މާދަމާ ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯޓޭޖް ސަބްސްޓޭޝަން ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑާ ގުޅުވާލައި، އެ ސަބްސްޓޭޝަން އެނާޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް މާލޭ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު 6:00 އާއި 7:00 ދެމެދު ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސްޓެލްކޯއިން ބުނީ، މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި ހައިވޯލްޓޭގް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިން ފީޑަރުތައް ހިމެނޭނެ ކަމަށެވެ.

މީގެ އިތުރުން، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުން އަންނަ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް ބުންޏެވެ.