ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗުގައި އިޓަލީ ޗެމްޕިއަން އިންޓަ މިލާން އަތުން އެއްވަރުވެއްޖެއެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިންޓަ އަތުން ސިޓީ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސިޓީއަށް އެންމެ ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހުނީ އެޓީމުގެ ނޯވޭ ފޯވަޑް އާލިން ހާލަންޑަށް ވަރަށް ބޮޑަށް ވިސްނައިގެން އިންޓަގެ ޑިފެންސުން ކުޅެމުންދިއުމުންނެވެ.

ވަރުގަދަ އެޓޭކަކާއެކު ސިޓީން މެޗު ފެށި ނަމަވެސް، އިންޓަގެ ވަރުގަދަ ޑިފެންސްގެ ސަބަބުން އެންމެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރެވިފައެއް ނުވެއެވެ. އަނެއްކޮޅުން އިންޓަ އިން ދިޔައީ ލިބޭ ފުރުސަތުތަކުގައި ސިޓީގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކުރުވަމުންނެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅުގައި އިންޓަގެ ފްރާންސް ފޯވަޑް މާކަސް ތުރާމަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެއެވެ. އެގޮތުން ތުރާމް ފޮނުވާލި ފުރަތަމަ ހަމަލާ ސިޓީގެ ބްރެޒިލް ކީޕަރު އެޑަސަން މަތަކުރި އިރު، އޭނާގެ ދެވަނަ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ސިޓީގެ ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް އިންޓަ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ކެވިން ޑިބްރޭނާ ފޮނުވާލި ހަމަލާއެއް އިންޓަގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭޭކެއްގައި ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ ގޯލަށް ފޮނުވާލުމަށް އިންޓަގެ މަޓެއޯ ޑާމިއަންއަށް ބޯޅަ ލިބުނު ނަމަވެސް، އޭނާ އަތުން ބޯޅަ ގެއްލުނީ ތުރާމްއަށް ޖައްސާލަން އުޅުމުންނެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް އަލަސަންޑްރޯ ބަސްޓޯނީއަށް ހެދުނު ގޯހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސިޓީގެ ފިލް ފޮޑެން ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ސިޓީއަށް މެޗުގެ 70 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އިލްކާއީ ގުންޑޮގަން ދިން ބޯޅައަކުން ފިލް ފޮޑެން ފޮނުވާލި ހަމަލާ، އިންޓަގެ ކީޕަރު ޔާން ސޮމާ ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަހުން ސިޓީގެ ޖެކް ގްރީލިޝް ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައެވެ.

އޭގެ ފަސް މިނެޓު ފަހުން އިންޓައަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑެންޒެލް ޑަމްފްރީސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހެންރިކް މިކިތާރިއަން ފޮނުވާލި ހަމަލާ ދިޔައީ ސިޓީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މިކިތާރިއަން އެ ފުރުސަތު ތަނަވަސްކޮށްފައިވަނީ ކުޅެން ނުކުތްތާ މިނެޓެއް ތެރޭގައެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ސިޓީގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ފޮޑެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ސިޓީގެ ކްރޮއޭޝިއާ ޑިފެންޑަރު ޖޮސްކޯ ގުވާޑިއޯލް ފޮނުވާލި ހަމަލާ، އިންޓަ ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ކީޕަރު ސޮމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗު ނިމެނިކޮށް ވެސް ލީޑު ހޯދުމަށް ސިޓީއަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެ ދެ ފުރުސަތަކީ ވެސް މިސީޒަނުގައި އަލުން ސިޓީއާ ގުޅުނު ޖަރުމަން މިޑްފީލްޑަރު ގުންޑޮގަންއަށް ލިބުނު ފުރުސަތުތަކެކެވެ. ގުވާޑިއޯލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ޖަރުމަން މިޑްފީލްޑަރު ގުންޑޮގަން ބޮލުން ފޮނުވާލި ފުރަތަމަ ހަމަލާ އަމާޒުވީ އިންޓަ ކީޕަރު ސޮމާއާ ދިމާއަށެވެ. އަދި ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޖެރެމީ ޑޯކޫ ނަގައިދިން ހުރަހުން ގުންޑޮގަން ފޮނުވާލި ހަމަލާ، އިންޓަގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އެހެން ސީޒަންތަކާ ހިލާފަށް މިސީޒަނުގެ ޗެމްޕިއަންސް ލީގު ކުރިއަށްދަނީ މުޅިން އާ ފޯމެޓަކަށެވެ. ޗެމްޕިއަންސް ލީގުގައި މިފަހަރު ޖުމުލަ 36 ޓީމުން ވާދަކުރާނެއެވެ. ކޮންމެ ޓީމަކުންވެސް ހޯމް ހަތަރު މެޗު، އަވޭ ހަތަރު މެޗު، ޖުމުލަ އަށް މެޗު ލީގު ބުރުގައި ކުޅޭނެއެވެ. ޓީމުތައް ކުޅޭނީ ލީގެކެވެ. 36 ޓީމަކީ އެއް ގްރޫޕެއްގެ ޓީމުތަކެވެ. ލީގު ބުރުގައި އެއް ގައުމެއްގެ ދެ ޓީމެއް ވާދަކުރާކަށް ނުޖެހޭނެއެވެ.

ލީގު ބުރު ނިމޭއިރު އެންމެ ޕޮއިންޓް ގިނަ އަށް ޓީމު އޮޓޮމެޓިކުން ގަދަ 16 އަށް ދާނެއެވެ. އަދި ނުވަވަނަ އިން، 24 ވަނައާ ދޭތެރޭ ނިންމާލާ ޓީމުތަކުގެ މެދުގައި ދެ ލެގުގެ ކޮލިފިކޭޝަން ދެ ލެގު ކުޅެގެން ގަދަ 16 އަށް ޓީމުތަކަށް ދެވޭނެއެވެ.

ފުރަތަމަ ބުރުން ކަޓާނީ 25 ވަނަ އިން ތިރީގައި ނިންމާލާ ޓީމުތަކެވެ. ކުރީ ފޯމެޓުގައި ޗެމްޕިއަންސް ލީގުގައި ޖުމުލަ 125 މެޗު ކުޅެވޭ ނަމަވެސް، މިފަހަރު އެ އަދަދު ވަނީ 189 އަށް އިތުރު ވެފައެވެ. ކޮންމެ ޓީމަކަށްވެސް އެންމެ މަދުގެން އަށް މެޗު ލިބޭނެއެވެ. އަދި ފައިނަލަށް ދާ ޓީމަށް 17 މެޗު ކުޅެން ޖެހޭނެއެވެ.