ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ތުހުމަތުުކުރާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު މަރުހަލާގައި އެ މަނިކުފާނު ހަނު ހުންނެވި ކަމަށް ކޯޓުގައި ދައުލަތުން ތަކުރާރު ކުރާތީ، ފުލުހުންގެ ތަހުގީގަށް އެ މަނިކުފާނު ދެއްވި ބަޔާންތައް ހިމެނޭ ވީޑިއޯ ރެކޯޑިންތަކުގެ ސީޑީތައް ދިނުމަށް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފިއެވެ.
ޔާމީން އެކަމަށް އެދިވަޑައިގަތީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އެ މަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގުމުން ދަށު ކޯޓުން ކުރިއަށް ގެންދާ އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައެވެ.
ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެންމެ ފުރަތަމަ ދަށު ކޯޓުގައި މި މައްސަލަ ހިނގަމުންދިޔައިރު އެކަމާބެހޭ ލިޔެކިއުންތަކާއި ކްލިޕްތަކާއި ކުރިމިނަލް ކޯޓަށް ނުވަންނަ ކަމަށެވެ.
"އެހެންވީމަ ހައިކޯޓުގައި އިސްތިއުނާފު މަރުހަލާ ނިމިގެންދިޔައިރުވެސް އެ ކްލިޕްތަކާއި ރެކޯޑިންތަކެއް ލިބިފައެއް ނުވޭ، ދައުލަތަށްވެސް އެ ލިބިފައި ހުރި ކަމަށް ގަބޫލެއް ނުުކުރެވޭ. ދައުލަތުން މައްސަލައެކީ ސުޕްރީމް ކޯޓަށް ވައްދާފައެއް ނުވޭ އެއެއް، އެހެން ނަމަވެސް އެހެން މައްސަލައެއްގައި ހުރިހާ ލިޔެކިއުންތަކާއި ޕޮލިސް ތަހުގީގުގައި ހިންގާ އޯޑިއޯތަކާއި ވީޑިއޯ ކްލިޕްތަކާ ލިބެންޖެހޭނެ ކަމަށް ސުޕްރީމް ކޯޓް ނިންމީމަ ހަގީގަތުގައިވެސް ބަލަންބޭނުންވަނީ ކަންހިނގާފައިވާ ގޮތް، އަޅުގަނޑުމެންނަކަށް ނޯވޭ އެ ބެނެފިޓެއް ޕޮލިހަށާއި ދައުލަތަށް އޮވޭ ބެނެފިޓް ތަހުގީގުގެ ހުރިހާ ލިޔެކިއުންތަކާއި ރެކޯޑިންތައް ބެލުމަށް ނަމަވެސް މައްސަލަ ރައްދުވާ ފަރާތަކަށް ނުލިބޭ،" ޔާމީން ވިދާޅުވިއެވެ
އެހެންކަމުން ޔާމީން ވަނީ، ފުލުހުންގެ ތަހުގީގުގައި އެ ކަންތައް ދިޔައީ ކިހިނެއްތޯ ބަލަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
ޔާމީން ވިދާޅުވީ، ހަނދާނަށް ބުރަވާއިރު، އޭރު ދިޔައީ އެ މަނިކުފާނާ ގުޅޭ ދެ މައްސަލަ ތަހުގީގު ކުރަމުން ކަމަށާއި އޭރު ވަރަށް ގިނަ ކަންތައްތައް ހުށަހެޅިފައި އޮތް ކަމަށެވެ. އޭގެ ތެެރެއިން ބައެއް ޑޮކިއުންމެންޓްތައް ފޯނުން ފޮޓޯ ނަގާފައިވާތީ، އެކަންކަމާ ގުޅޭ ގޮތުން ދިފާއުގައި ވާހަކަދައްކަން ބޭނުންވަނީ ޝަރީއަތުގެ މަޖިލީހުގައި ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެ ނިންމުން ދައުލަތުން ބަލަނީ ހަނު ހުރުމުގެ ގޮތުގައި ކަަމަށް ޔާމީން ފާހަގަކުރެއްވިއެވެ.
ޔާމީން ވިދާޅުވީ، ފުލުހުންގެ ތަހުގީގުގެ ހުރިހާ ލިޔެކިޔުންތަކާއި ވީޑިއޯ ކްލިޕްތަކާއި ލިބެންޖެހޭނެ ކަމަށް ސުޕްރީމް ކޯޓަށް ވެއްދި މައްސަލައަކާ ގުޅުގެން އެ ކޯޓުން ނިންމާފައިވާ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ގާޒީ ވިދާޅުވީ، މައްސަލައާ ގުޅޭ ގޮތުން ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ހުރިހާ ލިޔެކިއުންތަކެއް ލިބޭނެ ކަމަށެވެ. ނަމަވެސް ކޯޓަށް ހުށަހަޅާފައިނުވާ ލިޔުމެއް ފޯރުވައިނުދެވޭނެ ކަަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު