ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެދާދް އަތުން ރެއާލް މެޑްރިޑުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި ރެއާލުން ރޭ ކުޅުނު އެ މެޗުގައި ސޮސިއެދާދް އަތުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރެއާލްގެ ގޯލުތައް ފެނިގެންދިޔައީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީތަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ރެއާލް ސޮސިއެދާދުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެޓޭކުގައި ނުރައްކާކޮށް ފެނުނީ ރެއާލްއެވެ. އެގޮތުން ރެއާލްގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭގެ ދެ ހަމަލާއެއް ފާހަގަކޮށްލެވުނެވެ. އޭނާގެ ދެ ހަަމަލާ ވެސް ސޮސިއެދާދުގެ ކީޕަރު އެލެކްސް ރެމީރޯ ވަނީ މަތަކޮށްފައެވެ.
ރެއާލުން މެޗުގެ ކޮންޓްރޯލު ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް، މެޗުގެ 25 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންސަށް ހެދުނު ގޯހަކުން ސޮސިއެދާދުގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ސޮސިއެދާދުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ ސުސިޗް ފޮނުވާލި ހަމަލާ އަމާޒުވީ ރެއާލް ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ރެއާލުގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ލޫކާ މޮޑްރިޗް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ބޮލުން ފޮނުވާލި ހަމަލާ، ސޮސިއެދާދުގެ ކީޕަރު ރެމީރޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ސޮސިއެދާދްގެ ކައުންޓާ އެޓޭކުތައް ހުއްޓުވުމަށް ރެއާލްގެ ޑިފެންސުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އެގޮތުން ސޮސިއެދާދް ފޯވަޑް ޝެރާލްޑޯ ބެކާ، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ރެއާލް ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި އޭގެ ފަހުން ސުސިޗް އަދި ޓެކެފޫސާ ކޫބޯ ފޮނުވާލި ހަމަލާއެއް ރެއާލްގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށުނުތާ މިނެޓެއް ނުވަނީސް، ސޮސިއެދާދުގެ ނުރައްކާ ފެނިގެންދިޔައެވެ. އުމަރް ސަދީގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސުސިޗް ފޮނުވާލި ހަމަލާ އަމާޒުވީ ރެއާލް ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެއީ މެޗުގައި ރެެއާލް ގޯލުގެ ދަނޑިއަށް އަމާޒުވި ތިންވަނަ ބޯޅައެވެ.
މެޗުގެ 58 ވަނަ މިނެޓުގައި އަރްދާ ގުލާ ފޮނުވާލި ބާރު ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރި ސޮސިއެދާދުގެ ސާޖިއޯ ގޮމޭޒްގެ އަތުގައި އަތުގައި ޖެހުމުން ރެއާލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ރެއާލަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ލީޑު ހޯދައިދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާއެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރުމަށް ސޮސިއެދާދަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އިގޯ ޒުބެލްޑިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ނަޔެފް އަގުއާޑް ބޮލުން ފޮނުވާލި ހަމަލާ، ރެއާލްގެ ކީޕަރު ތީބޯ ކޯޓުވާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ވިނީޝިއަސްއަށް ސޮސިއެދާދްގެ އަގުއާޑް ކުރި ފައުލަކާ ގުޅިގެން ރެއާލަށް އިތުރު ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ފަސޭހަކަމާއެކު ޕެނަލްޓީ ކާމިޔާބުކޮށް، ރެއާލަށް ލީޑު ފުޅާކޮށްދިނީ މިސީޒަނުގައި އެ ކްލަބާ ގުޅުނު ފްރާންސް ތަރި އެމްބާޕޭއެވެ. އެ ގޯލަކީ ރެއާލްގެ ޖާޒީގައި އޭނާ ކާމިޔާބުކުރި ތިންވަނަ ގޯލެވެ.
އެ ނަތީޖާއާއެކު ލީގު ތާވަލުގެ ދެވަނައިގައި ރެއާލް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ވިޔަރެއާލަށް ވެސް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާ އިރު، ރެއާލް ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ