އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް، ކެމެރާމަނަކަށް ހަމަލާދިން މައްސަލަ ބެލުމަށް ކޮލަމްބިއާ ކުޅިވަރު ނޫސްވެރިންގެ އެސޯސިއޭޝަނުން ފީފާއަށް ގޮވާލައިފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އަންގާރަ ދުވަހު 2-1 ގެ ނަތީޖާއަކުން ކޮލަމްބިއާ އަތުން އާޖެންޓީނާ ވަނީ ބަލިވެފައެވެ. އެ މެޗަށް ވެސް އާޖެންޓީނާ ނުކުތީ ކޮޕާ އެމެރިކާ ފައިނަލުގައި ކެޕްޓަން ލިއޮނެލް މެސީއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ނުލައެވެ. އެ މެޗުގައި ކޮލަމްބިއާއަށް ތިން ޕޮއިންޓު ކަށަވަރުވީ ރެއާލް މެޑްރިޑުގެ ކުރީގެ ފޯވަޑް ހަމޭސް ރޮޑްރިގޭޒް ކާމިޔާބުކުރި ޕެނަލްޓީންނެވެ.

އެ މެޗުގައި ދަނޑަށް ވަދެ ތިބި ސަޕޯޓަރުން އާޖެންޓީނާއަށް ފާޑުކިޔުމުގެ އަޑުތައް އިއްވާފައިވާ އިރު، ކީޕަރު މާޓިނޭޒްގެ މޫނުމަތިން ރުޅިވެރިކަން ފެނިގެންދިޔައެވެ. މެޗަށްފަހު ކެމެރާމަނެއް ވީޑިއޯ ކުރަމުންދިޔަ ވަގުތު މާޓިނޭޒް ވަނީ ކެމެރާއެއްގައި ޖަހައިފައެވެ. އަދި އެ ވަގުތު ކެމެރާކުރަން ހުރި ޖޯނީ ޖެކްސަން ވަނީ ދަނޑުމައްޗަށް ވެއްޓިފައެވެ.

އެކަމާ ގުޅޭގޮތުން ކެމެރާ އޮޕަރޭޓަރު ޖެކްސަން ދިން އިންޓަވިއުއެއްގައި ބުނީ މެޗަށްފަހު އޭނާ މަސައްކަތްކުރީ ކުޅުންތެރިންގެ ޝުއޫރުތައް ވީޑިއޯކުރުމަށް ކަމަށާއި އޭނާއަކީ އަބަދުވެސް އެފަދަ މަންޒަރުތައް ރެކޯޑުކުރުމަށް ދަނޑުމަތީގައި މަސައްކަތްކުރާ މީހެއް ކަމަށެވެ. އަދި އެގޮތުގެ މަތީން މާޓިނޭޒްގެ ހަރަކާތްތައް ވެސް ވީޑިއޯ ކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން މާޓިނޭޒްގެ މަންޒަރުތައް ރެކޯޑުކުރުމަށް އޭނާއާ ތަންކޮޅެއް ކައިރިއަށް ޖެހުނުތަނާ ވަނީ ދަނޑުމައްޗަށް ވައްޓާލާފަ. އަހަރެން މަސައްކަތްކުރަން ހުރި ވަގުތު އެފަދަ ކަމެއް ކުރުމުން އަހަރެންނަށް ވެސް ރުޅި އާދެވުނު. އަހަރެންނަކީ ދަނޑުމައްޗަށް އަރައި ކުޅުނު މީހެއް ވެސް ނޫން. އެކަމަކު އަހަރެން އޭނާއާ ދިމާއަށް އެއްވެސް އެއްޗެކޭ ނުބުނަން. އަހަރެން މާޓިނޭޒަށް ދޭން އޮތް މެސެޖަކީ މެޗުތަކުން ބަލިވާނެއޭ، އެކަން ގަބޫލުކުރުން ރަނގަޅުވާނެއޭ،" ޖެކްސަން ބުންޏެވެ.

މާޓިނޭޒްގެ އެ އަމަލުތައް ކުށްވެރިކުރުމަށް ކޮލަމްބިއާ ކުޅިވަރު ނޫސްވެރިންގެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މެޗަށްފަހު ކެމެރާމަނަށް މާޓިނޭޒް ހަމަލާ ދިން މައްސަލަ ކުށްވެރިކުރާ ކަމަށާއި އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށެވެ.

"މާޓިނޭޒްގެ އެ މައްސަލަ ބަލައި، އޭނާއާ މެދު ފިޔަވަޅު އެޅުމަށް މި ޖަމިއްޔާ އިން ފީފާއަށް ގޮވާލަން. މާޓިނޭޒްގެ އަމަލުތަކަކީ ކުރިއަށްއޮތް ޖީލުތަކަށް ރަނގަޅު ނަމޫނާއަކަށް ނުވާނެ،" އެ ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.

މާޓިނޭޒްގެ އެ މައްސަލަ ފީފާ އިން ބަލަން ފެށިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް އެ މައްސަލައިގައި މާޓިނޭޒަށް ސަސްޕެންޝަނެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.