ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި ރޭ ކިރިގިސްތާން ކައިރިން ބަލިވުމާ އެކު، ލީގު ބުރުގެ ދެވަނައާ އެކު ރާއްޖެއިން ސެމީ ފައިނަލްގައި ތަޖިކިސްތާނާ ވާދަކުރަން ޖެހިއްޖެއެވެ.

ކާވާ އަންހެން ޗެލެންޖް ކަޕްގައި މިފަހަރު ރާއްޖެ އާއި ތަޖިކިސްތާން، ކިރިގިސްތާނުގެ އިތުރުން އަފްގާނިސްތާން ވާދަކުރެއެވެ. ރާއްޖެއިން ލީގު ބުރުގައި އަފްގާނިސްތާނާއި ތަޖިކިސްތާން ބަލިކޮށްފައިވާ އިރު، ރޭ ކިރިގިސްތާން ކައިރިން ބަލިވީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓުތައް ދިޔައީ, 31-29, 25-16 އަދި 25-13 އިންނެވެ. ފުރަތަމަ ސެޓުގައި ރާއްޖެއިން ކިރިގިސްތާނާ ވާދަކޮށްލި ނަމަވެސް، 2019 ވަނަ އަހަރު ކާވާ މުބާރާތުގެ ފަހުން ކިރިގިސްތާން ބަލިކުރަން ރާއްޖެއިން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އެހެން ނަމަވެސް، ރާއްޖޭގެ ޓީމުން ރަނގަޅު މަސައްކަތްތަކެއް ކުރިތަން، ވާދަވެރި ރެލީތަކުން ފެނިގެން ގޮސްފައިވެއެވެ.

ރޭގެ މެޗުން ބަލިވުމާ އެކު ރާއްޖެއަށް ލީގު ބުރުގެ ދެވަނަ ލިބުނު އިރު، ދެވަނަ ޓީމު، މާދަމާ ރޭ އޮންނަ ސެމީގައި ވާދަކުރަން ޖެހޭނީ ތިންވަނައަށް ދިޔަ ތަޖިކިސްތާނާއެވެ. އެއްވަނައިގައި ކިރިގިސްތާން ނިންމާލި އިރު، އެޓީމުން ސެމީގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.