ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ދަރަނީގެ އަދަދު 85 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވޭ ކަަމަށް އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ގަލޮޅު ދަނޑުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒުހޫރު ވިދާޅުވީ މިހާތަނަށް ލިޔެކިޔުމުން އެނގެން ހުރި ދަރަނީގެ އަދަދަކީ 30 މިލިއަނާއި 35 މިލިއަން ރުފިޔާގެ ދެމެދުގެ އަދަދެއް ކަމަށާއި ނަމަވެސް އެ އަދަދަށްވުރެ ދަރަނި އިތުރުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދި މުޅިން ފެކްޗުއަލްކޮށް ޔަގީންނުވި ނަމަވެސް، އައިސްދާނެ ދަރަނީގެ ގޮތުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތުން 85 މިލިއަނަށްވުރެ ވެސް މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ. އެއީ ދައުލަތަށް ދަންކަންޖެހޭ ފައިސާއަކަސް، ޔުޓިލިޓީތަކަށް ދައްކަން ޖެހޭ ފައިސާއަކަސް، އަދި އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި އަގުގައި ޓެކްނިކަލް ޑިރެކްޓަރުން ވެސް ބޭރުން ހަޔާ ކުރެވިފައިވޭ، އެބޭފުޅުން ކުރާނެ ކްލެއިމްއަށް ބެލިޔަސް، މި ހުރިހާ ކަމަކަށް ބަލާއިރު އަޅުގަނޑުމެންގެ ދަރަނި އިތުރުވުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ އެއްވެސް އެކައުންޓެއްގައި ފައިސާއެއް ނެތް ކަމަށާއި އެކައުންޓެއް ފައިސާ ވަނުމާއެކު ކޯޓުތަކުގެ ހުކުމްތަކާއެކު ބޭންކުން އެ ފައިސާ ކަނޑަމުންދާ ކަމަށެވެ. އަދި މަސައްކަތްކުރާނީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެކި ފަރާތްތަކާ މަޝްވަރާކުރުމަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މިގޮތަށް ދަރަނިވެރިވެފައި އޮތް ނަމަވެސް، އަޅުގަނޑުމެންނަށް އެހީތެރިވަމުންދާ އެންމެހާ ފަރާތްތަކާ ވާހަކަދައްކައިގެން ދަރަނި ރީސްޓްރަކްޗާ ކުރުމާއި، އަޅުގަނޑުމެންނަށް ލިބެންޖެހޭ ފައިސާ ވެސް ހޯދަން މަސައްކަތްކުރުމާއި، އޮނިގަނޑު އެކުލަވާލައި އަޅުގަނޑުމެންނަށް ކިރިޔާ ވެސް އާމްދަނީ ލިބެން ފެށުމާއެކީގައި ތަނަށް ބޭނުންވާ ހަރުދަނާ މުވައްޒަފުން ހޯދައިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދިއުން،" އޭނާ ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވޭނެ ކަންކަމާއި ނުނިންމޭނެ ކަންކަން ހުންނާނެ ކަމަށާއި ހުރިހާ ކަމަކީ ވެސް މިހާރު ފައްޓާފައިވާ މަސައްކަތްތައް ކަމަށެވެ. އަދި އެ ދަރަނިން އަރައިގަނެ، އެފްއޭއެމް އަކީ ދުވަހުން ދުވަހަށް ހިންގޭނެ ރަނގަޅު މުއައްސަސާއެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ގާއިމުކުރުމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ވެސް ގާތަގަނޑަކަށް ދިހަ ވަރަކަށް މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެހެންކަމުން އެ ފައިސާ އަހަރުތަކަށް ބަހާލައިގެން ދެއްކޭނެ ގޮތްތަކެއް ހޯދުމަށް ކުންފުނިތަކާ މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި އެފްއޭއެމްގެ މުވައްޒަފުންގެ މުސާރަތަކެއް ވެސް ނުދެއްކި ހުރިކަން ވެސް ޒުހޫރު ފާހަގަކުރެއްވިއެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލަށެވެ. އެގޮތުން އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި އޭނާއާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފުލުހުން މިހާރު ވަނީ ފޮނުވައިފައެވެ.