ހެންވޭރު، ސޯސަންމަގު ކޮޅުގައި ހުންނަ ގާމަގު ކެފޭގައި އަނެއްކާވެސް އަލިފާން ރޯވެގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ގާމަގު ކެފޭގައި ފުރަތަމަ އަލިފާން ރޯވެފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އޭރު ސިފައިންނާއި ފުލުހުން ވަނީ އެ އަލިފާންގަނޑު ކޮންޓްރޯލުކޮށްފައެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަނެއްކާވެސް އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިއަދު މެންދުރުފަހު ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް އަލިފާން ރޯވި ވަގުތު މަގުމަތީގައި ތިބި ދެ މީހަކަށް ދުމުގެ އަސަރުކޮށްގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެއީ ބިދޭސީ އަންހެނަކާއި ފިރިހެނެކެވެ.

މިއަދު މެންދުރުފަހު އެތަނުގައި ރޯވެފައިވާ ވީޑިއޯއެއް އާންމުވެފައިވާ އިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ރޯވެފައިވަނީ އެ ކެފޭގެ މަތީ ފްލޯގައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަކު ހާލުގައި ޖެހިފައިވާ ކަމަށެވެ.

"މީގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 15 ބިދޭސީން. މި ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން މިވަގުތު ދަނީ ކުރަމުން،" އެންޑީއެމްއޭ އިން ބުންޏެވެ.

ގާމަގު ކެފޭގައި އަލިފާން ރޯވި ސަބަބެއް ފުލުހުން އަދި އެމްއެންޑީއެފުން ވެސް އަދި ހާމައެއް ނުކުރެއެވެ.