ބެލްޖިއަމްގައި އިސްރާއީލާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާ ތަކާއެކު ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބަލައި ހަންގޭރީގައި ސަޕޯޓަރުން ނުވައްދާ ކުޅުނު މެޗުގައި ބެލްޖިއަމުން އިސްރާއީލްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ޔޫއެފާ ނޭޝަންސް ލީގު، ލީގު އޭގެ ގްރޫޕް ދޭއްގައި ރޭ ބެލްޖިއަމުން ކުޅުނު މެޗުގައި އިސްރާއީލް ބަލިކުރީ 3-1ގެ ނަތީޖާ އަކުންނެވެ. އެ މެޗުގެ ކުރިން ބޮޑެތި މައްސަލަތަކެއް ވަނީ ދިމާވެފައެވެ. އިސްރާއީލްގެ މެޗެއް ބެލްޖިއަމްގައި ކުޅޭތީ، އެ ގައުމުގައި އިސްރާއީލްގެ ލާއިންސާނިއްޔަތާ ދެކޮޅަށް އަޑުއުފުލުމުން، ބެލްޖިއަމް އިން ވަނީ އެ މެޗު ކުޅޭ ދަނޑު ބަދަލުކޮށްދޭން އެދިފައެވެ. އިސްރާއީލުން ގައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދު ކޮށްލާފައިވާއިރު، އެކަމާ ދެކޮޅަށް ޔޫރަޕްގެ ގިނަ ގައުމުތަކެއްގައިވެސް ދަނީ މުޒާހަރާތައް ކުރަމުންނެވެ.
އެ ނުތަވަސްކަމުގެ ތެރެއިން ބެލްޖިއަމްގެ އެދުމުގެ މަތިން ޔޫއެފާ އިން ނިންމީ ހަންގޭރީގައި ސަޕޯޓަރުން ނުވައްދާ މެޗު ކުޅުމަށެވެ.
ރޭގެ މެޗުގެ 21 ވަނަ މިނެޓުގައި ޖެރެމީ ޑޮކޫ ތަނަވަސްކުރި ފުރުސަތުގައި ބެލްޖިއަމަށް ލީޑު ނަގައި ދިނީ ކެވިން ޑި ބްރޭނާއެވެ. އެހެންނަމަވެސް ހާފު ނިމުމުގެ ކުރިން އިސްރާއީލުން މެޗު އެއްވަރުކުރިއެވެ. އެއީ ޓިމޮތީ ކަސްޓާނިއޭ ބޮލުގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެވެސް ބެލްޖިއަމް ވަނީ ހާފުގެ ތިންވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ލޮއިސް އޮޕެންޑާ ޖައްސާލި ބޯޅަ ގޯލަށް ވައްދާލައި ދެވަނަ ފަހަރަށް ބެލްޖިއަމަށް ލީޑު ނަގައި ދިނީ ޔޫރީ ތީލަމަންސްއެވެ. މެޗުގައި ބެލްޖިއަމްގެ ތިންވަނަ ގޯލު ޑި ބްރޭނާ ޖެހީ ޕެނަލްޓީއެއްގައެވެ.
ބެލްޖިއަމަށް އިތުރު ޕެނަލްޓީއެއްވެސް މެޗުގައި ލިބުނެވެ. އެ ޕެނަލްޓީ އޮޕެންޑާ ފޮނުވާލި ނަމަވެސް، އެ ބޯޅަ އިސްރާއީލްގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު