ނެދަލޭންޑްސްގެ ޒުވާން ވިންގް، ސްޓެވެން ބާގްވިން ސައުދީ އަރަބިއާގެ އަލް-އިއްތިހާދަށް ބަދަލުވުމަކީ ފައިސާގެ ދަހިވެތިކަމުގައި ނިންމި ނިންމުމެއް ކަމަށާއި ދެން ގައުމީ ޓީމުން އޭނާއަށް ފުރުސަތު ނޯންނާނެ ކަމަށް ކޯޗު ރޮނާލްޑޯ ކޫމަން ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ބާގްވިން އަޔެކްސް ދޫކޮށް، ސައުދީގެ އިއްތިހާދަށް ދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާ އަޔެކްސް ދޫކޮށް އެ ކްލަބަށް ބަދަލުވީ 17.7 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭގެ އިތުރުން ބާގްވިން އާއެކު އިއްތިހާދުންވެފައި ވަނީ މުސާރަ ބޮޑު އެއްބަސްވުމެއް ކަމަށްވެސް ނޫސްތަކުން ވަނީ ޔަގީން ކޮށްދީފައެވެ.

ބާގްވިންއަށް ފުރަތަމަ ގައުމީ ޓީމުން ޖާގަ ދިނީވެސް ކޫމަންއެވެ. އެއީ އޭނާ އެންމެ ފުރަތަމަ ނެދަލޭންޑްސް ކޯޗަކަށް މަސައްކަތް ކުރިއިރުއެވެ. 2018 ވަނަ އަހަރު ބާގްވިން ނެދަލޭންޑްސް ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅެ، މިހާރު ވަނީ 35 މެޗު ކުޅެ، އަށް ގޯލު ޖަހައިފައެވެ.

ޕީއެސްވީގެ އެކަޑެމީން ސީނިއާ ފުޓުބޯޅައަށް ނުކުމެ ޓޮޓެންހަމްއަށްވެސް ކުޅުނު ބާގްވިން ސައުދީ ލީގަށް ބަދަލުވުމާއެކު ކޫމަން ބުނެފައިވަނީ އެ ނިންމުމަކީ ފުޓުބޯޅައިގެ ވިސްނުމުން ނިންމި ނިންމުމެއް ނޫން ކަމަށާއި އެއީ ފައިސާގެ ދަހިވެތިކަމުގައި ނިންމި ނިންމުމެއް ކަމަށެވެ. އަދި ބާގްވިންގެ ނިންމުމާއެކު ގައުމީ ޓީމުގައި އޭނާއަށް އޮތް ފުރުސަތާ މެދު އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށްވެސް ކޫމަން ބުންޏެވެ.

އެ ވާހަކަތަކާއެކު ބާގްވިން ވަނީ ކޫމަންގެ ކޯޗުކަމުގެ ދަށުގައި ނެދަލޭންޑްސްއަށް ކުޅެން ބޭނުން ނުވާ ކަމަށާއި ގައުމީ ޓީމަށް އިހުލާސްތެރި ކޯޗެއް ނަމަ، އެފަދަ ވާހަކަތައް މީޑިއާގައި ދެއްކުމުގެ ކުރިން، އޭނާ ގާތުގައި ދައްކަން ވާނެ ކަމަށް ބުނެފައެވެ. އަދި ކޫމަން ފާޑުފާޑުގެ ވާހަކަތައް ދެއްކުމުގެ ކުރިން ބާގްވިންގެ ވާހަކަތައް އަޑުއެހިނަމަ، ކަންކަން ރަނގަޅަށް ގެންދަން ފުރުސަތު ލިބުނީސް ކަމަށްވެސް އޭނާ ބުންޏެވެ.