ހުޅުމާލޭގެ ދުވާ ޓްރެކް އަލުން އެޅުމުގެ މަސައްކަތް އަންނަ މަހު އެއްވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރާފިއު އެހެން ވިދާޅުވީ އެ ޓްރެކް ހަލާކުވެފައި އޮތުމުގެ ކަންބޮޑުވުން ހިއްސާކޮށް މިރޭ "އަހާ ފޯރަމް"ގައި ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"ހުޅުމާލޭ ސަރަހައްދުގައި އޮތް ޓްރެކް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. އެތަނުގައި މިހާރު މުބާރާތްތައް ބާއްވަންވެސް ދަތިވާ ހިސާބަށް ގޮސްފައި އޮތީ. އަނެއްކަމަކީ، މިހާރު ވޯލްޑް އެތުލެޓިކްގެ ސްޓޭންޑާޑް އޮންނަ ގޮތުން ވޯލްޑް އެތުލެޓިކްސް ގަބޫލުނުކުރާ ފެންވަރުގެ ޓްރެކެއްގައި ކިތަންމެ ބާރަށް ދުވެ ރެކޯޑެއް ހެދިޔަސް، އެ ރެކޯޑު ގަބޫލެއް ނުކުރާނެ. އެހެންވީމަ އެ ޓްރެކް ހަދަން މި ޖެހެނީ ވޯލްޑް އެތުލެޓިކްސް ގަބޫލުކުރާ ފެންވަރަށް. އަޅުގަނޑުމެންގެ އެތުލީޓުން މި ހޯދާ ނަތީޖާ ގަބޫލުކުރާ ފެންވަރަށް. އެގޮތުގެ މަތިން ޓްރެކްގެ މެޓީރިއަލް އެއްކޮށް ބަދަލުކޮށް، އަލުން ޓްރެކެއް ހަދަން މި ޖެހެނީ. ބަދަލުކޮށްގެން ފަރުޖެހޭކަށް ނެތް. އެހެންވީމަ އަޅުގަނޑުމެން ފުލް ޕީޔޫ ޓްރެކެއް އެޅުމުގެ މަސައްކަތް މި ދަނީ ކުރަމުން. އަންނަ މަހު އެކަކުން ފެށިގެން އެ މަސައްކަތް އަމަލީ ގޮތުން ކުރެވެމުންދާނެ،" ރާފިއު މިރޭ ވިދާޅުވިއެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ އެ ޓްރެކަށް ބޭނުންވާ ސާމާނަށް މިހާރު ވަނީ އޯޑަރު ކުރެވިފައި ކަމަށާއި، ތަފްސީލު ކުރެހުންތައްވެސް މިހާރު ވަނީ ނިމިފައި ކަމަށެވެ. އޭގެ އިތުރުން މިނިސްޓަރު ފާހަގަކުރެއްވީ މާލެ ސަރަހައްދުގައި މިހާރު އޮތް ދެ ޓްރެކަކީވެސް އެންމެ އެކަށީގެންވާ މެޓީރިއަލްގެ ޓްރެކްތަކެއް ނޫން ކަމަށެވެ. އެގޮތުން މާލޭގެ ޓްރެކަކީ ސްޕްރޭ ފޯމް ޓްރެކެއް ކަމަށާއި، ހުޅުމާލޭ ޓްރެކަކީ ސޭންޑްވިޗް ފޯމް ޓްރެކެއް ކަމަށެވެ. މިހާރު ފުލް ޕީޔޫ ޓްރެކެއް އަޅަން ނިންމީ މާހިރުންނާއި އެސޯސިއޭޝަންގެ ލަފާގެ މަތިން ކަމަށްވެސް ރާފިއު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ދުވާ ޓްރެކްތަކެއް ހަދަން މަސައްކަތް ކުރަމުންދާ އިރު، ހަތަރު ސަރަހައްދެއްގައި އިންޑިއާގެ އެލްއޯސީގެ ދަށުން ޓްރެކް އަޅަން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ކުޅުދުއްފުށީ ސިޓީއާއި ފުވައްމުލައް، އައްޑޫ ސިޓީ އަދި ތިނަދޫގައެވެ. މިނިސްޓަރު މިރޭ ފާހަގަކުރެއްވީ އޭގެ ތެރެއިން ކުޅުދުއްފުށީ ސިޓީގެ ޓްރެކްގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ.
ރާފިއު ވިދާޅުވީ މިއަހަރު ފަސް ޓްރެކް ފެންވަރު ރަނގަޅުކޮށް އެޅިގެންދާނެ ކަމަށާއި، އެކަން ވެގެންދާނީ ޓްރެކް އެތުލީޓުންގެ ފެންވަރު އެހެން ހަރުފަތަކަށް ގެންދަން އެހީތެރިވެދޭނެ ކަމަކަށް ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ކޮމެންޓް