ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ލީގު ބުރުގައި ރޭ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ކޮލަމްބިއާ ކައިރިން ބަލިވިއިރު، ޕެރަގުއާއީ ކައިރިން ބްރެޒިލްވެސް ބަލިވެއްޖެއެވެ.
މިއަހަރު އޮތް ކޮޕާ އެމެރިކާގެ ފައިނަލުގައިވެސް ވާދަކުރި އާޖެންޓީނާއާއި ކޮލަމްބިއާ ރޭ ކުޅުނު މެޗުވެސް ފޯރިގަދަކޮށް ގޮސްފައިވާ އިރު، ރޭގެ މެޗު ފެށުމުގެ ކުރިން ޕޯޗުގަލްއިން ވަނީ އާޖެންޓީނާ ގައުމީ ސަލާމަށް ބޫ ކޮށްފައެވެ. މެޗުގެ ފަހުން އެކަމާ އާޖެންޓީނާގެ ކުޅުންތެރިންނާއި ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޔާސަން މޮސްގޭރާ ޖެހި ގޯލުން ކޮލަމްބިއާއިން ލީޑު ނަގާފައިވާ އިރު، އާޖެންޓީނާއިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި މެޗު އެެއްވަރު ކޮށްފައެވެ.
އެ ގޯލު ޖެހީ ނިކޮލަސް ގޮންޒާލޭޒްއެވެ. މެޗު އެއްވަރުވާން ދަނިކޮށް، ހޯމް ސަޕޯޓަރުން ހެއްވާލާ މެޗުން ކޮލަމްބިއާ މޮޅުކޮށްދިނީ ހަމޭސް ރޮޑްރިގޭޒް ޖެހި ގޯލުންނެވެ.
ބްރެޒިލް ރަށުން ބޭރުގައި ރޭ ޕެރަގުއާއީ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ ޑިއޭގޯ ގޮމޭޒެވެ.
ބްރެޒިލުން އެންމެފަހުން ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެޓީމު ވަނީ ބަލިވެފައެވެ. އެ ނަތީޖާތަކާއެކު ބްރެޒިލް އޮތީވެސް ތާވަލުގެ ފަސް ވަނައިގައެވެ. އެއީ އަށް މެޗުން 10 ޕޮއިންޓާއެކުގައެވެ.
ދެކުނު އެމެރިކާގެ ކޮލިފައިން ލީގު ބުރުގައި ދިހަ ޓީމުން ވާދަކުރާއިރު، އޮޓޮމެޓިކް ކޮލިފިކޭޝަން ފުރުސަތު ލިބެނީ ގަދަ ހަ ޓީމަށެވެ. ހަތްވަނައިގައި ނިންމާލާ ޓީމަށް ލިބެނީ އިންޓަކޮންޓިނެންޓަލް ޕްލޭ އޮފް ފުރުސަތެކެވެ.
މިވަގުތު ކޮލިފިކޭޝަން ގަރޫޕްގެ އެއްވަނައިގައި އޮތީ އާޖެންޓީނާއެވެ. ދެވަނައިގައި ކޮލަމްބިއާ އޮތް އިރު، ތިންވަނައިގައި އޮތީ އުރުގުއާއީއެވެ. ބަރެޒިލްގެ ކުރިން ހަތަރު ވަނައިގައި އޮތީ އެކުއެޑޯއެވެ. ހަވަނައިގައި މިވަގުތު އޮތީ ވެނެޒުއޭލާއެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން