ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން، ގދ. ފިޔޯރީ، ލަންސިމޫގެ، ފަރުހާދު ރަޝީދު، އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަރުހާދު އެ މަގާމަށް އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ ޖޭއެސްސީއަށް ފަރުހާދު އައްޔަންކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފައެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން ފަރުހާދު ވަނީ މަގާމު ހުވައި ކުރައްވައިފައެވެ. ފަރުހާދު ހުވައިކުރެއްވީ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައެވެ. އޭނާއަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ހުވައި ކުރެއްވުމަށްފަހު ފަރުހާދު ވަނީ ހުވައިގެ އިގުރާރުގައި ސޮއިކުރައްވައިފައެވެ.

ފަރުހާދަކީ 2013 ވަނަ އަހަރުން ފެށިގެން ސިވިލް ކޯޓުގެ ގާޒީކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒުން ބެޗްލާސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލުކުރައްވައިފައެވެ.