ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްބާސް ޝަރީފު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ރުހުން ދީފިއެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، އައްބާސް ޝަރީފާއެކު ފަސް ބޭފުޅުން އެ މަގާމަށް ކުރިމަތިލެއްވިއެވެ. އެ ބޭފުޅުންނަކީ:

  • މަރްޔަމް ނިހާޔަތު، މ. ތާޖް
  • އަހްމަދު ހައިލަމް، އޯޝަންލީޑް/ހިތަދޫ
  • އަލީ ސަމީރު، މއ. ވޭސައިޑް 610 ފްލެޓް
  • އަހްމަދު ޔާމީން، ހ. ދިއްލީގެ
  • އިބްރާހިމް އަލީ، ހުޅުމާލެ ހިޔާ 6-13-02

މި ބޭފުޅުންގެ ތެެރެއިން ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ދެއްވުމަށް އެދި ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ވަނީ ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީފުޅު އިއްވެވުމަށްފަހު އައްބާސްގެ ނަން އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިއެވެ. އެކަމާ ގުޅިގެން އައްބާސްއާ ގުޅޭ މައްސަލައެއް އޮތް ނަމަ އިއްޔެ މެންދުރު 12:00ގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް ކޮމިޓީން އާއްމުކޮށް ހުޅުވައިލިއެވެ.

އެ މުއްދަތު ހަމަކޮށް ޕީޖީކަމުގެ ޝަރުތު ފުރިހަމަވޭތޯ އިއްޔެ ކޮމިޓީން ވަނީ އައްބާސްއާ އިންޓަވިއުކޮށްފައެވެ. އަދި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓްގެ މަގާމުގައި މި ވަގުތު ހުންނެވި އައްބާސް އަށް މަޖިލީހުން ދިނުމަށްއެދި ޖުޑިޝަރީ ކޮމިޓީން އިއްޔެ ފާސްކޮށް ކޮމިޓީރިޕޯޓް މަޖިލިސްތަޅުމަށް މިއަދު ހުށަހެޅިއެވެ.

ޕީޖީ މަގާމަށް އައްބާސް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 85 މެންބަރުންގެ އިއްތިފާގުން ފާސްކުރީ، އެ ރިޕޯޓްގައިވާ ގޮތުގެމަތިންނެވެ.

ޔުނިވަސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި އައްބާސް ވަނީ ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް އޭނާ ކުރެއްވިއެވެ.

އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވައިފައެވެ. އަދި ރައީސް އަބުދުﷲ ޔާމީނުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލައިގައި ވެސް ވަކީލުކަން ކުރައްވައިފައެވެ.

ޕީޖީގެ މަގާމު ހުސްވީ މީގެކުރިން އެ މަގާމުގައި ހުންނެވި، ހުސެއިން ޝަމީމު ޕީޖީކަމުން ވަކިކުރުމާ ގުޅިގެންނެވެ.

ޝަމީމް ވަކިކުރީ ބޮޑެތި ތުހުމަތުތަކެއް ކޮށް، ކުރީގެ ސަރުކާރުގެ ވެރިންނާ ގުޅޭ ބައެއް ބޮޑެތި މައްސަލަތައް އޭނާ އަނބުރާ ގެންގޮސްފައި ވަނީ އުސޫލާ ހިލާފަށް ކަމަށް ތުހުމަތު ކޮށެވެ. ނަމަވެސް މަޖިލީހުން އިތުބާރުނެތްކަމުގެ ވޯޓު ނެގީ އޭނާ އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.