ސްޕެނިޝް ލަލީގާގައި ޒުވާން ތަރި ލަމީން ޔަމާލް ކާމިޔާބުކުރި ދެ ގޯލާއެކު ޖިރޯނާ އަތުން ބާސެލޯނާ އިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ބާސާ އިން ރޭ ކުޅުނު މެޗުގައި ޖިރޯނާގެ މައްޗަށް ކުރި ހޯދާފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު ބާސާ އިން ވަނީ މިސީޒަނުގެ ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ބާސާ އިން ވަނީ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ވެސް ގޯލު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ބާސާގެ ޔަމާލް އަދި ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް ޖިރޯނާގެ ކީޕަރު ޕައުލޯ ގަޒަނިގާ ވަނީ މަތަކޮށްފައެވެ.

ބާސާ އިން ވަނީ މެޗުގެ 30 ވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޖިރޯނާގެ ޑިފެންޑަރު ޑޭވިޑް ލޯޕޭޒް އަތުން ބޯޅަ އަތުލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ބާސާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އުމުރުން 17 އަހަރުގެ ސްޕެއިން ފޯވަޑް ޔަމާލްއެވެ.

އޭގެ ހަތް މިނެޓު ފަހުން ބާސާ އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ލެވަންޑޯސްކީ ދިން ބޯޅައަކުން ބާސާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ޔަމާލްއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ އަމާޒުކޮށްލާފައިވަނީ ޖިރޯނާ ގޯލުގެ ތިރީ ކަނަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓު ތެރޭ ބާސާ އިން ވަނީ އިތުރު ގޯލެއް ޖަހައި ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. ޖޫލްސް ކޫންޑޭ ދިން ރީތި ބޯޅައަކުން ބާސާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިސީޒަނުގައި އެ ކްލަބާ ގުޅުނު ސްޕެއިން ފޯވަޑް ޑެނީ އޮލްމޯއެވެ. އޭނާ އެ ގޯލު ޖަހާފައިވަނީ ޖިރޯނާގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ޔަމާލްއަށް ހެޓްރިކެއް ފުރިހަމަކުރުމަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކޫންޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޔަމާލް ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ޖިރޯނާގެ ކީޕަރު ގަޒަނިގާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ބާސާގެ ހަތަރުވަނަ ގޯލު ފެނިގެންދިޔައީ މެޗުގެ 64 ވަނަ މިނެޓުގައެވެ. މާކް ކަސޭޑޯ ދިން ރީތި ބޯޅައަކުން ބާސާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ޕެޑްރީއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާއަށް ބޯޅަ ލިބުމާއެކު ޖިރޯނާގެ ކީޕަރު ގަޒަނިގާ ކައިރިން ނައްޓާލުމަށްފަހު ހުސް ގޯލުގެ ތެރެއަށް ވަނީ ބޯޅަ ފޮނުވާލައިފައެވެ.

މެޗުގައި ޖިރޯނާ އިން ޖެހި ހަމައެކަނި ގޯލު ފެނިގެންދިޔައީ މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށެވެ. ކްރިސްޓިއަން ޕޯޓޫ ދިން ބޯޅައަކުން ޖިރޯނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއާއީ ފޯވަޑް ކްރިސްޓިއަން ސްޓުއާނީ އެވެ. ބާސާގެ ކީޕަރު އަންދްރޭ ޓާ ސްޓެގަން ކުރިއަށް ނުކުމެ ހުރުމުން، ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ސްޓުއަނީ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައިގައި ބާސާ އޮތީ ހަތަރު ޕޮއިންޓުގެ ލީޑެއްގައެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑާއި ތިންވަނައިގައި އޮތް ވިޔަރެއާލް، އެއިން ކޮންމެ ޓީމަކަށް ވެސް ފަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. ބާސާ އިން ވަނީ ފަސް މެޗުން 15 ޕޮއިންޓް ހޯދައިފައެވެ.