އަނިޔާއިން އެނބުރި އައުމަށްފަހު އިންޓަ މަޔާމީއަށް ޖެހި ގޯލުތަކާއެކު އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) ގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާ ރެކޯޑެއް ހަދައިފިއެވެ.

އަނިޔާވުމުގެ ކުރިން އިންޓަ މަޔާމީއަށް މެސީ މެޗެއް ކުޅެފައިވަނީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ފަހުން މެސީ ވާދަކޮށްފައިވަނީ މިއަހަރުގެ ކޮޕާ އެމެރިކާގައި އާޖެންޓީނާ ޓީމަށެވެ. މިދިޔަ ޖުލައި މަހުގެ 15 ގައި ކުޅުނު ކޮޕާ އެމެރިކާގެ ފައިނަލުގައި މެސީގެ ފަޔަށް އަނިޔާވެ އޭނާއަށް ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ.

އަނިޔާއަށްފަހު ފުރަތަމަ ފަހަރަށް މެސީ މެޗެއް ކުޅެފައިވަނީ އެމްއެލްއެސްގައި އިންޓަ މަޔާމީން މިއަދު ފިލަޑެލްފިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މެސީގެ ކެޕްޓަންކަމުގެ ދަށުން އެ މެޗުން އިންޓަ މަޔާމީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

އުމުރުން 37 އަހަރުގެ މެސީ ވަނީ މެޗުގައި ކައިރިކައިރީގައި ދެ ގޯލު ޖަހައި ރެކޯޑެއް ހަދައިފައެވެ. އަނިޔާއާ ގުޅިގެން ގިނަ މެޗުތަކެއް ގެއްލުނު މެސީގެ އެ ރެކޯޑަކީ އެމްއެލްއެސްގެ ސީޒަނެއްގައި އެންމެ އަވަހަށް 15 ގޯލު ޖަހައި، 15 އެސިސްޓް ހެދި ކުޅުންތެރިޔާގެ ރެކޯޑެވެ.

ދެ ގޯލު ޖެހުމަށްފަހު މެސީ ވަނީ ތިންވަނަ ގޯލެއް ޖެހުމަށް އުރުގުއާއީ ތަރި ލުއިސް ސުއަރޭޒަށް އެސިސްޓް ކޮށްދީފައެވެ. އެއީ މިސީޒަނުގެ އެމްއެލްއެސްގައި މެސީގެ 16 ވަނަ އެސިސްޓެވެ.

އެ ނަތީޖާއާއެކު އެމްއެލްއެސްގެ އީސްޓާން ކޮންފަރެންސްގެ ތާވަލުގެ އެއްވަނައިގައި އިންޓަ މަޔާމީ އޮތީ ދިހަ ޕޮއިންޓުގެ ލީޑަކާއެކުއެވެ. ކުޅުނު 28 މެޗުން އިންޓަ މަޔާމީން 62 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި އޮތް ސިންސިނަޓީއަށް 28 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ.