އާޖެންޓީނާ ތަރި ލިއޮނެލް މެސީ، އަނިޔާއަށްފަހު އެނބުރި ކުޅުމަށް ނުކުތުމަށް މިހާރު ތައްޔާރަށް ހުރި ކަމަށް އިންޓަ މަޔާމީގެ ކޯޗު ޖެރާޑޯ މާޓީނޯ ބުނެފިއެވެ.
މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު ކުޅުނު މެޗަށްފަހު އިންޓަ މަޔާމީއަށް ކެޕްޓަން މެސީ މެޗެއް ކުޅެފައެއް ނުވެއެވެ. އޭގެ ފަހުން މެސީ ވާދަކޮށްފައިވަނީ މިއަހަރުގެ ކޮޕާ އެމެރިކާގައި އާޖެންޓީނާ ޓީމަށެވެ. މިދިޔަ ޖުލައި މަހުގެ 15 ގައި ކުޅުނު ކޮޕާ އެމެރިކާގެ ފައިނަލުގައި މެސީގެ ފަޔަށް އަނިޔާވެ އޭނާއަށް ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ.
މެސީގެ އަނިޔާއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެމުން އިންޓަ މަޔާމީގެ ކޯޗު މާޓީނޯ ބުނީ މެސީގެ އަނިޔާ މިހާރު ރަނގަޅު ކަމަށާއި އެންމެ ފަހުން ބޭއްވި ޓީމުގެ ޓްރެއިނިން ސެޝަންގައި ވެސް މެސީ ބައިވެރިވެފައިވާ ކަމަށެވެ.
"ފިލަޑެލްފިއާއާ ދެކޮޅަށް ކުޅޭ މެޗަށް ވެސް އޭނާ ހުންނާނީ ކުޅެވޭ ހާލަތުގައި. ނަމަވެސް މެޗުގައި މެސީއަށް އޮތް ދައުރާ މެދު ގޮތެއް ނިންމާނީ ޓްރެއިނިންއަށްފަހު. އަހަރެމެންނަށް އަނެއްކާވެސް އަލުން އަނބުރާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޓީމުގައި ބައިވެރިކުރެވޭނެ. އަހަރެމެން އެންމެން ވެސް އެކަމާ މިހުރީ އުފަލުން،" ކޯޗު މާޓީނޯ ބުންޏެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ޓްރެއިނިން ސެޝަންގައި މެސީ ބައިވެރިވެފައިނުވަނީ ކީއްވެތޯ ނޫސްވެރިން ސުވާލުކުރުމުން ކޯޗު މާޓީނޯ ބުނީ އެ ޓްރެއިނިންގައި މެސީ ބައިވެރިނުވީ އިތުރު އަނިޔާއެއް ކުރިމަތިވެގެން ނޫން ކަމަށާއި އެއީ އޭނާއަށް އާދައިގެ ރޯގާއަކާ ކުރިމަތިވެގެން ބައިވެރިނުވެވުނީ ކަމަށެވެ.
އިންޓަ މަޔާމީއަށް މިސީޒަނުގައި މެސީ ކުޅުނު 12 މެޗުން އޭނާ ވަނީ 12 ގޯލު ޖަހައި، 13 އެސިސްޓް ހަދައިފައެވެ. އަނިޔާއާ ގުޅިގެން މެސީއަށް ގިނަ މެޗުތަކެއްގައި ބައިވެރިނުވެވުނު ކަމުގައިވިޔަސް، އޭނާ ކުޅުނު ކޮންމެ މެޗެއްގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ.
މިސީޒަނުގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) ގެ އީސްޓާން ކޮންފަރެންސްގައި އިންޓަ މަޔާމީ މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އިންޓަ މަޔާމީ އާއި ދެވަނައިގައި އޮތް ސިންސިނަޓީއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ