ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި އުޒްބެކިސްތާންގެ ހޫމޯ ވީސީ އަތުން ރާއްޖޭގެ ކްލަބު ވެމްކޯ ބަލިވެއްޖެއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެމްކޯގެ މައްޗަށް ހޫމޯ އިން ކުރި ހޯދީ 3-1 ސެޓުންނެވެ. މިއީ ވެމްކޯ އިން މުބާރާތުގައި ބަލިވި ފުރަތަމަ މެޗެވެ. ދެ ޓީމުން ވެސް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅެއް ހޯދައިފައެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އޭގެ ފަހުން ހޫމޯގެ ގިނަ ސާވިސްތަކެއް ބޭކާރުވެގެންދިޔަ އިރު، ވެމްކޯގެ ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާ (މާޖި) އަދި ތައިލެންޑް ކުޅުންތެރިޔާ ކުޓިކާގެ ހަމަލާތަކާއެކު ވެމްކޯ އިން ދިޔައީ ލީޑު ފުޅާކުރަމުންނެވެ. ވެމްކޯ އިން އެ ސެޓު ގެންދިޔައީ 25-19 އިންނެވެ.
މެޗުގެ ދެވަނަ ސެޓުގައި ގޯސްތައް ރަނގަޅުކޮށް، ހޫމޯ އިން ރަނގަޅަށް ފަށައި ބޮޑު ލީޑެއް ހޯދިއެވެ. ހޫމޯ އިން ހަތް ޕޮއިންޓުގެ ލީޑެއްގައި އޮއްވައި ވެމްކޯ އިން ނަތީޖާ ހަމަހަމަކުރި ނަމަވެސް، ލީޑު ހޯދިފައެއް ނުވެއެވެ. ދެވަނަ ސެޓު 18-25 އިން ގެންގޮސް، ހޫމޯ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ ތިންވަނަ އަދި ހަތަރުވަނަ ސެޓުގައި ވެމްކޯއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ އިރު، ފެށުނީއްސުރެ ހޫމޯ އިން ދިޔައީ ބޮޑު ލީޑެއްގައި ހިފަހައްޓަމުންނެވެ. އެ ދެ ސެޓުގައި ވެސް ވެމްކޯއަށް ކުރިމަތިވި އެންމެ ބޮޑު އުނދަގުލަކަށް ވެފައިވަނީ ހޫމޯގެ ހަމަލާތައް ބްލޮކު ނުކުރެވުމެވެ. ހޫމޯ އިން މެޗުގެ ތިންވަނަ ސެޓު 19-25 އިން ގެންދިޔަ އިރު، ހަތަރުވަނަ ސެޓު ގެންދިޔައީ 18-25 އިންނެވެ.
އެ މެޗުގެ ކުރިން މިއަދު މެންދުރުފަހު ވެސް މުބާރާތުގެ މެޗެއް ވަނީ ކުޅެފައެވެ. އެ މެޗުގައި ނޭޕާލް ޕޮލިސް ކްލަބުން ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ތަޖިކިސްތާންގެ ޑައިމްޑް ބަލިކޮށްފައެވެ. ނޭޕާލް ޕޮލިސް ކްލަބުން ސެޓުތައް ގެންދިޔައީ 25-15، 25-12 އަދި 25-14 އިންނެވެ. މުބާރާތުގައި މިހާތަނަށް ނޭޕާލް ޕޮލިސް ކްލަބުން ކުޅުނު ތިން މެޗުން ވެސް މިވަނީ މޮޅުވެފައެވެ.
އެ މުބާރާތުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 8:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖޭގެ ޕޮލިސް ކްލަބާއި ސްރީލަންކާ އެއާ ފޯސްއެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި ޖުމުލަ ހަ ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖެއިން ކްލަބު ވެމްކޯ އާއި ޕޮލިސް ކްލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކްލަބާއި ސްރީލަންކާ އެއާ ފޯސް އާއި އުޒްބެކިސްތާންގެ ހޫމޯ ވީސީ އަދި ތަޖިކިސްތާންގެ ވީސީ ޑައިމްޑްއެވެ.
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް