ލިއޯ މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދައުރު ރަސްމީކޮށް ނިމުމަކަށްއައީ ބާވައެވެ. އެ ދެމީހުން ފުޓްބޯޅައިން އަދި ރިޓަޔަރކުރީއެއްވެސް ނޫނެވެ. މިއަހަރުގެ ބަލޮންޑޯރއަށް ޝޯޓްލިސްޓްކުރި ތިރީސް ކުޅުންތެރިންގެ ތެރޭގައި މެސީގެ ނަމެއް ރޮނާލްޑޯގެ ނަމެއް ނެތީމާ މި ސުވާލު އުފެދެނީއެވެ. އެ ދެ ކުޅުންތެރިންގެ ނަން ނުހިމަނައި 2003 ވަނަ އަހަރުން ފެށިގެން ބަލޮންޑޯރއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓެއް ނުނެރެވެއެވެ. ފާއިތުވި ސޯޅައަހަރުގެ ތެރޭގައި އެ ދެމީހުން އެކަނިވެސް ތޭރަ ފަހަރު ބަލޮންޑޯރ ހޯދައިފިއެވެ. މިފަހަރު އެއިން މީހެއްގެ ނަން ލިސްޓަކު ނެތެވެ. އެހެންވެ ދެ މީހުންވެސް އޮއްސުނީ ކަމަށް ބައެއް މީހުން ނިންމަނީއެވެ. ދެމީހުންގެ ދައުރުވެސް ނިމުމަކަށް އައީކަމަށް ހީކުރަނީއެވެ. ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ކަންކަން ފުރޮޅިގެން ގޮސްގެން މެނުވީ އެއިން މީހެއްގެ ނަން ކުރިއަށްއޮތް ތަނުގައި ބަލޮންޑޯރއަށް ޝޯޓްލިސްޓް ވުމުގެ ފުރުސަތު އޮތްކަމަށްވެސް ނުދެކެނީއެވެ.
ކޮންމެއަކަސް މެސީއާއި ރޮނާލްޑޯގެ އޮއްސުމުގެ ވާހަކަ ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ މެދުގައި ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ފުޓްބޯޅައިގެ މެދުއުޑުގައި އެ ދެ ކުޅުންތެރިން ފިޔަޖަހަމުންދާތާ ލައްކަ ގިނަ ދުވަސް ވަނީ ވެފައެވެ. ފުޓްބޯޅައިން އެ ދެކުޅުންތެރިން ހާސިލްކުރި ނަތީޖާތައް ދެން އަލަކުން އެހެން ކުޅުންތެރިޔަކަށް ހާސިލްކުރަން ފަސޭހައެއް ނުވާނެއެވެ. އެ މީހުންގެ ރިކޯޑުތައް އެހެން ބަޔަކަށް މުގުރައިލަން ފަސޭހައެއް ނުވާނެއެވެ. އެހެންވީމާ ފުޓްބޯޅައިގެ މެދުއުޑުން އެ ދެމީހުން ގެއްލުމަކީ ދުނިޔޭގެ ކަންކޮޅުތަކުގައިވާ ފުޓްބޯޅަ ފޭނުންނަށް ނުހަނު ބޮޑު ހިތާމައެކެވެ. ޚާއްސަކޮށް އެދެމީހުންނަށް މަރުދޭ ފޭނުންނަށެވެ. މެސީއާއި ރޮނާލްޑޯގެ އޮއްސުމުގެ ވާހަކަ ދައްކާއިރު ދެމީހުންގެ ހާލަތު މިވަގުތު އެއްތިލަފަތަކުން ނުކިރޭނެކަމަށް ގަބޫލުކުރާ މީހުންވެސް ވަރަށް ގިނައެވެ. އެއީ ބަލޮންޑޯރއަށް މެސީގެ ނަން ނޮމިނޭޓް ނުވީ ކީއްވެގެންތޯ މިހާރު ސުވާލުކުރާ މީހުންނެވެ. އެމީހުންގެ ނަޒަރުގައި މެސީގެ ތަރި އަދި ނުއޮއްސެއެވެ. އޮއްސެން ގާތެއްވެސް ނުވެއެވެ.
މެސީގެ ނަން ޝޯޓްލިސްޓް ނުކުރި މައްސަލަ މިހާރު ބޮޑު ބަހުސަކަށްވެސް ވަނީ ވެފައެވެ. އެމީހުންގެ ނަޒަރުގައި ފާއިތުވި އެއްއަހަރަށް އެކަނި ބެލިކަމަށްވިޔަސް މެސީވަރުގެ އެހެން މީހަކު ނެތެވެ. ނުފެނެއެވެ. ކުލަބުގައެވެ. އަދި ގައުމީ ޓީމުގައެވެ. އުމުރުން 37 އަހަރު ވެފައިވާތީ އޭނާގެ ސްޕީޑަށް ކުޑަވަރެެއްގެ ލަސްކަމެއް އަތުވެއްޖެއެވެ. އެކަން ކަށަވަރެވެ. އެކަމަކު ބަލޮންޑޯރއަށް މިފަހަރު ވާދަކުރާ ތިރީސް ކުޅުންތެރިންގެ ލިސްޓުން މެސީއަށް ޖާގަ ނުލިބޭވަރެއް ނުވެއެވެ. ޖާގަނުލިބުމަކީ ބޮޑުވެގެންވާ ބޭއިންސާފެކެވެ. ކުލަބުގައިވެސް މެސީވަރެއް ނެތެވެ. ގައުމީ ޓީމުގައިވެސް އެވަރެެއް ނެތެވެ. މިއަހަރުގެ ކޮޕާ އެމެރިކާވެސް ހޯދައިފިއެވެ. އެކަންކަމަށް ރިއާޔަތްކުރާއިރު މެސީގެ ނަން ލިސްޓުގައި ނުހިމެނެންވީ ކީއްވެގެންބާވައެވެ. ބައެއް މީހުންގެ ނަޒަރުގައި ބަލޮންޑޯރ އިންތިޒާމްކުރާ ފަރާތުން މެސީއަށް މިފަހަރު ދިނީ އަދަބެކެވެ. ކީއްވެގެން ބާވައެވެ. ޔޫރަޕުގެ ފުޓްބޯޅަ ދޫކޮށް ޔޫރަޕުވެސް ދޫކޮށް އެމެރިކާގެ ލީގަށް ބަދަލުވުމުންނެވެ. މެސީ ބަދަލުވީ އެމެރިކާގެ އިންޓަރ މަޔާމީއަށެވެ.
އެމެރިކާގެ ލީގަކީ ޔޫރަޕުގެ އެންމެ ބޮޑު ފަސް ލީގަށްވުރެ ފެންވަރުދަށް ލީގެއް ކަމަށް ބުނެވެއެވެ. އެމެރިކާގެ ލީގު ނުވަތަ މޭޖަރ ލީގް ސޮކަރ، އެމްއެލްއެސްއަކީ ޔޫރަޕުގެ ބޮޑު ފަސް ލީގާއި ވަރުން އެޅިގެންނުވާ ލީގެެއް ކަމަށް ހީވާ ހީވުމަކީ މެސީގެ ނަން މިފަހަރުގެ ލިސްޓުން އުނިކުރުމަށް ބަލޮންޑޯރގެ އޮގަނައިޒަރުން ނިންމި ސަބަބުކަމަށް ވެދާނެއެވެ. އޭގެ މާނައަކީ މެސީއާ ދޭތެރޭ ވިސްނަން ނުޖެހޭވަރަށް އޭނާގެ ފެންވަރު ދަށްވުމެއް ނޫނެވެ. މެސީއާ ދޭތެރޭ ބަލޮންޑޯރގެ އޮގަނައިޒަރުން އަމަލުކުރިގޮތަކީ ހުސްވި 2023 ވަނަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯއާމެދުވެސް އަމަލުކުރި ގޮތެވެ. މެންޗެސްޓަރ ޔުނައިޓެޑަށާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސްއަށް ކުޅެ ހުރިހާ ވައްތަރެއްގެ ކާމިޔާބީއެއް ހާސިލްކުރި ރޮނާލްޑޯގެ ނަން ހުސްވި އަހަރު މި ލިސްޓުން އުނިކުރީ ސައޫދީ އަރަބިޔާގެ އައްނަސްރަށް އޭނާ ބަދަލުވުމުންނެވެ. އެހާތަނަށް މެދުނުކެނޑި އަށާރަ އަހަރު ބަލޮންޑޯރއަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުނެވެ.
ބައެއް މީހުންގެ ނަޒަރުގައި ރޮނާލްޑޯއާއި މެސީގެ ކޭސް ތަފާތެވެ. ކުލަބާއި ގައުމީ ޓީމުގައި ރޮނާލްޑޯގެ ވިދުން ވަނީ ފަނޑުވެފައެވެ. މިދެންނެވި ހަގީގަތް 2022 ވަނަ އަހަރުގެ ވޯލްޑްކަޕުންވެސް ވަނީ ފެނިފައެވެ. ސައޫދީ އަރަބިޔާގެ ލީގުގައި އައްނަސްރަށް ރޮނާލްޑޯ ކުޅެދިން 68 މެޗުގައި 62 ގޯލް ޖަހާފައިވިޔަސް އޭނާއަކީ މިހާރު ދުނިޔޭގެ ފެންވަރުގެ ތަރިއެއް ނޫންކަމަށް ބައެއް މީހުން ދެކެއެވެ. މިކަން މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުންވެސް ވަނީ ފެނިގެންގޮސްފައެވެ. ރިޓަޔަރ ނުކޮށް އަދިވެސް ކުޅުމުގައި ދެމިހުންނާތީ އުމުރުން 39 އަހަރުގެ ރޮނާލްޑޯ މިހާރު އޭނާގެ އަމިއްލަ ރީތިނަން ހަލާކުކުރަމުންދާ ކަމަށްވެސް ބައެއް މީހުން ގަބޫލުކުރެއެވެ. ރޮނާލްޑޯއާ ދޭތެރޭ މިގޮތަށް ވާހަކަ ދެކެވުނުކަމަށްވިޔަސް ކުލަބުގައި އަދި ގައުމީ ޓީމުގައިވެސް މެސީގެ ވިދުން ގަދައެވެ. ކުރިއަށްވުރެ މިހާރު އޭނާ ކުޅެނީ ފަހަތަށް ފައިބައިގެންނެވެ. ކުލަބުގައިވެސް ގައުމީ ޓީމުގައިވެސް އިންޖީނަކީ އޭނާއެވެ. ޓީމުގެ ފުރާނަޔަކީ އޭނާއެވެ.
އެންމެފަހުގެ ވޯލްޑްކަޕާއި ކޮޕާ އެމެރިކާގެ ތަށި އާޖެންޓީނާއަށް ހޯދުނީ މިދެންނެވި ދައުރު މެސީ އަދާކޮށްގެންނެވެ. މިފަހަރުގެ ބަލޮންޑޯރއަށް ރޮނާލްޑޯ އާއި މެސީގެ ނަން ނޮމިނޭޓް ނުވިޔަސް އަވަސް އަރުވާލައިގެން އެ ދެކުޅުންތެރިން ފުޓްބޯޅައިން ރިޓަޔަރ ކުރާނެ ކަމަކަށް ނުބެލެވެއެވެ. ފެންނަ ފެނުމުގައި ބައިނަލްއަގުވާމީ ބޮޑު އެއްމުބާރާތުގައި ކުޅެފައި ނޫނީ ހުއްޓާލަން އެއިން މީހަކު ބޭނުމެއް ނުވެއެވެ. މިހާރު ކުޅެވެމުންދާ ޔުއެފާ ނޭޝަންސް ލީގުގައި ރޮނާލްޑޯ ގެންދަނީ ޕޯޗުގަލްއަށް ކުޅެމުންނެވެ. ނޭޝަންސް ލީގަށްފަހު ދެން ގައުމީ ޓީމުން ރޮނާލްޑޯ ފެނުން ކައިރިއެއް ނޫނެވެ. މެސީއަށް ދެން އެންމެ އަވަހަށް އޮތީ އަދި ދެއަހަރު ފަހުން ބާއްވާ ވޯލްޑްކަޕެވެ. މެސީގެ ފޭނުން ބޭނުންވަނީ އެ މުބާރާތުގައި މެސީ ކުޅޭތަން ދުށުމަށެވެ. ވޯލްޑްކަޕަށް ކޮލިފައިވުމަށް އާޖެންޓީނާ ކުޅޭ ބައެއް މެޗުތަކުން މެސީ އެބަފެނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު