ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާ އިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި އޭނާއާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޔުނިޓުން ބުނެފައިވަނީ ބައްސާމުގެ އިތުރަށް އެ މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ފައިނޭންޝަލް ހެޑުގެ މަގާމުގައި ހުރި މުހައްމަދު އަދީލުގެ މައްޗަށްވެސް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.
"އެފްއޭއެމްއިން އަމީން ކޮންސްޓްރަކްޝަންއަށް 14 އޭޕްރީލް 2021 ވަނަ ދުވަހު ދައްކާފައިވާ އެއް މިލިއަން ޔޫއެސް ޑޮލަރަށްވާ ދިވެހި ރުފިޔާ ދައްކާފައިވާކަން ދެއްކުމަށްޓަކައި ލިޔެކިޔުން ތައްޔާރުކޮށް އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލަ މިބަލަނީ،" އެފްސީޔޫގެ ފަރާތުން ހަސަން ސަވާދު ވިދާޅުވިއެވެ.
ސަވާދު ވިދާޅުވީ، އެ ފައިސާ ލިބުނު ކަމަށް ހެދުމަށްޓަކައި ކުންފުންޏަކުން ލޯނެއް ނަގާފައިވާ ކަމަށާއި އެ އަދަދާއި އަމީން އިން އެފްއޭއެމް އަށް ފައިސާ ދެއްކި ކަމަށް ބުނެ ތައްޔާރުކޮށްފައިވާ ރަސީދުގައިވާ އަދަދާ ދިމާވާ ކަމަށެވެ. އެހެންވެ، އެފްއޭއެމްއިން މަސައްކަތް ކުރީ އަމީން ކޮންސްޓްރަކްޝަންއަށް ދެއްކި ފައިސާއަކީ ފީފާއިން ދިން ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަވާދު ވިދާޅުވީ ފީފާއިން ކޮވިޑު ރިލީފު ލޯނުގެ ގޮތުގައި ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަނަށް ބަައްސާމު ޖަމާކުރި ކަމަށާއި އެ ފައިސާއަކީ ކޮވިޑުގެ ތެރޭގައި ކުލަބުތަކަށް އެހީތެރިވުމަށް ފީފާއިން ދިން ލޯނެއްގެ ފައިސާ ކަމަށެވެ.
ސަވާދު އިތުރަށް ވިދާޅުވީ، އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާއިން ބައްސާމް 3.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު