ސަރުކާރާއި ސަރުކާރު ހިއްސާވާ ޕަބްލިކް ކުންފުނިތަކުގެ ހާއްސަ އާއްމު ޖަލްސާ ބޭއްވާ މުއްދަތު ކުރުކުރަން ހުށަހެޅި މައިގަނޑު މަގުސަދަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިމާވެފައިވާ މައްސަލަ ހައްލުކުރައްވަން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، ކުންފުނީގެ ގާނޫނުގެ 100 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 126 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ހުށަހަޅުއްވާފައިވާ، ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ގާނޫނުގެ 100 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގައި މިހާރު ބުނަނީ، މި ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ކުންފުންޏެއްގެ ހާއްސަ އާއްމު ޖަލްސާއެއް ބޭއްވުމަށް އެދި ހުށަހަޅާ ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި އެ ޖަލްސާއަށް ދައުވަތު ދޭންވާނެ ކަމަށެވެ. ދެވަނަ ނަންބަރުގައި ބުނަނީ، ތިން މަސް ދުވަހުގެ ތެރޭގައި އެޖަލްސާ ބާއްވަން ވާނެ ކަމަށެވެ.
އިސްލާހު ކުރަން ހުށަހަޅާފައި ވަނީ، ގާނޫނުގައި ބުނާ ޖަލްސާއަށް ދައުވަތުދޭ މުއްދަތު ތިން ދުވަހަށް ކުރުކޮށް، ޖަލްސާ ބާއްވަން ޖެހޭ މުއްދަތު 10 ދުވަހަކަށް ކުރު ކުރުމަށެވެ.
ނާޒިމް ވިދާޅުވީ ޕަބްލިކް ކުންފުނިތަކާބެހޭގޮތުން ކަންތައްތައް ކުރަންވީ ގޮތުގެ އިޖުރާއަތާބެހޭ ގޮތުން ހުށަހަޅާފައިވާ މި ބިލަކީ ބީއެމްއެލްއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރިމަތީގައި މިއޮތް ބިލަކީ ބީއެމްއެލްއަށް މިހާރު ދިމާވެގެންއުޅޭ މައްސަލަ ހައްލު ކުރުމަށް ހުށަހެޅިފައިވާ އިސްލާހެއް، 21 ސެޕްޓެމްބަރުގައި އީޖީއެމްއެއް (ހާއްސަ އާންމު ޖަލްސާ) ބޭއްވުމަށް ގޮވާލާފައިވަނިކޮށް އެ ކުންފުނީގެ ސީއީއޯ ވަނީ އިސްތިއުފާ ދެއްވައިފަ، އެހެންކަމުން ވަރަށް އަވަހަށް އިތުރު އީޖީއެމްއެއް ބާއްވަންޖެހޭ އެމްޑީއެއް ނުވަތަ ސީއީއޯއެއް އައްޔަން ކުރުމަށް ޓަކައި އެހެންވީމަ މި އީޖީއެމްތައް ބާއްވަން އޮންނަ އިޖުރާއަތްތައް އެބަޖެހޭ އޮންނަ މުއްދަތަށް ކުރުކުރަން މި އިސްލާހު ގެނެވުނީމާ މިހާރު 21 ސެޕްޓެމްބަރުގައި ބާއްވަން އޮތް އީޖީއެމް ބޭއްވި ކަމުގައިވިޔަސް ހަަމަ އެއާ ވިދިގެން ދުރުނޫން މުސްތަގުބަލެއްގައި އިތުރު އީޖީއެމްއެއް ބާއްވަން މަގު ފަހިވެގެންދާނެ،"
ނާޒިމް ވިދާޅުވީ ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދެއްވީ، އީޖީއެމްއަށް ނޯޓިސް ދީފައި އޮއްވައި ކަމަށައި، އެހެންކަމުން އަލުން ސީއީއޯއެއް އައްޔަން ކުރުމަށްޓަކައިވެސް އިތުރު އީޖީއެމްއެއް ބާއްވަން ޖެހޭ ކަމަށެވެ. ނާޒިމް ވިދާޅުވީ ބީއެމްއެލްގެ އިތުރުން އެހެން ކުންފުނިތަކުގައި ހުރި މައްސަލަތަކަށް ބަލައިލާއިރު އެސްޓީއޯއިންވެސް އަންނަނީ ފެނަކަ ޓޭކްއޯވާކުރަން ތައްޔާރުވަމުން ކަމަށެއެވެ.
"އެހެންވީމާ އެސްޓީއޯއަކީވެސް އާއްމު ހިއްސާދާރުން ހިމެނޭ ކުންފުންޏަކަށް ވާތީ އެފަދަ މުހިއްމު ނިންމުންތަކެއް ނިންމުމަށްޓަކައި އެސްޓީއޯއިންވެސް ޖެހޭނެ އީޖީއެމް ބާއްވަން، އަދި އެކަމުގެ ހުއްދަ އެ ކުންފުނީގެ ބޯޑުން ފާސްކުރަންވެސް ޖެހޭނެ އެއީ ޓޭކްއޯވާއަކީ ވަރަށް މުހިއްމު ޓޭކްއޯވާއެއް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ފެނަކަ އެސްޓީއޯގެ ދަށަށް ގެންދިއުމަކީ އޭގެ ޒާތުގައި ވަރަށް ހަރުދަނާ ނިންމުމެއްކަމަށް ބެލެނޭ ސަބަބަކީ އެސްޓީއޯއަކީ ފެނަކައިގެ އެންމެ ބޮޑު ކްރެޑިޓާ،"
ނާޒިމް ވިދާޅުވީ އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް، ވޭތުވެދިޔަ ސަރުކާރުގެ ފަސް އަހަރުދުވަސް ނިމުނު އިރުވެސް ދައްކާފައިނުވާ ކަމަށެވެ. އެހެންކަމުން ފެނަކައިން އެސްޓީއޯއަށް ދައްކަން ޖެހޭ 2.2 ބިލިޔަންރުފިޔާގެ މުގާބިލުގައި ފެނަކައިގެ 100 ޕަސެންޓް ހިއްސާ އެެސްޓީއޯއިން ގަންނަން މަސައްކަތްކުރަމުން އަންނަ މަންޒަރު މިހާރު ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވިގޮތުގައި އެސްޓީއޯގެ ތަޖުރިބާ ބޭނުންކޮށްގެން ފެނަކަައިގެ ކަންތައް ރަނގަޅު ކުރެވިއްޖެނަމަ އެ ފެނަކަ ޓޭކްއޯވާ ކުރުމަށް ނިންމި ނިންމުން ވަރަށް ފުރިހަމަވެގެންދާނެއެވެ.
ކުންފުނީގެ ގާނޫނުގެ 113 ވަނަ މާއްދާގެ (ހ) ގައި މިހާރު އޮންނަނީ، ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި، ހުރިހާ ވަގުތެއްގައިވެސް މަދުވެގެން އެއް ޑިރެކްޓަރަކު ހުންނަންވާނެ ކަމަށެވެ. (ށ) ގައި ބުނަނީ ކޮންމެ ޕަބްލިކް ކުންފުންޏެއްގައި މަދުވެގެން ދެ ޑިރެކްޓަރުން ތިބެންވާނެ ކަމަށެވެ. އަދި (ނ) ގައި ބުނަނީ ސަރުކާރުގެ ކޮންމެ ކުންފުންޏަކާއި ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން ތިން ޑިރެކްޓަރުން ތިބެންވާނެ ކަމަށެވެ.
(ރ)ގައި ބުނަނީ މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ގާނޫނެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު ބަޔާން ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށެވެ.
ނަމަވެސް ކުންފުނީގެ ހިންގާ ގަވާއިދު، އެ މާއްދާގެ ތެރޭގައި ހިމަނަން އިސްލާހުގައި ވަނީ ހިމަނައިފައެވެ.
އެގޮތަށް އިސްލާހު ކުރުމުން، (ރ) ގައި ބުނަނީ މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ގާނޫނެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރު ކުރުމަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށެވެ.
ޕްރައިވެޓް ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުގެ ހާއްސަ އާއްމު ޖަލްސާ ބާއްވަން ނޯޓިސް ދޭންޖެހޭނެ ކަމަށް ގާނޫނުގެ 100 ވަނަ މާއްދާގެ (ށ)ގެ އެއްވަނަ ނަންބަރާއި ދެވަނަ ނަމްބަރުގައި އޮތް 14 ދުވަހުގެ މުއްދަތު ހަތް ދުވަހުގެ މުއްދަތަށް ކުޑަ ކުރުމަށްވެސް އިސްލާހުގައި ވެއެވެ.
މިގާނޫނުގެ 113 ވަނަ މާއްދާގައި ބަޔާންކުރާ އަދަދަށް ކުންފުނީގައި ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރުން ނެތް ކަމަށް ރަޖިސްޓްރާގެ ސަމާލު ކަމަށް ގެނެސްފިނަމަ، އެ މާއްދާގައި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރު އައްޔަން ކުރަން ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވާ ކަމަށެވެ. އަދި މިގޮތުން ރަޖިސްޓްރާ ކުންފުންޏަށް އެންގުމުން، ކުންފުންޏަށް ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓާރު އައްޔަންކުރަން ޖެހޭނެ ކަމަށް ގާނޫނުގެ 126 ވަނަ މާއްދާގެ (ހ)ގައި ބުނާ 30 ދުވަހުގެ މުއްދަތު 10 ދުވަހަށް ކުރު ކުރަންވެސް ވަނީ ބިލްގައި ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު