މިވަގުތު ރާއްޖޭގެ ގައުމީ ރަސްމީ ފުޓުބޯޅަ ދަނޑުގެ ގޮތުގައި ބޭނުންކުރަ ގަލޮޅު ދަނޑު ހިމެނޭ ސަރަހައްދަކީ ސްޓޭޑިއަމެއް ތަރައްގީ ކުރަން އެންމެ އެކަށޭނެ ސަރަހައްދަކަށް ނުވާތީ، އިންޑިއާ ސަރުކާރުގެ އެހީގައި ދަނޑު މަރާމާތުކުރުމަށް ކުރަމުން އައި މަސައްކަތް ހުޅުމާލޭގައި ސްޓޭޑިއަމެއް އެޅުމަށް ބަދަލުކުރަން ވާހަކަ ދައްކަވާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ މެޗަކާއި ގައުމީ ޓީމުގެ މެޗުތައްވެސް ކުޅެން އޮތް ހަމައެކަނި ދަނޑު، ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ވީރާނާވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. 2019 ވަނަ އަހަރު ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރި ގޮތަށް، ކިރިޔާވެސް ބޭނުންކުރީ ސާފް ޗެމްޕިއަންޝިޕް 2021 ގައެވެ. އެއީ އެ ނޫން ގޮތެއް ނެތިގެންނެވެ. އަދި ލައިޓްތައް މައްސަލަ ޖެހި މުބާރާތްތައް ހަވީރު އެކަނި ކުޅެން ޖެހިފައިވަނިކޮށް، މިހާރުގެ ސަރުކާރުން ވަނީ އެމްއެންޑީއެފްއާ ހަވާލުކޮށް، ލައިޓްތައް ރަނގަޅުކޮށްފައެވެ.
އެ ހާލަތުގައި ދަނޑު އޮއްވައި، 2021 ވަނަ އަހަރު، ދަނޑު ހަދަން ފެށޭނެހެން ހީވެސް ވިއެވެ. ކުރީގެ މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ދަނޑުގެ ކުރެހުމެއްވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފައެވެ. ދަނޑު ހަދަން ފެށުމާއެކު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ހުޅުމާލެއަށް ބަދަލުރަން ނިންމި ހިސާބަކަށްވެސް ދިޔައެވެ. އެހެން ނަމަވެސް، އެ ކުރެހުމުގައި ކުލައެއް ނުޖެހުނެވެ. ހުރިހާ ކަމެއް ނިމިފައި ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، މަހްލޫފަށްވެސް އެ މަސައްކަތް ނުފެއްޓެވުނެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ސޯޝަލް ސެންޓަރު ކައިރީގައި ހުންނަވައި މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އޭރުގެ ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވީ އިންޑިއާއިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީއެއްގެ ތެރެއިން ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 380 މިލިއަން ރުފިޔާ) ހަމަޖެހިފައިވާ ކަމަށެވެ. އެ އަހަރު ދަނޑު ތަރައްގީ ކުރަން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައި، 2023 ވަނަ އަހަރު ބަޖެޓަށްވެސް 10 މިލިއަން ރުފިޔާގެ ބަޖެޓެއް ގައުމީ ދަނޑު ތަރައްގީކުރަން ހަމަޖެއްސިއެވެ. އެ މަސައްކަތް އިންޑިއާގެ އެހީގައި ކުރިއަށް ގެންދަން ކުރި މަސައްކަތް އެވަރުންވެސް ވީ ނާކާމިޔާބެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ގަލޮޅު ދަނޑު ސަރަހައްދަކީ ސްޓޭޑިއަމެއް އެޅުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އެހެންވެ އެ ސްޓޭޑިއަމް އެޅުން ހުޅުމާލެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"ގަލޮޅު ދަނޑުގައި ސްޓޭޑިއަމެއް އެޅުމަށް ހަމަޖެހިފައި އޮތް އެލްއޯސީގެ ދަށުން، އިންޑިއާގެ އެކްޒިމް ބޭންކްގެ އެހީއާއެކު. އެހެން ނަމަވެސް، އެކަން މިދިޔަ ސަރުކާރުގައި ވަނީ ނުކުރެވިފައި. ވިދާޅުވި ގޮތަށް ކުރިއަށް ނުގެންދެވިފައި. އަޅުގަނޑުމެންނަށް އެ ލޮކޭޝަނަކީ ސްޓޭޑިއަމެއް އަޅަން އެންމެ އެކަށޭނެ ލޮކޭޝަނަކަށް ނުވާތީ، އިންޑިއާ ސަރުކާރާ ދެމެދު ވާހަކަ ދެކެވި، ސްޓޭޑިއަމް އަޅަން ނިންމާފައި ވަނީ ހުޅުމާލޭ ފޭސް އެކެއްގައި. އެއީ ކުރިންވެސް ސްޓޭޑިއަމެއް އަޅަން ނިންމާފައިވާތަނެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑު ސަރަހައްދުގައި ސްޓޭޑިއަމެއް ތަރައްގީ ނުކުރެވޭނެ ސަބަބުތަކުގެ ތެރޭގައި ސަލަމާތީ ކަންކަމަށް ދިމާވާ ގޮންޖެހުންތަކާއި ޕާކިންނާއި ޓްރެފިކަށް އޮތް ގޮންޖެހުންތައް ހިމެނޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދަނޑު ހުޅުމާލޭގައި އަޅާނީ މަލްޓި ސްޕޯޓްސް ފެސިލިޓީއެއް އެކުގައި ތަރައްގީ ކޮށްގެން ކަމަށެވެ. އޭގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގެ ސިންތެޓިކް ޓްރެކް އެޅުމާއި، ޓީޓީ ހޯލެއްގެ އިތުރުން ވޮލީގެ ފެސިލިޓީއެއް ގާއިމުކުރުންވެސް ތާވަލުކުރެވިފައިވާ ކަމަށް މިނިސްޓަރު އިއްޔެ ވިދާޅުވިއެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު