ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ތަޖިކިސްތާންވެސް ބަލިކޮށް، ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

ކާވާ އަންހެން ޗެލެންޖް ކަޕްގައި މިފަހަރު ރާއްޖެ އާއި ތަޖިކިސްތާން، ކިރިގިސްތާނުގެ އިތުރުން އަފްގާނިސްތާން ވާދަކުރެއެވެ. އިއްޔެ މުބާރާތް ފެށި އިރު، ރޭ ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި އަފްގާނިސްތާން ބަލިކުރީ ސީދާ ތިން ސެޓުންނެވެ. އަދި މިރޭގެ މޮޅާއެކު ރާއްޖެއަށް ސެމީގައި ފަސޭހަ މެޗެއް ޖެހުމުގެ ފުރުސަތު ބޮޑުވާނެއެވެ. އެއީ ލީގު ބުރު އެއްވަނައިގައި ނިންމާލައިގެންނެވެ.

ސެމީގައި ކުޅޭނީ ލީގު ބުރުގެ އެއްވަނައާއި ހަތަރު ވަނަ ޓީމު އަދި ދެވަނައާއި ތިންވަނަ ޓީމެވެ.

މިރޭ ސޯޝަލް ސެންޓަރުގައި ކުޅުނު މެޗުގައި ރާއްޖެއިން ތަޖިކިސްތާން ބަލިކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ރާއްޖެއިން 25-18 އަދި 25-12 އިން ގެންގޮސްފައިވާ އިރު، ތަޖިކިސްތާނުން ވަނީ ހިތްވަރުކޮށް، ތިންވަނަ ސެޓު 25-21 އިން ގެންގޮސްފައެވެ. އެހެންނަމަވެސް ރާއްޖެއިން ވަނީ ހަތަރުވަނަ ސެޓުގައި ފޯމު ރަނގަޅުކޮށް، 25-16 އިން ސެޓު ގެންގޮސްފައެވެ.

މިރޭގެ މެޗު ފެށިގެން ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ކޮޅުގައި ތަޖިކިސްތާނުން ލީޑެއް ނެގި ނަމަވެސް، 10 ވަނަ ޕޮއިންޓާ ހަމައިން ރާއްޖެ ފެނުނީ މާ ބޮޑަށްވެސް ކުޅުން ރަނގަޅުކޮށެވެ. ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާގެ އިތުރުން އައިމިނަތު ޝަހާ ޝާމިންގެ ރަނގަޅު އެޓޭކްތައް ރާއްޖެއިން ފެނިގެން ދިޔަ އިރު، އައިމިނަތު އަރީޝާގެ ރަނގަޅު ޑިފެންސިވް ކުޅުންވެސް ފާހަގަވެގެން ދިޔައެވެ. އޭނާގެ ފަރާތުން ރަނގަޅު ބްލޮކްތަކެއްވެސް ފެނިގެން ދިޔަ ސެޓުގެ ފަހުކޮޅުގައި ރާއްޖެއިން ވަނީ ފަހުކޮޅަށް ގޮސް، ފަސޭހަކޮށް ސެޓު ގެންގޮސްފައެވެ. އެއީ 25-18 އިންނެވެ.

ދެވަނަ ސެޓުގެ ކުރީކޮޅުގައިވެސް ރާއްޖެއާއި ތަޖިކިސްތާން ދާދި ހަމަހަމަކޮށް ފެނުނު ނަމަވެސް، ސެޓުގެ މެދެއްހާ ހިސާބުން ރާއްޖެއިން އުންމީދުގައި ކުޅެން ފެށިއެވެ. މަޖިދާއާއި އައިމިނަތު ރިޔާސާ އަދި ކެޕްޓަން ހައްވަގެ ބާރު އެޓޭކްތައްވެސް ފަހުކޮޅުގައި ފެނިގެންދިޔަ އިރު، ސެޓުގެ ފަހުކޮޅުގައި ފާތިމަތު ސަމްހާގެ ފެންވަރު ރަނގަޅު ސާވިސްތަކަކާއެކު ރާއްޖެއިން ސެޓު ގެންދިޔައީ 25-12 އިންނެވެ.

ތިންވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިން އަތުން ކޮންމެވެސް ވަރަކަށް ގޯސްތައް ހެދި ޕޮއިންޓުތައް ގެއްލުނެވެ. އަދި މޮޅަށް ކުޅުނު ފާތިމަތު ޖޫޒާން ޒަރީރުގެ ރަނގަޅު ސެޓިންތަކެއް ބޭކާރުވެގެން ދިއުމުން ތަޖިކިސްތާނުން ވަނީ ހިތްވަރާއެކު 25-21 އިން ސެޓު ގެންގޮސްފައެވެ. އެ ސެޓާއެކު ރާއްޖެއަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކުރިމަތިވި ނަމަވެސް، ފަހު ސެޓުގައި ޓީމުން ވަނީ ބުރަ މަސައްކަތަކާއެކު ނަތީޖާ ނެރެފައެވެ.

ހަތަރުވަނަ ސެޓުގައި ރާއްޖެއިން ފުރަތަމަ ދެ ސެޓެކޭ އެއްގޮތަށް ރަނގަޅު އެޓޭކްތަކެއް ކުރި އިރު، އެ އެޓޭކްތަކުގައި ކެޕްޓަން ހައްވައާއި މާޖިދާގެ ދައުރު ރަނގަޅަށް ފެނިގެން ދިޔައެވެ. އަދި ތިންވަނަ ސެޓުގައި ހެދުނު ގޯސްތައް ދިވެހި ޓީމުން ރަނގަޅުކޮށް، ރާއްޖެއިން ވަނީ މެޗު ކާމިޔާބުކުރަން ހިތްވަރު ހޯދައިފައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއިން އެ ސެޓު ގެންދިޔައީ 25-16 އިންނެވެ. ސެޓުގެ މެދުތެރެއިން ފެށިގެން ރާއްޖެ ނިންމާލީ ބޮޑު ލީޑެއްގައެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކިރިގިސްތާނުން ސީދާ ތިން ސެޓުން އަފްގާނިސްތާން ބަލިކުރި އިރު، މާދަމާ ރޭ ރާއްޖެއިން ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ. ދެ ޓީމުންވެސް މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެފައިވާ އިރު، ރާއްޖެއަށް މާދަމާ ރޭގެ މެޗު މުހިއްމުވަނީ ލީގު ބުރުގެ އެއްވަނަ ޔަގީންކުރުމަށެވެ.