ދެހާސް ސަތާރަ ވަނަ އަހަރުގެ ތެރޭގައި މާލޭގައި ބޮމެއް ގޮއްވާލަން އުޅުނު މައްސަލައަކާ ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކޮށްފައިވާ ފަރާތެއްގެ ވަކީލު އަޑުއެހުމަށް ހާޒިރުނުވުމުން 250 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މާލޭގައި ބޮމެއް ގޮއްވާލަން އުޅުނު އެ މައްސަލައިގައި ދައުލަތުން ވަނީ ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާކޮށްފައެވެ. އެއީ ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދު، ހދ. ނައިވާދޫ، ރިވެލި، ޝިމާން ޝަރީފް، ހއ. ހޯރަފުށި، ވިދުވަރު، ނާސިއު މުހައްމަދު އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.
ދައުވާ ލިބޭ ފަރާތްތަކުން މާލޭގެ ފަސް ސަރަހައްދެއްގައި ބޮމެއް ގޮއްވާލުމަށް މަސައްކަތް ކުރި ކަމަށް ދައުލަތުން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ދައުވާ ލިބޭ ނާސިއު މުހައްމަދުގެ ވަކީލު އިސްމާއިލް މުހައްމަދު، މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމެއް ހާޒިރުވެފައިނުވާތީ އެކަމުގެ ސަބަބު ސާފުކޮށްދިނުމަށް އެދިފައެވެ. އެ އަޑުއެހުން ބާއްވާފައިވަނީ އޮގަސްޓު 5 ގައެވެ.
އިސްމާއިލް މުހައްމަދު ވިދާޅުވީ އެ އަޑުއެހުމަށް އޭނާއަށް ހާޒިރު ނުވެވުނީ ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން ކަމަށެވެ. އޭނާ ރާއްޖެއިން ބޭރަށް ދާން ރިޓާން ޓިކެޓް ނެގި އިރު އަޑުއެހުން ބާއްވާ ދުވަހަށް ރާއްޖެއަށް އާދެވޭ ގޮތަށް ޓިކެޓް ލިބިފައިނުވާ ކަމަށެވެ. އަދި އެއީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ވަކީލު ވިދާޅުވި އެވެ.
ނަމަވެސް ގާޒީ ވިދާޅުވީ އެ އަޑުއެހުމަށް ހާޒިރުވުމަށް އަންގައި އޮގަސްޓު ފަހެއްގައި ނޯޓިސް ފޮނުވާފައިވާނެ ކަމަށެވެ. ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވަނިކޮށް އިސްމާއިލް އަހުމަދު ރާއްޖެއިން ފުރައިގެން ދިޔައީ ކޯޓުގެ ހުއްދަ ނުހޯދައި ކަމަށް ގާޒީ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އިސްމާއިލް އަހުމަދު ވިދާޅުވީ އޭނާ ރާއްޖެއިން ބޭރަށް ދިޔައީ ސަރުކާރު ބަންދު ދުވަސްތަކެއްގައި ކަމަށެވެ. އެހެންވެ ކޯޓުން ހުއްދަ ހޯދަން ޖެހޭނެކަން ގަބޫލުނު ކުރެވުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިގެން ގާޒީ ވިދާޅުވީ އިސްމާއިލް އަހުމަދުގެ ފަރާތުން ޝަރީއަތަށް ހާޒިރުނުވި ސަބަބު ކަމަށް ބުނެ ދައްކާ ވާހަކަ ގަބޫލު ނުކުރެއްވޭނެ ކަމަށެވެ. ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވުމުން، ވަކީލުން ވެސް ރާއްޖެއިން ބޭރަށް ދާން ޖެހޭނީ ކޯޓުގެ ހުއްދަ ހޯދައިގެން ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ ޝަރީއަތަށް ހާޒިރުނުވި މައްސަލައިގައި އިސްމާއިލް އަހުމަދު 250 ރުފިޔާއިން ޖޫރިމަނާ ކުރާ ކަމަށް ގާޒީ ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތަކީ ހެކިބަސް ނެގުމަށް ބޭއްވި ޝަރީއަތެއް ނަމަވެސް ދައުވާ ލިބޭ ޝިމާން ޝަރީފަށް ވަކީލަކު ހަމަޖެހިފައިނުވާތީ ހެކިބަސް ނެގުން ވަނީ ކެންސަލްކޮށްފައެވެ. ޝަރީއަތުގައި ވާހަކަދައްކަމުން ޝިމާން ބުނީ، އޭނާ ވަނީ ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިނުމަށް އެދި އެޓާނީ ޖެނެރަލް އޮފީސް، ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް އަދި ކުރިމިނަލް ކޯޓަށް ފޯމު ހުށަހަޅައިފައި ކަމަށެވެ.
ޝިމާންގެ އެ ވާހަކަތަކާ ގުޅިގެން ގާޒީ ވިދާޅުވީ އެ ފޯމުގައި ބައެއް މައުލޫމާތު ހިމަނާފައިނުވާތީ އެ ފޯމު ބަލައިނުގަނެވޭނެ ކަމަށެވެ. ޝިމާން ހުށަހެޅި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ބައެއް ލިޔެކިޔުންތައް ކަމަށްވާ ކައިވެނީގެ ސެޓްފިކެޓާއި ބޭންކު ސްޓޭޓްމެންޓު ހުށަހަޅާފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޝިމާން ޝަރީފަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖެހެން ދުވަސްތަކެއް ނަގާނެތީ ގާޒީ ވަނީ މިއަދުގެ އަޑުއެހުން ނިންމާލައިފައެވެ. އަދި ވަނީ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފައިވާ އަޑުއެހުން ވެސް ކެންސަލްކޮށްފައެވެ. ގާޒީ ވިދާޅުވީ ދެން އެ މައްސަލައިގައި އަޑުއެހުމެއް ބާއްވާނެ ދުވަސް ކޯޓުން އަންގާނެ ކަމަށެވެ.
ޝަރީއަތުގައި ވާހަކަދައްކަން ލިބުނު ފުރުސަތުގައި ދައުލަތުން ވިދާޅުވީ ދައުވާ ލިބޭ ފަރާތްތަކުން ޓެރަރިޒަމާއި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލުތަކެއް ހިންގަން އުޅޭކަމުގެ ރިޕޯޓް ލިބިގެން ފުލުހުން ވަނީ ހަތަރު ތަނެއް ބަލައިފާސްކޮށްފައި ކަމަށެވެ. އެއީ މއ. ކިނާރާ ހައުސް އަދި މއ. އެނބޫގައި ހުންނަ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހާއި މއ. ނަމޫނާގޭގެ އިތުރުން މ. ވޯލްނަޓްއެވެ.
އެތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި އައިއީޑީ ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ފެނިފައިވާ ކަމަށާއި ދައުވާ ލިބޭ ފަރާތްތަކުން މަސައްކަތް ކުރީ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާ ދުވަހަކު އައިއީޑީ ބޭނުންކޮށްގެން އެ ޖަލްސާއަށް ހަމަލާ ދިނުމަށް ކަމަށެވެ.
މި މައްސަލައިގައި ދައުވާ ކުރި މުހައްމަދު ތަސްލީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ވެސް އުޅުނު މައްސަލައިގައި ހިމެނޭ މީހެކެވެ. އަދި ހަރުކަށި އިސްލާމިކް ސްޓޭޓަށް ތާއިދުކުރާ ބައެއް މީހުން ވެސް އެ މައްސަލައިގައި ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު