާސީ ވަނީ ބްލޮކްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި މޮނާކޯ އިން ކުރިއަށްޖެހި ކުޅެމުންދަނިކޮށް، ބާސާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި ޖޫލްސް ކޫންޑޭ ދިން ބޯޅައެއް ހުސްކޮށް ހުރި ބްރެޒިލް ފޯވަޑް ރަފީނިއާއަށް ލިބުމުގެ ކުރިން މޮނާކޯގެ ކީޕަރު ފިލިޕް ކޯން ކުރިއަށް ނުކުމެ ދިފާއުކުރިއެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ނުރައްކާތެރި އެޓޭކެއްގައި ކުރިއަށްޖެހި، މޮނާކޯ އިން ވަނީ ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބްރެޒިލް ޑިފެންޑަރު ވެންޑަސަން ފޮނުވާލި ބާރު ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ބާސާގެ ކީޕަރު ސްޓެގަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
އޭގެ މާގިނައިރުތަކެއް ނުވެ ބާސާއަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ރަފީނިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޔަމާލް ފޮނުވާލި އެ ހަމަލާ، މޮނާކޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 71 ވަނަ މިނެޓުގައި މޮނާކޯ އިން ވަނީ ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ބާސާގެ މުޅި ޓީމު ކުރިއަށްޖެހި ކުޅެމުންދަނިކޮށް ލިބުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން މޮނާކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނައިޖީރިއާ ފޯވަޑް ޖޯޖް އިލެނިކޭނާ އެވެ.
އޭގެ ދިހަ މިނެޓު ފަހުން މޮނާކޯއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އިލެނިކޭނާ ފޮނުވާލި ހަމަލާ ބާސާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން މޮނާކޯގެ ފޮލަރިން ބަލޮގަން ފޮނުވާލި ހަމަލާ ބާސާގެ ކީޕަރު ސްޓެގަން ވަނީ މަތަކޮށްފައެވެ.
މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ޕެނަލްޓީ އޭރިއާ ތެރެއިން ބަލޮގަންއަށް ބާސާ ޑިފެންޑަރު އިނިގޯ މާޓިނޭޒް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ މޮނާކޯއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ފަހުން ވީއޭއާރަށް ބެލުމަށްފަހު، މާޓިނޭޒް ފައުލުނުކުރާ ކަމަށް ބަލައި، ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު