ހެންވޭރު، ސޯސަންމަގު ކޮޅުގައި ހުންނަ ގާމަގު ކެފޭ (ދޫހިމިރި) ގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސައާ ގުޅިގެން، އެ ގެ ތަޅާލަން ނިންމައިފިއެވެ.

ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މިނިސްޓްރީން ވަނީ ދޫހިމިރިގެ ތަޅާލުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ދޫހިމިރިގެ ތަޅާލުމުގެ މަސައްކަތް އެ މިނިސްޓްރީގެ މުވައްޒަފުން ކުރަމުންދާ މަންޒަރު ފެންނަ ފޯޓޯތަކެއް ވެސް އެކްސްގައި އާންމުކޮށްފައެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ ގާމަގު ކެފޭ (ދޫހިމިރި) ގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ މެންދުރުފަހު 3:00 ހާއިރު ކަމަށެވެ. އެ އަލިފާންގަނޑު ނިއްވާލެވިފައިވަނީ އިއްޔެ ހަވީރު 6:00 ހާއިރުއެވެ. ނަމަވެސް އެފަހުން ރޭގެ ވަގުތެއްގައި އަލުން އަލިފާން ރޯވެފައިވެއެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ އަލިފާން ރޯވި ވަގުތު މަގުމަތީގައި ތިބި ދެ މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ބިދޭސީ އަންހެނަކާއި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަކު ހާލުގައި ޖެހިފައިވާ ކަމަށެވެ.

"މީގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 15 ބިދޭސީން. މި ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން މިވަގުތު ދަނީ ކުރަމުން،" އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

ގާމަގު ކެފޭގައި އަލިފާން ރޯވި ސަބަބެއް ފުލުހުން އަދި އެމްއެންޑީއެފުން ވެސް މިހާތަނަށް ހާމައެއް ނުކުރެއެވެ.