ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހުރިހާ ކަމެއް އޮތީ ފެއިލްވެފައި ކަމަށާއި އެ އިދާރާ އަލުން ނަގައި ކޮޅަށް ޖެހުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ނޯމަލައިޒޭޝަން ކޮމިޓީން ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒުހޫރު ވިދާޅުވީ މިއީ މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ޗެލެންޖު ކަމަށާއި މަސައްކަތްކުރަން ޖެހިފައި އޮތީ ގަވަނަންސް ނުވަތަ އެޑްމިނިސްޓްރޭޓިވް ކަންކަމަށް އެކަނި ނޫން ކަމަށެވެ.

"މިކަމުގައި މިއޮތީ ގަވަނަންސް، ލީގަލް، އެޑްމިނިސްޓްރޭޓިވް، ޕޮލިސީ، މިހެން ގޮސް އޮގަނައިޒޭޝަނެއް ހިންގަން ބޭނުންވެފައިވާ ހުރިހާ ވަސީލަތެއް ފެއިލްވެފައި. އެފްއޭއެމްގެ ގަވަނަންސް ވަނީ ފެއިލްވެފައި. އެފްއޭއެމްގެ އެޑްމިނިސްޓްރޭޓިވް ސްޓްރަކްޗާ ވަނީ ފެއިލްވެފައި. އެފްއޭއެމްގެ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ހިންގަން ޖެހޭ މުއާމަލާތްތައް ހިންގިފައި ނެތްތަން ފެންނަނީ. ފައިނޭންޝަލީ އޮންނަންޖެހޭ އުސޫލުތައް ގާއިމުކުރެވިފައި ނެތްތަން ފެންނަނީ،" އޭނާ ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ ހަދަންޖެހޭ އެސްއޯޕީތަކާއި އުސޫލުތައް ހަދާފައި ނުވާ ކަމަށާއި ވަރަށް ދުވަހުން މަޑުމަޑުން އައި ފެއިލިއާ ބޮޑުވެގެން އައިސް، އެފްއޭއެމް އޮތީ ނެތިދާން ގާތަށް ގޮސްފައި ކަމަށެވެ.

"މި ހުރިހާ ސެޓަަޕެއް ގާއިމުކުރަން ކުރަންޖެހޭ މަސައްކަތްތަކަކީ ވެސް ވަރަށް ބޮޑު ޗެލެންޖެއް. ވަރަށް ވަގުތު، ވަރަށް ރިސޯސް. މިވަރުގެ މަސައްކަތަކާ އަޅުގަނޑުމެން މި ހަވާލުވީ މި ގައުމު ދެކެ އަޅުގަނޑުމެން ވާ ލޯބިން. އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ ބައެއް. އަޅުގަނޑުމެންނަށް މި ކޯލު އައީ ފީފާގެ ފަރާތުން،" އޭނާ ވިދާޅުވިއެވެ.

ޒުހޫރު އިތުރަށް ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރަކީ އެއް އަހަރުތެރޭ އެފްއޭއެމް ހަމަމަގަށް އަޅުވައިދިނުން ކަމަށާއި ފީފާ އިން ފިޔަވަޅު އަޅައި، އެފްއޭއެމް އުނދަގޫ ހާލަތަކަށް ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އެފްއޭއެމްގައި ލިޔެކިޔުންތައް ނެތުމުން ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވިިއެވެ.

އެފްއޭއެމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އުނދަގުލަކަށް ވެފައިވަނީ ފައިސާގެ މައްސަލަތަކެވެ. އެފްއޭއެމްގެ ބޭންކް އެކައުންޓުތަކުގައި ފައިސާ ނެތް އިރު، ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެ އެސޯސިއޭޝަންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ފުލުހުން ވަނީ ތަހުގީގެއް ވެސް ހިންގައިފައެވެ. އޭގެ ތެރެއިން މިހާރު ފުލުހުން ވަނީ އެފްއޭއެމްގެ ފައިސާ އިން ބައްސާމް، ދެ އެޕާޓްމަންޓް ގަނެފައިވާ މައްސަލަ ބަލައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ.

އޭގެ އިތުރުން ކޯޓު ހުކުމްތަކާ ގުޅިގެން ކުންފުނިތަކަށް ދައްކަން ޖެހިފައިވާ ފައިސާ އާއި، މުވައްޒަފުންނަށް ދޭންޖެހޭ މުސާރަތަކާއެކު ވެސް އެފްއޭއެމްގެ ދަރަނިތައް ބޮޑެވެ. ނޯމަލައިޒޭޝަން ކޮމިޓީން ލަފާކުރާ ގޮތުގައި އެފްއޭއެމްގެ ދަރަނި 85 މިލިއަން ރުފިޔާއަށްވުރެ މަތިވާނެއެވެ.