ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާގެ ދަތިކަމާ ގުޅިގެން މުވައްޒަފުންނަށް މުސާރަ ދިނުމަށް އަދިވެސް އުނދަގޫތަކެއް ހުރި ކަމަށް އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީން ބުނެފިއެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ގަލޮޅު ދަނޑުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޓީގެ ޗެއާމަން އަހުމަދު ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ މުވައްޒަފުންގެ މުސާރަތައް އަދިވެސް ނުދެވި އެބަހުރި ކަމަށެވެ.

"އެފްއޭއެމްގެ މުވައްޒަފުންނަށް ވެސް މުސާރަ ނުދެވި އެބައުޅޭ 12 މަސް ދުވަސް މިހާރު. ހަމައެއާއެކީގައި އެފްއޭއެމްގެ ކޯޗުންނަށް ވެސް މުސާރަ ނުދެވި އެބަހުރި. އަދި އެފްއޭއެމްގެ ރެފްރީންނަށް ވެސް ދޭންޖެހޭ ފައިސާ ނުދީ އެބަވޭ. މުސާރައިގެ ބައެއް ހަރަދުތައް ވަނީ ހަމަޖައްސާފައި. އެހެންނަމަވެސް އަދިވެސް ބަޔަކަށް މުސާރަ ނުދެވި ހުރީ،" އޭނާ ވިދާޅުވިއެވެ.

އެކަމުގެ އިތުރު ތަފްސީލު ދެއްވަމުން އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ މުވައްޒަފުންގެ މުސާރަދިނުމަށް ފީފާ އިން އެކި ދުވަސްތަކަށް ބަހާލައިގެން ފައިސާ ދިން ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ދީފައިވަނީ ހަތް ލައްކަ ޑޮލަރު ކަމަށެވެ. އަދި އެ ފައިސާ އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރާ ހަމައަށް އިދާރީ މުވައްޒަފުންގެ ތެރޭގައި މުސާރަ ނުދެވި ތިބި ގާތްގަނޑަކަށް ހުރިހާ މުވައްޒަފުންނަށް މުސާރަ ދެވިފައިވާނެ ކަމަށް ވިދާޅުވިއެވެ.

"އޭގެ ފަހުން އެބޭފުޅުން ރިލީސްކޮށްދެއްވި ތިންވަނަ ޓްރެންޗުގައި 181،000 ޑޮލަރު. ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާ. މީގައި މި ހިމެނެނީ ޓެކްނިކަލް ބޭފުޅުންގެ ތެރޭގައި އޭރު މުސާރަ ނުދެވި ތިބި ބޭފުޅުންނާއި ވަޒީފާއިން ވަކިވެ އިސްތިއުފާދެއްވާފައި، އެހެންނަމަވެސް ޕެންޑިން ބައެއް މުސާރަ. އޭގެ ތެރޭގައި ގާތްގަނޑަކަށް 1.7 މިލިއަން ރުފިޔާ މުސާރައަށް ހަރަދުކުރެވުނު، އެއް މިލިއަން ކްލަބުތަކަށް ދީފައި،" އޭނާ ވިދާޅުވިއެވެ.

ޖައު ވިދާޅުވީ ރާއްޖެއަށް ފީފާ ޑިވެލޮޕްމަަންޓް ފަންޑު ސަސްޕެންޑުވި ފަހުން މިދިޔަ މާޗް މަހުން ފެށިގެން އެކަމަށް ފައިސާ ލިބިފައިނުވާ ކަމަށާއި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މުސާރަތައް ހަމަޖައްސަމުންދަނީ ސްޕޮންސަރުންގެ ގޮތުގައި ލިބޭ ފައިސާއިންނާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ އިން ކަމަށެވެ.

"އެކަމަކު މިވަގުތު އަޅުގަނޑު ވެސް ހިމެނިގެން މިދިޔަ ޖުލައި މަހުން ފެށިގެން މުސާރައެއް ނުދެވޭ އެފްއޭއެމްގެ މުވައްޒަފުންނަކަށް. ސަބަބަކީ އެއީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ ޑިސޯލްވުމާއި ސައިނިން ޕަވާސްތައް ޗޭންޖުކުރުމަށްޓަކައި އެ ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި ވެސް ލީގަލީ ފުރިހަމަވާން ޖެހޭ ބައެއް ކަންތައްތައް ފުރިހަމަކުރެވޭނެ ގޮތް ނެތުމާއި އަދި ފީފާ އިން ހަމައެކަނި އެޑްމިނިސްޓްރޭޝަން ކަންތައްތައް އެބޭފުޅުން އެ ދެއްވި އިރުޝާދާ އެއްގޮތަށް ކުރިއަށްގެންދިއުމަށް،" އޭނާ ވިދާޅުވިއެވެ.

ޖައު އިތުރަށް ވިދާޅުވީ އިދާރީ މުވައްޒަފުންނަށް މިހާރު މުސާރަ ނުދެވި ހުންނާނީ ގިނަވެގެން ހަތަރެއް ނުވަތަ ފަސް މަހަށް ކަމަށާއި ނަމަވެސް ޓެކްނިކަލް މުވައްޒަފުންނަށް ގިނަ މަސްތަކެއްގެ މުސާރަ ނުދެވި ހުރި ކަމަށެވެ.