އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން ހޯދި އުނދަގޫ މޮޅާއެކު އާސެނަލުން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި އާސެނަލުން މިރޭ ކުޅުނު މެޗުގައި ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އާސެނަލުން ތާވަލުގެ ދެވަނައަށް ޖެހިލީ ލިވަޕޫލު ފަހަތަށް ޖައްސާލުމަށްފަހުއެވެ.

އާސެނަލުން މެޗަށް ނުކުންނަން ޖެހުނީ އެޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި މިޑްފީލްޑަރު ޑެކްލަން ރައިސްއަށް ދެއްކި ރަތް ކާޑާ ގުޅިގެން އޭނާ ސަސްޕެންޝަންގައި ހުރި އިރު، މިކެލް މެރީނޯ އަދި ކެޕްޓަން މާޓިން އޮޑެގާޑް ހުރީ އަނިޔާގައެވެ.

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި މެޗުގެ ކޮންޓްރޯލު ހޯދައި، ޓޮޓެންހަމުން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން ކެޕްޓަން ސޮން ހިއުން މިން ދިން ބޯޅައަކުން ޑެޖާން ކުލުސެވްސްކީ ފޮނުވާލި ހަމަލާއެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ މަތަކުރި އިރު، އޭގެ ފަހުން ކުލުސެވްސްކީ ފޮނުވާލި ހަމަލާއެއް އާސެނަލް ޑިފެންޑަރު ގެބްރިއަލް ބްލޮކްކުރިއެވެ.

އާސެނަލުން ވެސް ގޯލަށް ނުރައްކާކުރުމަށް މަސައްކަތްތަކެއްކޮށް ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ކައި ހަވާޓްޒް ފޮނުވާލި ހަމަލާއަކާއި އޭގެ މިނެޓެއް ފަހުން ގެބްރިއަލް މާޓިނެލީ ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް ޓޮޓެންހަމްގެ ކީޕަރު ގުގްލިއޭލްމޯ ވިކާރިއޯ ވަނީ މަތަކޮށްފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޖޭމްސް މެޑިސަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޑޮމިނިކް ސޮލާންކީ ބޮލުން ފޮނުވާލި ހަމަލާ، އާސެނަލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، ޓޮޓެންހަމްއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބްރެނަން ޖޯންސަން ފޮނުވާލި ބާރު ހަމަލާ ދިޔައީ އާސެނަލް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފިޒިކަލް ކުޅުމެއް ފެނުނު އިރު، ރެފްރީ ވަނީ ހަތް ރީނދޫ ކާޑެއް ދައްކައިފައެވެ. އެއީ ޓޮޓެންހަމްއަށް ދެއްކި ފަސް ރީނދޫ ކާޑަކާއި އާސެނަލަށް ދެއްކި ދެ ރީނދޫ ކާޑެކެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ޓޮޓެންހަމުން ފެށީ ވަރުގަދަކޮށެވެ. އެގޮތުން ހާފުގެ ކުރީކޮޅުގައި ޓޮޓެންހަމްގެ ސޮލާންކޭ އަދި މިކީ ވެން ޑެ ވެންގެ ހަމަލާއެއް ފާހަގަކޮށްލެވުނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ސޮލާންކީގެ ހަމަލާ ބްލޮކްވި އިރު، ވެން ޑެ ވެން ބޮލުން ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު ރާޔާ ވަނީ މަތަކޮށްފައެވެ.

އާސެނަލުން އެޓޭކުތައް އުފެއްދުމަށް އުނދަގޫތަކަކާ ކުރިމަތިލަމުން ދިޔަ އިރު، ޓޮޓެންހަމުން ދިޔައީ ކުރިއަށްޖެހި އެޓޭކުގައި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޓޮޓެންހަމްގެ ޖޯންސަންގެ ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ޖޯންސަންގެ ފުރަތަމަ ހަމަލާ އާސެނަލްގެ ކީޕަރު ރާޔާ މަތަކުރި އިރު، އޭނާގެ ދެވަނަ ހަމަލާ ވަނީ ބްލޮކްވެފައެވެ.

މެޗުގެ 64 ވަނަ މިނެޓުގައި އާސެނަލުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ބުކާޔޯ ސަކާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އާސެނަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު ގެބްރިއަލްއެވެ.

އާސެނަލްގެ ގޯލަށްފަހު ބަދަލުތަކަކާއެކު ޓޮޓެންހަމުން ދިޔައީ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންނެވެ. އާސެނަލްގެ ވަރުގަދަ ޑިފެންސާއެކު ޓޮޓެންހަމަށް ގިނަ ފުރުސަތުތަކެއް ނުލިބުނު ނަމަވެސް، މެޗުގެ 82 ވަނަ މިނެޓުގައި ޕަޕޭ މަޓާ ސާ ފޮނުވާލި ބާރު ހަމަލާއެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ، އާސެނަލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފަހުކޮޅު އާސެނަލުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރަހީމް ސްޓާލިން ކުޅެން ނެރުނު ނަމަވެސް، އޭނާގެ ފަރާތުން މާބޮޑު އެޓޭކިން ކުޅުމެއް ފެނިފައެއް ނުވެއެވެ. ޓޮޓެންހަމުން ވަރަށް ކުރިއަށްޖެހި ކުޅެމުންދިއުމުން އާސެނަލަށް މަޖުބޫރުވީ ޑިފެންސަށް އިސްކަންދީގެން ކުޅުމަށެވެ. އަދި އެޓޭކުގައި އާސެނަލަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ ސަކާއަށް ކުރިމަތިވި އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރަން ޖެހުމުންނެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ޓޮޓެންހަމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެޑްރޯ ޕޮރޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކްރިސްޓިއަން ރޮމޭރޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އާސެނަލްގެ ކީޕަރު ރާޔާއާ ދިމާއަށެވެ.

އެ ނަތީޖާއާއެކު އާސެނަލުން ހަތަރު މެޗުން ހޯދި ދިހަ ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނައަށް ޖެހިލި އިރު، ތިންވަނައަށް ވެއްޓުނު ލިވަޕޫލަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އަދި ތާވަލުގެ އެެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. މިއަދުގެ މެޗުން ބަލިވި ޓޮޓެންހަމް އޮތީ ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.