ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ދޭން ބޭނުންވަނީ ރާއްޖެއިން ދަތުރުކުރާ ލަގްޒަރީ، ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް އަމާޒުކޮށްގެން ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ހއ. ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ އެސްޓީއޯއިން، ބަންކަރިންގެ ހިދުމަތް ދެނީ އެ ވިޔަފާރީގެ ތަޖުރިބާހުރި ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ ގުޅިގެން ކަމަށެވެ. ޝިމާދު ވިދާޅުވީ އެންމެ ފުރަތަމަ އެ ހިދުމަތް ފަށާއިރު ބަންކަރިންގެ ހިދުމަތުގެ ގޮތުގައި ފޯރުކޮށްދެނީ ޑީސަލާއި ލޯ ސަލްފާ ފިޔުލް ކަމަށެވެ.

ޝިމާދު ވިދާޅުވީ ރާއްޖޭގެ ބަންކަރިންގެ ހިދުމަތް ވިޓޯލްއިން މާކެޓުކުރަން ފެށުމުން ގިނަ ބަޔަކު ހިދުމަތަށް އެދެމުންދާ ކަމަށެވެ. ނަމަވެސް ބޭނުންވަނީ ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ ލަގްޒަރީ އުޅަނދުތަކަށް ހިދުމަތް ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވިޓޯލްއާއި އެސްޓީއޯއާ ގުޅިގެން އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ސަރަހައްދުން މިދާ ލަގްޒަރީ ވެސަލްތަކަށާއި ނީޝް މާކެޓް. މާނައަކީ އަޅުގަނޑުމެންނަށް ލިބޭނެ ބޮޑެތި ވެސަލްތަކަށް ޓާގެޓްކޮށް އެ ވެސަލްތަކަށް ސާވިސް ދިނުން. ހަމަ މިހެން ދާ ކޮންމެ ބޯޓަކަށް ސާވިސް ދިނުމެއް ނޫން،" ޝިމާދު ވިދާޅުވިއެވެ.

ބޭރުގެ ބޮޑެތި ގައުމުތައް އިގުތިސޯދީ ގޮތުން ކުރިއަރައިގެން ދިޔައީ އެ ގައުމުތަކުގެ ވިޝަނަރީ ލީޑަރުންގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވަމުން ކަމަށް ޝިމާދު ވިދާޅުވިއެވެ. ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތަކީ އެ އަމާޒުގެ ދަށުން ފެށި ހިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށްއޮތް ތަނުގައި ރަނގަޅު ފިއުލް ފާމަކާއި ރަނގަޅު ޕޯޓެއް ގާއިމުކޮށް ޒަމާނީ ފެންވަރުގައި ބަންކަރިން ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ޝިމާދު ވިދާޅުވިއެވެ.

"އޮފް ޝޯގައި މި މަސައްކަތް ކުރިއަށް ގެންދިއުމަކީ ދާއިމީ ހައްލެއް ނޫން. އަޅުގަނޑުމެންގެ ދާއިމީ ހައްލަކީ މި ސަރަހައްދު މިއޮތް ސްޓްރެޓެޖިކް ލޮކޭޝަނުގައި ބިން ހިއްކައިގެން މިތަނުގައި ރަނގަޅު ފިއުލް ފާމްތަކަކާއި ރަނގަޅު ޕޯޓެއް ގާއިމުކޮށް މުސްތަގުބަލުގައި ޒަމާނީ ފެންވަރުގެ ވަސީލަތެއް މިތަނުގައި ގާއިމުކޮށް ހިދުމަތް ދިނުން،" ޝިމާދު ވިދާޅުވިއެވެ.