ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކްލަބު ވެމްކޯ ބަލިކޮށް، ނޭޕާލް ޕޮލިސް ކްލަބުން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު އެ މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ނޭޕާލް ޕޮލިހުން މެޗު ކާމިޔާބުކުރީ 3-2 ސެޓުންނެވެ. އެ މެޗަކީ މުބާރާތުގައި ނޭޕާލް ޕޮލިހަށް އެންމެ އުނދަގޫ ކުރިމަތިވި މެޗެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ވެސް ދެ ޓީމުގެ ކުޅުން ފެނުނީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ދެ ޓީމުން ދިޔައީ ވަރުގަދަ ހަމަލާތަކެއް އުފައްދައި، ޕޮއިންޓުތައް ހޯދަމުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވެމްކޯ އިން ގެންދިޔައީ 25-21 އިންނެވެ.

މެޗުގެ ދެވަނަ ސެޓުގައި ވެމްކޯ އިން ވަރުގަދަ ޑިފެންސަކާއެކު ވަރުގަދަ އެޓޭކުތަކެއް ވެސް ފެނިގެންދިޔައެވެ. އެގޮތުން ޑިފެންސާއެކު އެޓޭކުތައް ކުރަމުންދިޔަ ޖޫޒާން އަދި ކުޓިކާގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ. ސެޓުގެ ބޮޑު ބައެއްގައި ވެމްކޯ އިން ލީޑުގައި ހިފަހައްޓަމުންދިޔަ ނަމަވެސް، ސެޓުގެ ފަހުކޮޅު ނޭޕާލް ޕޮލިހުން ވަރުގަދަ އެޓޭކުތަކެއްކޮށް ލީޑު ހޯދިއެވެ. މެޗުގެ ދެވަނަ ސެޓު 20-25 އިން ގެންދިޔައީ ނޭޕާލް ޕޮލިހެވެ.

މެޗުގެ ތިންވަނަ ސެޓު ގެންދިއުމަށް ވެމްކޯ އިން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ވާދަވެރިކޮށް ދިޔަ ނަމަވެސް، ވެމްކޯ އިން ދިޔައީ ލީޑުގައި ހިފަހައްޓަމުންނެވެ. ފަހުވަގުތު ވެމްކޯގެ ކުޅުން އިތުރަށް ވަރުގަދަކޮށް ފެނިގެންދިޔަ އިރު، އެޓީމުން ސެޓު ގެންދިޔައީ 25-21 އިންނެވެ.

ހަތަރުވަނަ ސެޓުގައި ވެސް ވެމްކޯގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ކުޓިކާ އާއި ޖޫޒާން އަދި މާޖިގެ ބާރު ހަމަލާތައް ފާހަގަކޮށްލެވުނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ ސެޓުގައި ނޭޕާލު ޕޮލިސް ކްލަބުން ޕްރެޝަރާއެކު ކުޅެމުންދިޔަ ނަމަވެސް، ސެޓު ނިންމާލީ ކުރި ހޯދައިގެންނެވެ. އެ ސެޓު ނޭޕާލް ޕޮލިހުން ގެންދިޔައީ 18-25 އިންނެވެ.

މެޗުގެ ފަހު ސެޓު ނޭޕާލް ޕޮލިސް ކްލަބުން ރަނގަޅަށް ފަށައި ފަސް ޕޮއިންޓުގެ ލީޑެއް ހޯދި ނަމަވެސް، ވެމްކޯ އިން ގިނަ މަސައްކަތްތަކެއްކޮށް، ލީޑު ހަނިކުރަމުން ދިޔައެވެ. ހިތްވަރާއެކު ކުޅެމުންދިޔަ ވެމްކޯ މެޗުން ބަލިވީ ފަހު ސެޓު 15-13 އިން ނޭޕާލް ޕޮލިހުން ގެންދިއުމުންނެވެ.

އެ ނަތީޖާއާއެކު މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް، ނޭޕާލް ޕޮލިހުން ވަނީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. މެޗުން ބަލިވި ނަމަވެސް، ފަހު މެޗުގެ ނަތީޖާތަކަށްފަހު ވެމްކޯއަށް ވެސް ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ވެމްކޯއިން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗަކުން ވަނީ މޮޅުވެފައެވެ.

ފައިނަލުގެ ފަހު ޖާގައަށް ވެމްކޯއާއެކު އެންމެ ވާދަކުރަނީ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅެއް ހޯދާފައިވާ އުޒްބެކިސްތާންގެ ހޫމޯ ވީސީ އާއި ދެ މެޗުން މޮޅެއް ހޯދާފައިވާ ސްރީލަންކާ އެއާފޯސް ޓީމެވެ. މުބާރާތުގައި ދެން ހިމެނޭ ރާއްޖޭގެ ޕޮލިސް ކްލަބާއި ތަޖިކިސްތާންގެ ވީސީ ޑައިމްޑްއަށް ވަނީ ފައިނަލުގެ އުންމީދު ގެއްލިފައެވެ. ހަތަރު މެޗުގެ ތެރެއިން ތިން މެޗަކުން ރާއްޖޭގެ ޕޮލިސް ބަލިވެފައިވާ އިރު، ޑައިމްޑް ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފައެވެ.

އެ މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ލީގު ބުރުގެ އެންމެ ފަހު މެޗުތަކެވެ. މިއަދު މެންދުރުފަހު 2:30 ގައި ކުޅޭ މެޗުގައި އުޒްބެކިސްތާންގެ ހޫމޯ ވީސީ އާއި ސްރީލަންކާ އެއާފޯސް ބައްދަލުކުރާ އިރު، މިއަދު ހަވީރު 5:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖޭގެ ޕޮލިސް ކްލަބާއި ނޭޕާލް ޕޮލިސް ކްލަބެވެ. އަދި މިރޭ 8:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ތަޖިކިސްތާންގެ ވީސީ ޑައިމްޑް އާއި ރާއްޖޭގެ ކްލަބު ވެމްކޯއެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި ޖުމުލަ ހަ ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖެއިން ކްލަބު ވެމްކޯ އާއި ޕޮލިސް ކްލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކްލަބާއި ސްރީލަންކާ އެއާ ފޯސް އާއި އުޒްބެކިސްތާންގެ ހޫމޯ ވީސީ އަދި ތަޖިކިސްތާންގެ ވީސީ ޑައިމްޑްއެވެ.