ރާއްޖޭގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް، ކިރިގިސްތާނުން ރަން މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ ސޯޝަލް ސެންޓަރު އެތެރޭ ހޯލުގައި މިރޭ ކުޅުނު ފައިނަލުގައި ކިރިގިސްތާނުން ރާއްޖޭގެ މައްޗަށް ކުރި ހޯދާފައިވަނީ 3-2 ސެޓުންނެވެ. މެޗަށް ނުކުތް އިރު، ރާއްޖެއިން މުބާރާތުގެ ލީގު ބުރުގައި ކުޅުނު މެޗުތަކުން މޮޅު ނުވެވި އޮތީ ވެސް ކިރިގިސްތާން އަތުން އެކަންޏެވެ. މިއީ ކިރިގިސްތާނުން މި މުބާރާތުގެ ތާރީހުގައި ހޯދި ފުރަތަމަ ރަން މެޑަލްއެވެ. އޭގެ ކުރިން އެޓީމުން ވަނީ ލޯ މެޑަލްއެއް ހޯދައިފައެވެ. އަދި މިއީ މި މުބާރާތުގައި ރާއްޖެއިން ހޯދި ދެވަނަ ރިހި މެޑަލްއެވެ.

ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަދި ކާވާގެ ބައެއް އިސްވެރިން ވެސް މެޗު ބައްލަވައިލެއްވުމަށް ވަޑައިގެންނެވިއެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ކިރިގިސްތާނުގެ މައްޗަށް ކުރި ހޯދަން ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ކިރިގިސްތާނުގެ ޑިފެންސް ފެނުނީ ވަރަށް ވަރުގަދަކޮށެވެ. ރާއްޖެއަށް ގިނަ ޕޮއިންޓުތައް ގެއްލިގެންދިޔައީ ކިރިގިސްތާނުގެ ސާވިސްތައް ރަނގަޅަށް ރިސީވް ނުކުރެވުމުންނެވެ. އެ ސެޓު ކިރިގިސްތާނުން ގެންދިޔައީ 17-25 އިންނެވެ.

މެޗުގެ ދެވަނަ ސެޓުގައި ރާއްޖެއިން ފެށުން ރަނގަޅުކުރިއެވެ. އެގޮތުން ސެޓުގެ ކުރީކޮޅުގައި އައިޝަތު މާޖިދާ (މާޖި)ގެ ވަރުގަދަ ހަމަލާތަކެއް ފެނިގެންދިޔަ އިރު، ޝަހާ ޝާމިންގެ ތަފާތު ވެސް ފެނިގެންދިޔައެވެ. އަދި ޑިފެންސްގައި ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި އައިމިނަތު އަރީޝާގެ ރަނގަޅު ބްލޮކްތަކެއް ފެނިގެންދިޔައެވެ. ހައްވަގެ ޑިފެންސްގެ އިތުރުން އޭނާގެ އެޓޭކުތައް ވެސް ފާހަގަކޮށްލެވުނު އިރު، އޭނާގެ ހަމަލާތައް ބްލޮކްކުރުމަށް ކިރިގިސްތާނުގެ ކުޅުންތެރިންނަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ ސެޓުގައި ކިރިގިސްތާނުގެ ތަފާތަކަށް ފެނިގެންދިޔައީ އެޓީމުގެ ބާރު ސާވިސްތަކެވެ. ނަމަވެސް ކިރިގިސްތާނަށް ފަސޭހައިން ހޯދެން އޮތް ބޯޅަތަކެއްގައި ކައިރިކައިރީގައި ގޯސްތަކެއް ހެދި، ޕޮއިންޓުތަކެއް ގެއްލިގެންދިޔައެވެ. ސެޓުގެ ފަހުކޮޅު ޕްރެޝަރުގައި ކުޅެމުންދިޔަ ކިރިގިސްތާންގެ މައްޗަށް ރާއްޖެއިން ކުރި ހޯދީ 26-24 އިންނެވެ.

ތިންވަނަ ސެޓުގެ ކުރީކޮޅުގައި ވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، ދެ ޓީމަށް ވެސް ގޯސްތަކެއް ހެދިގެން ޕޮއިންޓުތަކެއް ގެއްލިގެންދިޔައެވެ. އެގޮތުން ސާވިސްތަކެއް ގެއްލިގެން ދިއުމާއި ފަސޭހަ ބޯޅަތަކެއް ގެއްލިގެންދިއުން ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން ވެސް ކިރިގިސްތާނުގެ ގިނަ ސާވިސްތަކެއް ބޭކާރުވެގެންދިޔައެވެ. ރާއްޖެއިން އެޑްވާންޑޭޖު ނަގަމުންދިޔައީ ޑްރޮޕް ބޯލްތަކެއް ކާމިޔާބުކޮށްގެންނެވެ. އަދި ރާއްޖޭގެ ޖޫޒާންގެ ރަނގަޅު ޑިފެންސެއް ވެސް ފެނިގެންދިޔައެވެ.

އޭގެ ފަހުން ކިރިގިސްތާންގެ ވަރުގަދަ އެޓޭކުތަކާއި ބާރު ސާވިސްތައް ރާއްޖެއަށް ރިސީވް ނުކުރެވި، ޕޮއިންޓުތަކެއް ގެއްލިގެންދިޔައެވެ. ސެޓުގެ ފަހުކޮޅުގައި ވަރުގަދަ ކުޅުމަކާއެކު ކިރިގިސްތާނުން ސެޓު ގެންދިޔައީ 18-25 އިންނެވެ.

ހަތަރުވަނަ ސެޓު ރާއްޖެއިން ރަނގަޅަށް ފެށި އިރު، ކެޕްޓަން ހައްވަގެ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް ހިފިތަން ފާހަގަވެގެންދިޔައެވެ. އޭގެ އިތުރުން ރާއްޖޭގެ ޝަހާ އާއި މާޖިގެ ހަމަލާތަކެއް ބްލޮކްކުރުމަށް ކިރިގިސްތާނަށް އުނދަގޫތަކަކާ ކުރިމަތިވިކަން ފާހަގަކޮށްލެވުނެވެ. ރާއްޖެއިން ރަނގަޅަށް ފަށައި ލީޑު ފުޅާކުރި ނަމަވެސް، ކިރިގިސްތާނުން ދިޔައީ ކުޅުން ވަރުގަދަކޮށް ލީޑު ހަނިކުރަމުންނެވެ.

ފުލުފުލުގައި ގިނަ އެޓޭކުތަކެއް ކުރަމުން ގޮސް، ސެޓުގެ ފަހުކޮޅުގައި ކިރިގިސްތާނުން ވަނީ ލީޑު ވެސް ހޯދައިފައެވެ. އޭގެ ފަހުން ސެޓު ނިމެނިކޮށް ރާއްޖެއިން ހިތްވަރާއެކު ކުޅެ، ލީޑު ހޯދައި ސެޓު ވެސް ގެންދިޔައެވެ. އެ ސެޓު ރާއްޖެއިން ގެންދިޔައީ 25-23 އިންނެވެ.

ދެ ޓީމު އެއްވަރުވުމާއެކު ނަތީޖާ ނެރުމަށް ހަތަރުވަނަ ސެޓެއް ކުޅެން ޖެހުނެވެ. ފުލުފުލުގައި ބާރު ހަމަލާތަކެއް އުފައްދަމުން ގޮސް، ކިރިގިސްތާނުން ސެޓުގެ ކުރީކޮޅުގައި ލީޑު ފުޅާކުރިއެވެ. ހާއްސަކޮށް ކިރިގިސްތާނުގެ ރޯޒާގެ ބާރު ހަަމަލާތައް ހުއްޓުވުމަށް ރާއްޖޭގެ ކުޅުންތެރިންނަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ. ލީޑު ދަމަހައްޓަމުން ގޮސް، ކިރިގިސްތާނުން މެޗު ކާމިޔާބުކުރީ ފަހު ސެޓު 15-9 އިންނެވެ.

މިހާތަނަށް ކާވާ މުބާރާތަކުން ރާއްޖޭގެ އަންހެން ޓީމަށް ރަން މެޑަލް ހޯދިފައި ނުވާ އިރު، 2019 ވަނަ އަހަރުގެ ފައިނަލުގައިވެސް ރާއްޖެ ވަނީ ވާދަކޮށްފައެވެ. އެފަހަރު ރާއްޖެ ފައިނަލުގައި ބަލިވީ ނޭޕާލް އަތުންނެވެ. ނޭޕާލަކީ އެފަހަރު ހޯސްޓް ގައުމެވެ.

އޭގެފަހުން މިއީ ރާއްޖެއަށް ކާވާ އަންހެން ޗެލެންޖް ކަޕް ފައިނަލަށް ދެވުނު ފުރަތަމަ ފަހަރެވެ. ރާއްޖެއިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި 3-1 ސެޓުން ތަޖިކިސްތާން ބަލިކޮށްގެންނެވެ.

އެ މުބާރާތުގައި މިއަދު ހަވީރު ތިންވަނަ ހޮވާ މެޗު ވެސް ވަނީ ކުޅެފައެވެ. އެ މެޗުގައި 3-1 ސެޓުން އަފްގާނިސްތާން ބަލިކޮށް، ލޯ މެޑަލް ހޯދާފައިވަނީ ތަޖިކިސްތާނެވެ. ފުރަތަމަ ދެ ސެޓު 25-18 އަދި 25-18 އިން ތަޖިކިސްތާން ގެންދިޔަ އިރު، ތިންވަނަ ސެޓު 19-25 އިން ގެންދިޔައީ އަފްގާނިސްތާނެވެ. ތަޖިކިސްތާނުން މެޗު ކާމިޔާބުކުރީ ފަހު ސެޓު 25-18 އިން ގެންގޮސްގެންނެވެ.